ސަލްޓަންޕާކުގައި ހުންނަ އުސްގެކޮޅު ޗިލްރަން ހެރިޓޭޖް ޕްލާޒާއެއްގެ ގޮތުގައި ތަރައްގީކޮށް ފަސް އަހަރު ދުވަހަށް ހިންގުމަށް އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަށް ހައުސިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
އެ ޕާކު ތަރައްގީ ކުރުމުގެ ތެރޭގައި ހިމެނޭ މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އާކުގެ އެކްޓިން އެގްޒެކެޓިވް ޑިރެކްޓަރު ޒީނާ ޒާހިދު ވަނީ ސޮއިކުރައްވައިފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ އާކާ މި މަސައްކަތް ހަވާލުކުރީ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އާސާރީ ތަންތަން އެކަށީގެންވާ ގޮތެއްގައި ތަރައްގީ ކުރުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ ތަންތަނުން ރާއްޖޭގެ އާސާރީއާ ގުޅޭ ތަންތަން ކުޑަކުދިންނަށް ފެނިގެން ދިއުމަކީ ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.
އުސްގެކޮޅު ތަރައްގީކުރާނީ ގިނަ ދުވަހު އެތަން ބޭނުންކުރެވޭނެ އަދި އިމާރާތަށް އެެއްވެސް ބަދަލެއް ނުގެނެސް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އިމާރާތުގެ ފުރާޅާއި ކުލަ ލުން ފަދަ ކަންކަން އެބަކުރޭ. އިމާރާތަށް ބަދަލެއް ނާންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
ޒީނާ ވިދާޅުވީ އެ ޖަމިއްޔާއިން މިފަދަ މަސައްކަތެއް ކުރަން ހަވާލުކުރީ، ކުޑަކުދިންނާ ރާއްޖޭގެ އާސާރީ ތަންތަނާއި ސަގާފަތް ދައްކައިދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވާތީ ކަމަށެވެ. އެފަދަ މަސައްކަތްތަކަކީ މިހާރު އަޅާނުލެވި އޮތް ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އާކުން މި މަސައްކަތަށް ހަ މަސް ދުވަހުގެ ތެރޭގައި މިލިއަނެއްހާ ރުފިޔާ ހަރަދުކުރާނެ އެވެ. އުސްގެކޮޅުގައި ހުންނަ އެކި ތަންތަން ކުއްޔަން ދީގެންނާއި ޕްލާޒާއިން އާކަށް ފައިސާ ލިބޭނެ އެވެ.
ރާއްޖޭގެ ސަގާފީ އެއްޗިއްސާއި ކުޑަކުދިންނާ ގުޅޭ އާސާރީ މައުލޫމާތުތައް ހިމެނޭ މި ތަނަށް 15 އަހަރުން ދަށުގެ ކުދިންނަށް ހިލޭ ވަދެވޭނެ އެވެ. އަދި 15 އަހަރުން މަތީގެ މީހުންނަށް ވިއްސަކަށް ރުފިޔާ ދީގެން އެތަނުގެ ހުރިހާ ތަނަކަށް ޒިޔާރަތްކުރެވޭނެ އެވެ.
މިއީ އާކުން މިފަދަ މަަސައްކަތެއް ކުރާ ފުރަތަމަ ފަހަރެވެ.