ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ސައުދީ އަރަބިއްޔާ އަށް ގޮސް ތިބި ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ރާއްޖެއިން މި އަހަރު 1،400 އަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި ސިސިލްފަރު ޖަމާއަތާއި އަލްހަރަމައިން ޖަމާއަތާއި ތަޒްކިޔާ ޖަމާއަތާއި ޒައީ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންނެވެ. ހައްޖު މިޝަންގައި މި އަހަރު ހިމެނެނީ ފަސް ބޭފުޅުންގެ ޓީމެކެވެ.

ހައްޖު ކޯޕަރޭޝަންގެ ބޯޑު މެމްބަރު އަލީ ވަހީދު "މިހާރު" އަށް ވިދާޅުވީ ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

މި އަހަރު، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ގޮސް ތިބި ދިވެހިންތަކެއް މަޑުކޮށްލައިގެން. - ފޮޓޯ: ހައްޖު ކޯޕަރޭޝަން

އެކަމަކު، ވަރުބަލިވުމުގެ ސަބަބުން، ހާލު ދެރަވި ހައްޖާޖީ އަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން އައި ނަމަވެސް، އޭނާގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ހިތުގެ މައްސަލަ ހުންނަ ހައްޖާޖީއެއް. ދޫކޮށްލެވޭ ވަރު އަދި ނުވާތީ ހޮސްޕިޓަލުން ދޫނުކޮށް އޮތީ. އެކަމަކު، އޭނާގެ ހާލު ވެސް ގޯހެއް ނޫން،" އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން އަރަފާތު ބިމުގައި އިއްޔެ ތިބިއިރު، އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. އަދި މަދު ދިވެހިންތަކެއް ފިޔަވައި، އެހެން ހުރިހާ އެންމެން މިހާރު މިނާއަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރު، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ގޮސް ތިބި ދިވެހިންތަކެއް މަޑުކޮށްލައިގެން. - ފޮޓޯ: ހައްޖު ކޯޕަރޭޝަން

"ބާކީ ތިބި މީހުންނަށް ވެސް މިނާ އަށް ވަރަށް އަވަހަށް ދެވޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

ޙައްޖު ކޯޕަރޭޝަނުގެ އިތުރުން، އެހެން ޖަމާއަތްތަކުގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖާޖީންގެ ހާލު ވެސް ރަނގަޅު ކަމަށް އެ ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.

ހައްޖުވެރިން މިނާ އަށް ދަތުރު ފެށީ މުޒްދަލިފާގައި ރޭ ކުރުމަށް ފަހު އެވެ.

މުޒްދަލިފާ އަށް ދިއުމުގެ ކުރިން، އެމީހުން ވަނީ މިނާގައި އަޅުކަމުގެ ވަގުތުތައް ހޭދަކޮށްފަ އެވެ. ހައްޖުވެރިން މިނާ އަށް ދަތުރު ފެށީ މަޣްރިބް ނަމާދާއި އިޝާ ނަމާދު ކުރުމަށް ފަހު އެވެ. މިނާގައި ޖަމްރާ އަށް ހިލަ އުކުމާއި އުޟުހިޔާ ކަތިލުން ފުރިހަމަ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން މައްކާ އަށް ވަނީ ޖަމާވެފަ އެވެ.