ނުހައްގުން ދުވަހަކު ވެސް މީހަކު ޖަލަކަށް ނުލާނަން: ފައިސަލް

ގައުމަށް މިއަދު ކުރިމަތިވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލަ އަކީ އިންސާފާއި އަދުލުވެރިކަން ނެތުން ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބު ވެއްޖެ ނަމަ، ނުހައްގު ގޮތުގައި ދުވަހަކު ވެސް މީހަކު ޖަލަށް ނުލާނެ ކަމަށް ކޯލިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.


އއ. މަތިވެރީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރާއްޖޭގެ ހާލަތު ދުވަހަކު ދަށަށް ނުދާ މިންވަރަށް މިހާރު ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ރައްޔިތުން ފާހަގަކުރަނީ އިންސާފާއި އަދުލުވެރިކަން ނެތުން ކަމަށާއި އެހެންވެ، ކޯލިޝަން ލީޑަރުންގެ އެންމެ ބޮޑު އަމާޒަކީ އަދުލުވެރިކަމާއެކު މައްސަލަތައް ނިންމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި ނުހައްގުން މީހުން ޖަލަކަށް ނުލާނަން. ދުވަހަކު ވެސް މުދަލެއް ނުފޭރޭނަން. ރައްޔިިތުންގެ މެދުގައި އިންސާފު ގާއިމުކޮށްދޭނަން،" ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ނުހައްގުން ގިނަ ބަޔަކު ޖަލަށް ލާފައިވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވި އެވެ.

އއ. މަތިވެރީގައި މިރޭ ބޭއްވި ޖަލްސާގައި އެ ރަށުގެ ބައެއް މީހުން ބައިވެރިވަނީ

އޭނާ ވިދާޅުވި ގޮތުގައި ކޯލިޝަންގެ ވެރިކަމެއްގައި ފަނޑިޔާރުގެއަށް ނުފޫޒެއް ނުފޯރުވާނެ އެވެ. އަދި މިނިވަން މުއައްސަސާތަކަށް އަތްގަދަކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކަށް ހުރަސް އެޅުން ނިމުމަކަށް ގެންނާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ރައްޔިތުންނަށް ބޭޭނުންވާ އަސާސީ ގިނަ ހައްގުތަކަކުން ގިނަ ދުވަސްތަކެއް ވަންދެން މަހުރޫމްވެފައިވާ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ކޮންމެ ރަށަކަށް އެރި ނަމަވެސް މިހާރު އިވި ވަޑައިގަންނަވަނީ ހުސް ޝަކުވާތައް ކަމަށެވެ. އެގޮތުން، ނަރުދަމާ އާއި ބޯފެނުގެ ހިދުމަތް ގިނަ ރަށްރަށަށް ނުލިބޭއިރު، ސިއްހީ ހިދުމަތް ނުލިބުމާއި ލަފާފުރުމުގެ ދަތިކަން ކޮންމެ ރަށަކުން ވެސް ފާހަގަކުރާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އެހެންވެެ، އެންމެ އޯގާތެރި ސަރުކާރުގެ ގޮތުގައި ކޯލިޝަންގެ ސަރުކާރު ސިފަކުރައްވަމުން އޭނާ ވިދާޅުވީ އެ ހުރިހާ ހިދުމަތްތަކެއް ވެސް ކޯލިޝަނުގެ ވެރިކަމެއްގައި ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެއީ ކޯލިޝަނުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބު ކުޑަތަންވެފައިވާއިރު، ވޯޓު ދިނުމުގައި ވިސްނަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އިންތިހާބުގައި ވަކިކޮޅަކަށް ވޯޓުދޭން ނިންމާފައި ނުވާ މީހުން ވެސް، އެކަމަށް ވިސްނުމަށް ފައިސަލް އެދިވަޑައިގެންނެވި އެވެ.

އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރަށް އިތުރު ފުރުސަތެއް ދީފި ނަމަ، ދިވެހި ގައުމެއްގެ ގޮތުގައި ރާއްޖެ އޮވެދާނެ ކަމާ މެދު ޝައްކު ކަމަށެވެ. އެހެންވެ، އިސްލާމް ދީނާއި ޅަދަރިންނަށްޓަކައި ވެސް ސަރުކާރާ ދެކޮޅަށް ވޯޓުދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ސަރުކާރުގެ ފަރާތުން މާބޮޑު ތަފާތެއް ނުފެންނާނެ ކަމަށާއި އެހެންވެ، ދިވެހި ރައްޔިތުންނަށް މިހާރު އޮތް ހަމައެކަނި އިހުތިޔާރަކީ އިދިކޮޅު ކޯލިޝަނަށް ވޯޓު ދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ ސަރުކާރާ ދެކޮޅަށް ވޯޓުލައި، ރީތި ގޮތުގައި ސަރުކާރު ގެއަށް ފޮނުވާލުން،" ފައިސަލް ވިދާޅުވި އެވެ.