15 އޯގަސްޓް 2018 - 15:09
ޒިކާ ވައިރަސް ރާއްޖޭން ފެނިދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް އެސްއޯއެސް އިން ދީފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސިއްހީ އަދި ދަތުރުފަތުރު ކުރުމުގައި ސަލާމަތީ ހިދުމަތް ދޭ ޖަމާއަތެއް ކަމަށްވާ އިންޓަނޭޝަނަލް އެސްއޯއެސް އިން މިދިޔަ ހަފުތާގައި ނެރުނު ނޯޓިސްގައި ބުނެފައި ވަނީ ޒިކާ ވައިރަސް ރާއްޖޭގައި ފެނުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ރާއްޖޭގެ އިތުރުން މި ނޯޓިސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 40 އަށް ވުރެ ގިނަ ގައުމު ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި އާންމު ކޮށް ދިވެހިން ގޮސް އުޅޭ ގައުމުތައް ކަމަށްވާ އިންޑިއާ، މެލޭޝިއާ އަދި ތައިލޭންޑް ހިމެނެ އެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރުމަށް ގިނަ އަދަދެއްގެ ބިދޭސީން އަންނަ ބަނގްލަދޭޝް، ފިލިޕީންސް އަދި އިންޑޮނޭޝިއާ ވެސް ހިމެނެ އެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން މި ގައުމުތައް ކްލެސިފައި ކޮށްފައި ވަނީ ދެ ވަނަ ކެޓަގަރީގަ އެވެ. އެއީ، 2015 ގެ ފަހުން އެ ގައުމަކުން ޒިކާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ މީހުން ފެނި، ދެވަނަ ފަހަރަށް އެ ވައިރަސް ނުފެތުރޭ ގައުމުތަކެވެ. ނަމަވެސް މި ގައުމުތަކުން ވެސް އެ ބަލީގެ އަލާމާތްތައް ފެނުން މުޅިން ހުއްޓުމަކަށް ނާންނަ ގައުމުތަކެވެ.
އިންޓަނޭޝަނަލް އެސްއޯއެސް އިން ނެރިފައިވާ ނޯޓިސްގައި ބުނެފައިވަނީ ޖިންސީ ގުޅުމުން ވެސް މި ވައިރަސް ފެތުރޭ ކަމަށެވެ. އެހެންކަމުން މާބަނޑު އަންހެނުން ޒިކާ ވައިރަސް ފެތުރޭ ގައުމުތަކަށް ނުދިއުމަށް އަންގާފައިވެ އެވެ. އަދި މި ބަލި ފެތުރޭ ގައުމަކަށް ދިއުމަށް ފަހު، ގާތްގަނޑަކަށް ހަ މަސް ވަންދެން ދަރިން ހޯދުން މަޑުޖައްސާލުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.
އީޑީސް މަދިރީގެ ސަބަބުން ފެތުރޭ މި ނުރައްކާތެރި ބަލީގެ އަލާމާތްތައް ޑެންގީގެ އަލާމާތްތަކާ އެއްގޮތެވެ. ހުން އައުމާއި، ގައިގައިި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހި ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގައި އަދި ބޮލުގައި ރިއްސުން ހިމެނެ އެވެ. މާބަނޑު މީހަކަށް ޒިކާ ޖެހިއްޖެ ނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯސެފަލީ ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޯ ކުޑަވެ އައިބުވުމުގެ މައްސަލަ ކުރިމަތިވާކަން ވަނީ ކަށަވަރުވެފަ އެވެ.
ޒިކާ ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 1947 ވަނަ އަހަރު ޔޫގެންޑާ އިން ރާމާމަކުނުންނެވެ. މިއީ އާންމުކޮށް އިންސާނުންނަށް ޖެހޭ ބައްޔަކަށް އޭރު ނުވާތީ އެހާ ސީރިއަސް ކަމެއްގެ ގޮތުގައި ބެލެވިފައެއް ނުވެ އެވެ. ނަމަވެސް 2015 ވަނަ އަހަރު ބްރެޒިލުގައި ފެތުރެން ފެށި މި ބަލި އޭރު ވަނީ 70 ގައުމަކުން ފެނިފަ އެވެ. ނަމަވެސް ދިވެއްސަކަށް މި ބަލި ޖެހުމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޮން
15 August 2018
ޔާ ﷲ އަޅަމެން ނުބައި ބަލިތަކުން ސަލާމަތް ކުރައްވާށި.... އާމީން
ށަމީރު ޢާޒީ
15 August 2018
ތީ ވެދާނެ ސިއާސީ ވައިރަސް އަކަށް...