ތެލުގެ ޑިއުޓީ ކަނޑާލައި، އަގުހެޔޮ ކުރާނަން: އިބޫ

ތެލުން މިހާރު ނަގަމުން އަންނަ ދިހަ ޕަސެންޓްގެ ޑިއުޓީ ކަނޑާލައި، އަގު ހެޔޮ ކުރައްވާނެ ކަމަށް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް މިއަދު ކ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅު ގުރައިދުއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ގެސްޓްހައުސްތަކާއި ވިޔަފާރިތަކަށް ލިބޭ އާމްދަނީގެ ބޮޑުބައެއް، ކަރަންޓު ބިލަށް ހޭދަވާ ކަމަށެވެ. އެގޮތުން ގުރައިދޫގައި ވެސް 23 ގެސްޓްހައުސްއެއް ހިންގަމުން އަންނައިރު، އެތަންތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ތެލާއި ޑީސަލުން ސަރުކާރުން މިހާރު ނަގާ ޑިއުޓީ، ކޯލިޝަން ސަރުކާރެއްގައި ކަނޑާލާނެ ކަމަށް އިބޫ ވައުދުވެ ވަޑައިގެންނެވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލަށް އަންނަ ބަދަލުގެ ސަބަބުން، ސަރުކާރަށް ތެލުގެ އަގު ހެޔޮ ކުރެވެންވާނެ ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ސަރުކާރުން އަންނަނީ އެއިން ދިހަ ޕަސެންޓްގެ ޑިއުޓީއެއް ނަގަމުން ކަމަށް ވިިދާޅުވި އެވެ.

"އެމްޑީޕީ ސަރުކާރުން ކުރި އެއްކަމެއް އެއީ ތެލުގެ ޑިއުޓީ ކަނޑާލުން. އަޅުގަނޑުމެން މިހާރު މި ދަނީ [ކޯލިޝަން ސަރުކާރެއް]ގައި ޑިއުޓީ ތަކެތި ވީހާ ވެސް މަދު ކުރަމުން. އެގޮތުގެ މަތިން، އިރާދަކުރެއްވިއްޔާ ތެލުގެ ޑިއުޓީ ވެސް ކަނޑާލާނަން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވަނީ ތެލުގެ ޑިއުޓީ ކަނޑާލައި، ކަރަންޓުގެ އަގުހެޔޮ ކުރުމަށް ކުރެވިދާނެ ދެތިން ކަމެއް ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެއްވީ، އިއާދަކުރަނިވި ހަކަތަ ގާއިމުކޮށް، އެއިން ކަރަންޓު އުފެއްދުމެވެ.

އޭނާ ވިދާޅުވީ ތެލާއި ޑީސަލުން ނަގާ ޑިއުޓީ ކަނޑާލުމުން، އޭގެ ފައިދާ މަސްވެރިންނަށާއި ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

ކ. އަތޮޅަށް އިބޫ މިއަދު ކުރައްވާ ދަތުރުގައި އޭނާ ވަނީ އެ އަތޮޅު ގުޅި އާއި މާފުއްޓަށް ވެސް ވަޑައިގެންފަ އެވެ. އެއިން ކޮންމެ ރަށެއްގައި ވެސް ކުރައްވާނެ ކަންތައްތަކާ ގުޅޭގޮތުން ވައުދުތަކެއް ވަޑައިގެންނެވި އެވެ. އެގޮތުން ގުޅި އާއި މާފުއްޓެކޭ އެއްގޮތަށް ގުރައިދޫން ވެސް ގޯތި ދޫކުރައްވާނެ ކަމަށް ވިދާޅުވި އެވެ.