އީސީގެ އައިޓީ ކަންކަމުގައި ބޭރުގެ ބަޔަކު އުޅޭ ކަމަށް ތުހުމަތުކޮށްފި

ރިޔާސީ އިންތިޚާބަށް މަސް ދުވަހަށް ވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އައިޓީ ކަންކަމުގައި ބޭރުގެ ކުންފުންޏެއްގެ އެހީ ހޯދަމުން އަންނަ ކަމަށް ތުހުމަތުކޮށް، އިދިކޮޅު ޕާޓީތަކުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.


އިދިކޮޅު ޕާޓީތަކުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލެކްސްޓަން ކިޔާ ކުންފުންޏަކުން އިލެކްޝަންސް ކޮމިޝަންގައި ހަރަކާތްތެރިވާ ސަބަބު އެ ކޮމިޝަނުން ސާފު ކޮށްދޭން ޖެހޭ ކަމަށެވެ. އެ މީހުން އިލެކްޝަންސް ކޮމިޝަނާ އެކު ކުރާ ކަމަކާއި އެ މީހުންނާ ހަވާލުކުރީ ކޮން މަސައްކަތެއް ކަން ވެސް ސާފު ކޮށްދޭން އީވާ ގޮވައިލެއްވި އެވެ.

އީވާ ކުރެއްވި ޓުވީޓް.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންތަކެއް މިދިޔަ ޖޫން މަހު ނުވަތަ ޖުލައި މަހުގެ ތެރޭގައި، ޗައިނާ އަށް ވަޑައިގެން އެ މީހުންނާ ބައްދަލުކޮށްފައިވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. ސައުތު އެފްރިކާގެ އެ ކުންފުނީގެ އޮފީސްތައް ޗައިނާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ހުރެ އެވެ.

މިއީ، ޒިމްބާބުވޭ ފަދަ ޚުދުމުހުތާރު ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަންތަކާ ގުޅިގެން އިންތިޚާބުގައި މަކަރާއި އޮޅުވާލުން ހަދާފައިވާ ކުންފުންޏެއް ކަމަށް އެކި ފަރާތްތަކުން ތުހުމަތުކޮށްފައިވެ އެވެ.

އީވާގެ ޓުވީޓާ ގުޅިގެން، ކަންބޮޑުވުން ފާޅުކުރި މީހުން ތުހުމަތު ކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ބޭނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ސިސްޓަމްތައް މެދުވެރިކޮށް ރިޔާސީ އިންތިޚާބުގެ ވޯޓުގައި މަކަރު ހަދަން އެހީވުމެވެ.

އެ މީހުން ރާއްޖެ އައިސް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ސިސްޓަމްތައް ޗެކްކުރުމަކީ މައްސަލައެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އަދި އެ ކުންފުނީގެ ބަޔަކު ޑީއެންއާރު ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ކަމަށް ބުނެ ފޮޓޯއެއް ވެސް ވަނީ އާއްމުކޮށްފަ އެވެ.

ލެކްސްޓޮން ގްރޫޕްގެ ބަޔަކު ޑީއެންއާރުގެ ތެރޭގައި ކަމަށް ބުނެ އާއްމުކޮށްފައިވާ ފޮޓޯއެއް.

ލެކްސްޓޮން އިން އިލެކްޝަންސް ކޮމިޝަނުގެ އައިޓީގެ ކަންކަމުގެ ތެރޭގައި އުޅޭ ކަމަށް ކުރާ ތުހުމަތު އެ ކޮމިޝަނުން ދޮގު ކުރެ އެވެ.

އީސީގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ އެ ކޮމިޝަނުގެ އައިޓީ ކަންކަން ނުވަތަ ރިޔާސީ އިންތިޚާބާ ގުޅޭ އެއްވެސް ކަމެއްގައި ބޭރުގެ ކުންފުންޏެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

ލެކްސްޓޮން ކުންފުނީގެ ބަޔަކު މި މަހުގެ ތެރޭގައި ރާއްޖެ އައިސް، އެ ކޮމިޝަނާ ބައްދަލުކުރި ކަމަށާއި އެ މީހުންނާ ފުރަތަމަ ބައްދަލުވީ ރާއްޖެ އިން ބޭރުގައި ބޭއްވި އިލެކްޓްރޯނިކް ވޯޓިންއާ ގުޅޭ ސިމްޕޯސިއަމަކުން ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އެ މީހުން ރާއްޖެ އައިސް އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރީ، އެ މީހުންގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްއާ ގުޅޭ މައުލޫމާތު ދޭން. ރިޔާސީ އިންތިޚާބުގެ އެއްވެސް ކަމަކާ ގުޅުމެއް ނެތް،" އަކްރަމް ވިދާޅުވި އެވެ.

އެ މީހުންނާ އެކު އެ ބައްދަލުވުމުގައި ބައިވެރިވާން ސިޔާސީ ޕާޓީތަކަށް ދައުވަތު ދިން ކަމަށާއި އެކަމަކު ބައްދަލުވުމުގައި ބައިވެރިވީ ތިން ޕާޓީއަކުން ކަަމަށް އަކްރަމް ވިދާޅުވި އެވެ. އީ ވޯޓިންގެ ސިސްޓަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން އިތުރު ކުންފުނިތަކަކުން ރާއްޖެ އައިސް، އެ ކޮމިޝަނާ ބައްދަލުކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ އިންތިޚާބުގައި އިލެކްޓްރޯނިކް ވޯޓިން ބޭނުންކުރަން ކޮމިޝަނުން ނިންމައިފައެއް ނުވެ އެވެ. އެކަމަކު، އޭގެ ފަހުން ބާއްވާ އިންތިޚާބުތަކުގައި އީ ވޯޓިން ބޭނުންކުރުމުގެ ވިސްނުން އިލެކްޝަންސުން ގެންގުޅެ އެވެ.

ބޭރުގެ އައިޓީ ކުންފުންޏެއްގެ އެހީތެރިކަން އިލެކްޝަންސުން ހޯދާ ކަމަށް މި ތުހުމަތުކުރީ، އިންތިޚާބުގައި ވޯޓު އޮޅުވާލަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ.