ކޮރަޕްޝަން ހާމަކުރާ މީހުންނަށް ގާނޫނީ ރައްކާތެރިކަން ދޭނަން: އިބޫ

ކޮރަޕްޝަންގެ މައުލޫމާތު ހާމަކުރާ މީހުންނަށް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ގާނޫނީ ރައްކާތެރިކަން ދޭނެ ކަމަށް ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


އިބޫގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހާމަކުރުމުން ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހުނު ބެންކް އޮފް މޯލްޑިވްސްގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމްގެ ނަން ފާހަގަކުރައްވައި އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ގާނޫނީ ގޮތުން ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބިދޭ ގާނޫނު ވިސިލްބްލޯ ގާނޫނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފާސްކުރާނަން،" ކެނޑިޑޭޓްކަން ލިބުނު ފަހުން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އިބޫ ވާހަކަ ދައްކަވަނީ-- ފޮޓޯ؛ އަހުމަދު ނަޝާތު/މިހާރު

އަންނަ މަހު 23 ގައި ބާއްވާ އިންތިހާބަށް ކެމްޕެއިން ކުރައްވާ އިބޫ އާއި ރަނިން މޭޓް ފައިސަލް ނަސީމް ރާއްޖޭގެ 100 ރަށަށް ވަޑައިގެންފައި ވާއިރު އެ ރަަށްތަކުގެ އާބާދީ 134،733 އަށް އަރަ އެވެ.

އިބޫ ވިދާޅުވީ ރަށްރަށަށް ވަޑައިގަތުމުން އަސާސީ ބޭނުންތައް ރައްޔިތުންނަށް ނުލިބި ހުރިކަން ފާހަގަވާ ކަމަށެވެ. ދައުލަތަށް ލިބޭ އާމްދަނީން ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދެން ޖެހޭނެ ކަމަށާއި އެކަން ކުރުމަށް ކޮރަޕްޝަން ހުއްޓުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ދައުލަތުގެ ހަރަދުތައް އޭގެ ހަމައަގުގައި ކުރެވޭނަމަ ރާއްޖޭގެ ކޮންމެ ރަށެއްގައި ނަރުދަމާ އެޅި ފެނުގެ ހިދުމަތް ލިބި، ބަނދަރުތައް ހުންނާނީ ހެދިފައި. ދައުލަތުގެ ކޮރަޕްޝަން މިވަނީ އިންތިހާއަށް ބޮޑުވެފައި. ދައުލަތް ޝާމިލްވެގެން ހިންގޭ ބޮޑެތި ކޮރަޕްޝަންތައް ހުއްޓުވުމުން އާމްދަނީ ވެސް އިތުރުވާނެ،" އިބޫ ވިދާޅުވި އެވެ.

މިސަރުކާރަށް އަމާޒުކުރާ އެންމެ ބޮޑު ފާޑު ކިޔުމަކީ ހިޔާނާތުގެ މައްސަލަތައް ކަމަށްވާއިރު ކޮރަޕްޝަން ހުއްޓުވުމަކީ އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގެ އެންމެ މުހިންމު ސިޔާސަތު ކަމަށް އިބޫ ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ ވާދަވެރި ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ގަޑުބަޑު ކޮށްފައިކަމަށެވެ. އަދި ޖަލު ހުކުމް އިއްވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މިނިވަން ކުރުމަށް ގޮވާލެއްވި އެވެ