ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައްޔިތުން ތިބީ ނިންމައިގެން، މަންޒަރަކު ރައީސް ޔާމީނެއް ނެތް: އިބޫ

އިދިކޮޅުން ދެކެނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ތާރީޚު ރައްޔިތުން ކަށަވަރުކުރީ، ރައީސް އަބްދުﷲ ޔާމީން "އޮބިއަޅައި ހިފަހައްޓަވައިގެން އުޅުއްވަނިކޮށް" ގަދަކަމުން ކަމެވެ. ހަމަ އެ ތުހުމަތާ އެކު ސެޕްޓެމްބަރު 23 ގައި ނަގާ ވޯޓާ މެދު އިދިކޮޅު ޕާޓީތަކުގެ ކަންބޮޑުވުން ވެސް އޮތީ އިންތިހާގަ އެވެ.

ސަރުކާރުން "މޮޑޭ ފުށްގަނޑެއް"ގެ ގޮތަށް، އިންތިޚާބުގެ ހުރިހާ ކަމެއް ގެންދަން އިލެކްޝަންސް ކޮމިޝަނުން ދީލައިލާ ކަމަށް އިދިކޮޅުން ބުނެ އެވެ. ރައީސް ޔާމީނަށް ފަހިވާ ގޮތަށް، ވޯޓުލުމުގެ ކަންކަން ތަރުތީބުކޮށްފާނެ ކަމުގެ ބިރު އެ މީހުންނަށް އެބަ އޮތެވެ. އެހެންކަމުން އިތުބާރު ގެއްލިފައިވާ މެމްބަރުންތަކެއް ތިއްބަވައިގެން ނުފޫޒުން އެއްކިބާވެފައިވާ މިނިވަން، އިންސާފުވެރި އިންތިޚާބެއް ލިބިދާނެ ކަމުގެ އުއްމީދެއް، އިދިކޮޅަކަށް ނެތުމެވެ.

މި ކަންބޮޑުވުންތަކާ އެކު ވެސް، އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ޔަގީންވާ ކަމެއް އެބަ އޮތެވެ؛

"ރައްޔިތުން ތިބީ ރައީސް ޔާމީނަށް ދޫދޭކަށް ނޫން، ވަރަށް ސާފުކޮށް ގޮތް ނިންމައިގެން. އިތުބާރު އޮތީ ރައްޔިތުންނަށް. އިރާދަކުރެއްވިއްޔާ މަންޒަރު ވަރަށް ސާފު. އިންތިޚާބުގައި ހީނުކުރާ ވަރުގެ ބޮޑު ތަފާތެއް ފެންނާނެ،" އިންތިޚާބާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިބޫ ވިދާޅުވި އެވެ.

އިބޫ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ރައީސް ޔާމީން، ބޮޑުތަނުން ބަލިވާނެ ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

މިނިވަން އިންތިޚާބަކަށް ވަނީ ހަމައެކަނި ވޯޓުލުމުގެ ފުރުސަތު ރައްޔިތުންނަށް ލިބުމަކުންނެއް ނޫނެވެ. ސިޔާސީ ޕާޓީތަކުން ވާދަކުރަން ބޭނުންވާ، ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ލިބުމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ޖާގަ އާއި ހަމަހަމަ ކެމްޕޭނަކާއި ދެފުށް ފެންނަ ގޮތަށް އިންތިޚާބުގެ ހުރިހާ ކަމެއް ގެންދިއުމަކީ ވެސް އިންތިޚާބުގެ މިނިވަންކަން ކަށަވަރުކުރުމުގެ އަސާސީ ކަންކަމެވެ.

އެކަމަކު، މި ހުރިހާ ކަމަކަށް ކުރިމަތިވި ހުރަސްތަކާ އެކު ރިޔާސީ އިންތިޚާބުގެ މާ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގައި އޮތް އިތުބާރު ގެއްލި ބޮޑެތި ސުވާލުތައް ދަނީ އުފައްދަމުންނެވެ. އިންތިޚާބުގައި އޮޅުވާލުމާއި މަކަރު ހަދާނެ ކަމުގެ ތުހުމަތެވެ.

އިންތިޚާބުގެ މިނިވަންކަމާއި އިލެކްޝަންސް ކޮމިޝަނާ ގުޅޭ ވާހަކަ އިބޫ ފެއްޓެވީ، ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ބައެއް މެމްބަރުން އައްޔަން ކުރި ގޮތާ ހަމައިންނެވެ. އެ ހިސާބުން ވެސް ކަންކަން ގޯސްވެފައިވާ ކަމަށް ވިދާޅުވި އެވެ.

"މެމްބަރުން ހޮވުމަށް، މަޖިލީހުން ބޭއްވި ޕްރޮސެސްއަކީ އިންސާފުން ގޮސްފައި އޮތް ކަމެއް ނޫން، ގާނޫނާ ޚިލާފަށް ދިޔަ ކަމެއް،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވި އެވެ.

އިބޫ އައްޑު އަށް ވަޑައިގަތުމުން، މަރުހަބާ ކިޔަން ގަން އެއާޕޯޓަށް އެއްވި ބަޔަކާ ސަލާން ކުރައްވަނީ. ފޮޓޯ/ ހަސަން ސައީދު

ދެ ވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބުކުރަން، އެމަނިކުފާނަށް ތާއީދު ހޯއްދެވުމުގައި އުޅުއްވި އަހްމަދު ޝަރީފް، އެ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރީ، އިދިކޮޅުން ދެކޭ ގޮތުގައި، މަޖިލީހުގެ ސައްހަ ޖަލްސާއަކުން ނޫނެވެ. ސަބަބަކީ، 42 މެމްބަރުން ސޮއިކުރައްވައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރަން ހުށަހެޅި މައްސަލަ ގާނޫނާ ޚިލާފަށް ބޭރުކޮށްލައި ވެރިކަން ކުރާ ޕީޕީއެމުން ބޭނުންވާ ގޮތަށް މަޖިލީސް ކޮންޓްރޯލްކޮށްގެން ޖަލްސާތައް ބޭއްވުމެވެ.

ރައީސް ޔާމީނާއި އިލެކްޝަންސް ކޮމިޝަނަކަށް، އިތުބާރެއް ނެތް. އިތުބާރު އޮތީ ރައްޔިތުންނަށް. މިފަހަރު، ރައްޔިތުން ބޭނުންވާ ގޮތަށް ބަސް ބުނާނެ. --އިބޫ

ހައްލަކީ ޕާޓީތަކަށް އެއްބަސްވެވޭ އާ ކޮމިޝަނެއް

އިބޫ ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ އިންތިޚާބުގެ ކުރިން، ރައްޔިތުންނަށް އިތުބާރު ކުރެވޭ ފަދަ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލަން ޖެހެ އެވެ. އެހެންކަމުން މިވަގުތު އެންމެ ރަނގަޅު ގޮތަކީ، މިހާރު ތިއްބެވި ފަސް މެމްބަރުން އިސްތިއުފާ ދެއްވައި ދުރަށް ވަޑައިގަތުން ކަމަށް އިބޫ ވިދާޅުވި އެވެ.

"މެމްބަރުން އިސްތިއުފާ ދެއްވައި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ އިލެކްޝަންސް ކޮމިޝަނެއް ގާއިމްކުރަން ޖެހޭ،" އިބޫ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން: ހައްލަކީ މެމްބަރުން އިސްތިއުފާ ދެއްވައި އާ ކޮމިޝަނެއް އެކުލަވާލުން ކަމަށް އިބޫ ވިދާޅުވި. --ފޮޓޯ/އިލެކްޝަންސް ކޮމިޝަން

ހައްލު އޮތީ އެ މަގަށް ނަމަވެސް އިންތިޚާބުގެ ކުރިން އާ ކޮމިޝަނަކަށް ރައީސް ޔާމީން ފުރުސަތެއް ނުދެއްވާނެ ކަމަށް އިބޫ ގަބޫލުކުރައްވަ އެވެ.

"މިހާތަނަށް ކުރައްވަމުން ގެންގޮސްފައި ހުރި ކަންތައްތަކަށް ބަލާއިރު ރައީސް ޔާމީނަކީ އެއްވެސް އިރެއްގައި ވާދަވެރި އންތިޚާބެއްގައި، އަމިއްލަފުޅަށް ކުރިމަތިލައްވައިގެން ކާމިޔާބު ހޯއްދަވާފައި ހުރި ބޭފުޅެއް ނޫން. އަބަދުވެސް ވޯޓާ ދުރަށް ޖެހިވަޑައިގެން، އެހެން ގޮތަކުން ކާމިޔާބު ހޯއްދެވުމުގެ މަސައްކަތް ކުރައްވާތަން އަޅުގަނޑަށް ފެންނަނީ،" އިބޫ ވިދާޅުވި އެވެ.

ނަތީޖާއާ ނުލައި ރައްޔިތުން ގެއަކަށް ނުވަންނާނެ

ބާރުތައް މަސްހުނިކޮށް، ރައްޔިތުންގެ ހައްގު ގެއްލޭ ގޮތަށް ރައްޔިތުގެ މަޖިލީސް މެދުވެރިކޮށް ހިންގި އެތައް ކަމަކާ އެކު، މި އިންތިޚާބާ ގުޅިގެން ވެސް ރައްޔިތުން އެތައް ކަމެއް ތަހައްމަލްކޮށްފި ކަމަށް، އިދިކޮޅުން ގަބޫލުކުރެ އެވެ.

ރައީސް ޔާމީން ކިތަންމެ ވަރަކަށް ހިފެހެއްޓެވި ނަމަވެސް އިންތިޚާބު ރައްޔިތުން ހޯދާނެ މިފަހަރު. --އިބޫ

އެންމެ ކުޑަ މިސާލަކީ ވީހާވެސް ގިނަ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ރައްޔިތުން ކުރި ޕްރެޝަރާއި ރީ ރަޖިސްޓްރޭޝަން އެވެ. އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ނިންމީ އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާށެވެ. އެކަމަކު އިދިކޮޅުން ކުރި މަސައްކަތާއި އާންމުންގެ ޕްރެޝަރާ ހެދި އެ ކޮމިޝަނުން ފަހުން އެ ނިންމުން ބަދަލުކޮށް ގިނަ ރިސޯޓްތަކަކަށް ފުރުސަތު ދިނެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓްރީ ވުމުގެ މުއްދަތު ހަމަވިއިރު އެތައް ބަޔަކު ތިބީ ވަޒީފާ އާއި ވޯޓުގެ ހައްގާ ދޭތެރޭ ތާށިވެ، ހާސްކަމުގަ އެވެ. ސަރުކާރުގެ މުވައްޒަފުން ލައްވައި ރީ ރަޖިސްޓްރޭޝަން ފޯމު ފުރުވައި އެ ފޯމުތައް ފުރަތަމަ ވެއްދީ ޕީޕީއެމްގެ އޮފީހަށް ކަމަށް ތުހުމަތުކުރެ އެވެ. އެ ފޯމުތައް، ގާތްގަނޑަކަށް ތިން ހަފުތާއެއްހާ ދުވަސް ފަހުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ އެތައް ސުވާލެއް އުފައްދައި ޝަކުވާ ކޮށްގެންނެވެ.

"ކޮންމެ ކަމެއްގައި އެތައް ވާހަކައެއް، ސުވާލުތަކެއް، ޝައްކުތަކެއް، ބަހުސްތަކެއް އުފައްދައިގެން ކިރިޔާ ވެސް އެއްޗެއް މި ލިބެނީ. ރީ ރަޖިސްޓްރޭޝަން ނިންމައިގެން ތިބިއިރު ލިސްޓު ވީ ތަނެއް އަޅުގަނޑުމެންނަކަށެއް އަދިވެސް ނޭނގެ. އެ ކަހަލަ ކިތަންމެ ކަމެއް އެބަ ހުރި،" އިބޫ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިބޫ (ކ) އާއި ރައީސް ޔާމީން: އިންތިޚާބުގައި ރައްޔިތުން ތިބީ ރައީސް ޔާމީނަށް ދޫދޭން ތައްޔާރަށް ނޫން ކަމަށް އިބޫ ވިދާޅުވި.

އިންތިޚާބަށް އިދިކޮޅު ޕާޓީތަކުން ނުކުތީ، އިބޫ ވިދާޅުވި ގޮތުގައި، ރައީސް ޔާމީނާއި އިލެކްޝަންސް ކޮމިޝަނަށް ވެސް އިތުބާރުކޮށްގެންނެއް ނޫނެވެ.

"އަޅުގަނޑުމެންގެ އިތުބާރު އޮތީ ރައްޔިތުންނަށް، ރައްޔިތުން މިއަދު ނުކުމެ އެތިބީ، ރައްޔިތުން ބޭނުންވާ ގޮތަށް ބަސް ބުނަން. އެކަން މިފަހަރު ކުރާތަން އަޅުގަނޑަށް އެބަ ފެނޭ. އެހެންވީމާ އަދި ވޯޓު ލާފައި ރައްޔިތުން އޭގެ ނަތީޖާ ނުހޯދައި ގެއަކަށް ވެސް ނުވަންނާނެ،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެމްޕޭނަށް ގިނަ ރަށްތަކަކަށް ވަޑައިގަތްއިރު ރައްޔިތުންގެ ވިސްނުމާއި ފިކުރު ހުރި ގޮތް ސާފުވެވަޑައިގެންފައިވާ ކަމަށެވެ. މަކަރު ހަދައި އޮޅުވާލަން އެއްވެސް ފުރުސަތެއް ރައްޔިތުން ނުދޭނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ބަސް ބުނަން މި ލިބޭ ވަގުތުގައި ބަސް ބުނާނެ. ރައީސް ޔާމީން ކިތަންމެ ވަރަކަށް ހިފެހެއްޓެވި ނަމަވެސް އިންތިޚާބު ރައްޔިތުން ހޯދާނެ މިފަހަރު. މި ދަތުރުތަކުން އަޅުގަނޑަށް ކުރެވުނު ތަޖުރިބާއަކީ ވެސް މިއީ،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޯޓުން މި އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބެއް ނުވާނެ އެވެ. ރައްޔިތުން އެ ފުރުސަތު ރައީސް ޔާމީނަށް ނުދޭނެ ކަމަށް އިބޫ ހުންނެވީ ނިންމަވައިގެންނެވެ.

81 ކޮމެންޓް, 296 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 1%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުގަބޫ

07 September 2018

ގައުމު ހަލާކުކޮށް އިންޑިޔާއާއި ހަވާލުކުރަން އުޅޭބަޔަކަށް ވޯޓުލާން ހެއު ނުވާނެ. ދަރިންކޮޅު އުޅެން ޖެހިދާނެ ހާލާ މެދު ވިސްނަވާ.

The name is already taken The name is available. Register?

ބުގަބޫ

07 September 2018

ރައްޔިތުން ބޭނުމެއް ނޫން ފިނޑި ރައީހުގެ ޕަޕެޓެއް. ރާއްޖޭގައި މިހާރު އޮތް ކުރިއެރުން ފުނޑާލާނެ އެންޑީޕީ އަށް ކާމިޔާބު ވެއްޖެއްޔާ. ރަނގަޅަށް ވިސްނާފައި ވޯޓު ލައްވާ. ދުނިޔޭގެ އެތަން މިތާ ފެންނަނީ ހަމަޔަށް ނުވިސްނާ އެކި ކަންކަމަށް ވޯޓުލައިގެން މުޅި ގައުމު ހަލާކުވަމުން ދާތަން. ބްރެގްޒިޓް، އިޖިޕްޓް އަދި އެމެރި ކާގެ މިސާލު ބައްލަވާ.

The name is already taken The name is available. Register?

ހުރަވީ

23 August 2018

ހޮވުނަސް ނުހޮވުނަސް އިބޫއެއް ނެތް

The name is already taken The name is available. Register?

އޭނަ

22 August 2018

ވޯޓް ދޭންވާނީ ތަރަަށްގީއަށް. ތަރަށްގީ ފެނިއްޖެ ފަސްއަހަރުތެރޭ

The name is already taken The name is available. Register?

މެޑަމް

22 August 2018

އިލެކްޝަންސް ކޮމިޝަނާއި ބެހޭ ގޮތުން އިބޫ ވިދާޅުވެފައިވާ ބަސްތައް ދިމާވޭ! އަޅުގަނޑަކީ މިދިޔަ ރިޔާސީ އިންތިޚާބު، މިދިޔަ މަޖުލިސް އިންތިޚާބު އަދި މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާ މަރުކަޒެއްގެ ވެރިޔަކަށް އުޅެ ތަޖުރިބާ ލިބިފައިވާ، އެކަމަށް ޤާބިލް މީހެއްކަން ސާބިތުކޮށްދީފައިވާ މީހެއް! މިފަހަރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ކުރިން އިންތިޚާބުތަކުގައި ވޯޓުލާ މަރުކަޒުގެ ވެރިޔާކަމަށް އެދި އީ.ސީއަށް ފޯމު ލީން! ތަޖުރިބާއަށްވެސް ނުބަލާ، ޕީ.ޕީ.އެމް ކެމްޕެއިން ތަކުގައި އިސްކޮށް އުޅޭ މީހަކު، ޕީ.ޕީ.އެމް އިން ނަން އުނިކޮށް ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ނަގައިފިކަމަށް ބެލެވޭ! (ށ. މާއުނގޫދޫ ފޮށި C04.12.1)

The name is already taken The name is available. Register?

އިމާމުލް

22 August 2018

އިބޫ ދެއްކެވި ވާހަކަތަކުގައި ފިއްޔެއްގެ މިންވަރުވެސް ދޮގެއް ނުހިމެނެއެވެ. އެކަހަލަ ވާހަކަތައް ޑިސްލައިކް ކުރުމަށް މިހާރު ބައެއް މިނިސްޓަރުންވަނީ މުވައްޒަފުންނަށްވެސް އަންގާފައެވެ. އެކަމަކު ހަޤީޤަތް ގަބޫލު ކުރުމަކީ އިންސާނުންގެ ތެރޭގައި އަށަގެންފައިވާ ކަމަކަށްވާތީ ދިވެހި ގިނަ ރައްޔިތުން މިއަދު އެ ޙަޤީޤަތްތައް ޤަބޫލު ކުރާނެއެވެ. އިންތިޚާބުގެ ކަންކަމުގެ އިތުރައްވެސް ރައްޠިތުންނަށްވަނީ އެތައް ގިނަ އުނދަގޫ ތަކެއް ކުރިމަތިކޮށް ގިލަންވެރިކަން ޖައްސާފައެވެ. މަސައްކަތް ކުރާނެ ލޭބަރުންގެ މައްސަލައިން ފެށިގެންގޮސް ސިވިލް ސާރވިސްގެ ވަޒީފާތަކާ ހަމަޔަށް ކަންތައްއޮތީ މުށުތެރެއަށް ލާފައެވެ. ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުނިތަކުންފެށިގެން ކަންމަތީ ފިހާރަތަކާ ހަމަޔަށް އެތައް އެތައް އުނދަގުލެއްވަނީ ކުރިމަތި ކުރުވާފައެވެ. މަޖޫރީންނާއި ވިޔަފާރިވެރިންނަށް ޖައްސާފައިވާ މުޞީބާތްތައް ވަކި ސަހަލެއް ނޫނެވެ. މިކަންކަމަށް އަހަރުމެން މިއައީ ފާރަވެރިވަމުންނެވެ. ވެރިންނަށް ހާސް ދުވަސް. ރައްޔިތުންނަށް އެއްދުވަސް

The name is already taken The name is available. Register?

ސާފު

22 August 2018

މަންޒަރު ވަރަށް ސާފު. ތިޔަތަނުން ކޮންމެ ބައެއް ބަލިވިޔަސް ބުނާނީ އަނެއްބައިމީހުން އޮޅުވާލިއްޔޭ. ދެންވީ މަގުމައްޗަށް ނިކުމެ ބޮޑާހާކަން. ތިޔަ ޖަހާ ސަކަރާތާ ނުބެހި އަމިއްލަ ހާލަށް އުޅެވޭތޯ ބަލާ މީހުނަށް ހުރިހާ އުނދަގުލެއް.

The name is already taken The name is available. Register?

ބުގަބޫ

07 September 2018

މަގު މައްޗަން ނިކުމެ ހައިޖާނު އިންތިހާޔަށް ހަދާފައިވަނީ އެންޑީޕީގެ މީހުން. ވެރިކަން ނުލިބިގެން މުޒާހަރާ، ލިބުނީމަ މުޒާހަރާ، ފިނޑި ރައީސް އިސްތިއުފާދީފަ މުޅިގައުމުގަ ހުޅު ޖަހާފަ މުޒާހަރާ. ހަދާންތައް އާކޮށްލައްވާ، ކޮންމެންޓު ކުރައްވާއިރު.

The name is already taken The name is available. Register?

ޑަސްޓް

22 August 2018

ރައީސް ޔާމީން އަކީ މަންޒަރު ފެއްނަންޖެހޭ ބޭފުޅުއްނޫން ރައީސް ޔާމީންގެ ވާނި ތަސްއްވުރެއް ތަރައްޤީގެ ބިޔަ ބޮޑު މަންޒަރު ތަށް މިމަންޒަރު ތަކުގަ ރައީސް ޔާމީން ވާނެ. ދެލޯ ސަލާމަތުން ހުރިކަމަށް ވާނަމަ މީފެންނާނެ މަންޒަރު.

The name is already taken The name is available. Register?

ސާއިދު

22 August 2018

ތިޔަ ކޯލިޝަނެއް މަސައްކަތް ކޮށްފިއްޔާ މަ ހިނގާނީ އެކޮޅުކޮޅުން. ހުސް އަމިއްލަ އެދުމައިގެން މަސައްކަތް ކުރާ ބައެއް. ފޭކް ބައެއް

The name is already taken The name is available. Register?

އަޒުމު

23 August 2018

ތިޔައީ ދޮގެއްވެސް ނޫން. ވެރިކަން ލިބޭ ފަހުން ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ކަންތަށް ކުރިޔަސް، ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ކޮންމެ ބަޔަކަށްވެސް ވެރިކަން ލިބެނީ ކޯލިޝަން ހަދައިގެން ކުރާ މަސައްކަތުންކަން.

The name is already taken The name is available. Register?

ރެޓޭ

22 August 2018

ހެހެހެ މި މީހުންގެ ރޫހާނީ ލީޑަރުވެސް މިކަހަލަ 1000 ކޮސްވާހަކަ މިހާތަނަށް ދައްކައިފި! އެކަމަކު ވީކަމެއްނެތް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454