650 މިލިއަން ޑޮލަރަށް އެއާޕޯޓް ތަރައްގީ ކުރެވެން އޮތް: މަލީހް

ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެއް ބިލިއަން ޑޮލަރަށް ތަރައްގީ ކުރަމުން އަންނަނީ 650 މިލިއަން ޑޮލަރަށް އެކަން ކުރެވެން އޮއްވައި ކަމަށް މި ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިރޭ ވިދާޅުވެއްޖެ އެވެ.


ކުނޫޒުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓޫރިޒަމް ކޮމެޓީގެ ޗެއާއަކަށް ހުންނެވި މަލީހް ވިދާޅުވީ މި ސަރުކާރުގެ ކުރީކޮޅު ޖަޕާނާއި ހެޔޮ އެދޭ އެހެން ގައުމުތަކުގެ އެހީތެރިކަމާއެކު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫ 650 މިލިއަން ޑޮލަރަށް ކުރެވެން އޮތް ކަމަށެވެ.

"މިއީ 650 މިލިއަން ޑޮލަރަށް ނިންމެން އޮތް އެއާޕޯޓެއް ނިންމަވަނީ 1.2 ބިލިއަން ޑޮލަރަށް. ކުރާ ކޮންމެ ކަމެއް ތަކުރާރުކޮށް ކުރަންވަން ޖެހޭ ގޮތަށް ކުރައްވަނީ،" މަލީހް ވިދާޅުވި އެވެ.

އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނަގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގައި، ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭ އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރަންވޭގެ އިތުރުން ޕަސެންޖާ ޓާމިނަލެއް ހަދާއިރު، ސަރުކާރުން ލަފާ ކުރާ ގޮތުގައި މި މަޝްރޫއު ނިމުމުން، 7.5 މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެވެ.

މަލީހް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރެއްވީ ދައުލަތުގެ ހަރުމުދާ ވިއްކުމަށެވެ. އެގޮތުން މާލޭގެ ސީ ޕޯޓާއި ފ. އަތޮޅު ވިއްކާލަން އުޅުއްވި ކަމަށް މަލީހް ވިދާޅުވި އެވެ. އަދި މާލެ އަތޮޅުގައި ނުވިއްކާ ފަރެއް، ގިރިއެއް ނެތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރާއްޖޭގެ ވިޔަފާރިތައް ހިމާޔަތް ކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވައުދުވެ ވަޑައިގެންނެވި އިރު މިހާރު އެއްވެސް ވިޔަފާރިއަކަށް ހިމާޔަތް ނެތް ކަމަށް މަލީހް ވިދާޅުވި އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނި 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް ރިސޯޓްތަކަށް އަރައި ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާނެ އެތައް ކަމެއް ރައީސް ޔާމީންގެ ސަރުކާރުން ކުރައްވާފައިވާ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު 26 ބިލިއަން ރުފިޔާގައި ހުރި ދަރަނި މިހާރު 50 ބިލިއަނަށް ރުފިޔާ އަށް އަރާ ކަމަށެވެ. އަދި އިތުރު ދައުރެއް ރައީސް ޔާމީނަށް ދީފިނަމަ ދަރަނި 70 ބިލިއަނަށް އަރާނެކަމަށް ވިދާޅުވި އެވެ.