ޕީޕީއެމާ ގުޅުމުގެ ވިސްނުމެއް ނެތް، ހައްގުގެ މަގަށް ރުޖޫއަވާން ޝަހީމަށް ގޮވާލަން: އަބުޅޯ، ސައުދު

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ރައްޔިތުންނާ މެދު އަމަލުކުރާ ގޮތް ތަޖުރިބާ ކުރެއްވިފައިވާ ކަމަށާއި އެހެންވެ އަނބުރާ އެ ޕާޓީއަށް ގުޅިވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގދ. ތިނަދޫ ދެ މެމްބަރުން ކަމަށްވާ އަބްދުﷲ އަހުމަދު (އަބުޅޯ) އަދި ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ އެ ރަށުގައި ވާހަކަދައްކަވަމުން ވަނީ ތިނަދޫ ދެކުނު ދާއިރާގެ އަބުޅޯ އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދު އަލުން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.

ޝަހީމްގެ އެ ދައުވަތަށް ޖަވާބު ދެއްވައި ސައުދު ވިދާޅުވީ "ކަށި ގިނަ ބައިބޯ ޖަންގައްޔެއްގައި ތަޖުރިބާތަކެއް ކުރެއްވިފައިވާ" ކަމަށެވެ. ޝަހީމަށް ޕީޕީއެމް އާ ވިއަސް އެ ބޭފުޅުންނަކީ އެ ޕާޓީގައި ތަޖުރިބާތަކެއް ކުރައްވާފައިވާ ބޭފުޅުންތަކެއް ކަމަށް ވިދާޅުވި އެވެ.

"އަނިޔާވެރިންނާއެކު ޝަހީމް މިހާރު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. އަޅުގަނޑު ގޮވާލަން ހައްގުގެ މަގަށް ޝަހީމް ރުޖޫއަވުމަށް. ޕީޕީއެމްގެ މަންޒިލަކީ ކޮބައިކަމެއް ނޭނގެ،" ސައުދު ވިދާޅުވި އެވެ.

ޝަހީމްގެ ދައުވަތަށް އަބުޅޯގެ ޖަވާބަކީ "އަދުލުވެރި ނޫން ރަސްކަލަކު ވައްކަންކުރާ މީހަކާ އެއްފަދަ" ކަމަށާއި "ތަގުވާވެރިނޫން އިލްމުވެރިއަކު މިނިކާވަގަކާ އެއްފަދަ" ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަން އެންމެ ބޮޑަށް ތަހައްމަލުކުރަން ޖެހުނު އެއް ބަޔަކީ ތިނަދޫ ރައްޔިތުން ކަމަށެވެ. އެހެންވެ އަންނަ މަހުގެ 23 ގައި ބާއްވާ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން ބަލިކުރާނެ ކަމަށް ވިދާޅުވި އެވެ.

އަބުޅޯ ވިދާޅުވި ގޮތުގައި ތިނަދޫގެ ރައްޔިތުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ އިސްލާހަށެވެ. ތަރައްގީ ބޭނުން ވިއަސް އެ ރަށުގެ ރައްޔިތުންނަކީ އަޅުވެތިވާނެ ބައެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މީގެ ކުރިން ވެސް ތިނަދޫ ރައްޔިތުން ދެމިތިބީ އިސްލާހީ މަސައްކަތްތަކުގައި. އަނިޔާވެރިކަމާއި ހުދުމުހުތާރު ކަމާ ދެކޮޅަށް ކުރާ ކޮންމެ މަސައްކަތަކީ އިސްލާހީ މަސައްކަތެއް،" އަބުޅޯ ވިދާޅުވި އެވެ.

ތިނަދޫ ރައްޔިތުންގެ އަޑެއް މަޖިލީހުގައި ނެތި އަހަރެއް ވެފައިވާ ކަން ފާހަގަކުރައްވައި، ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމަށް ވެސް ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.