ރިސޯޓުތައް ދޫކޮށްގެން ވާހަކަ ދައްކާކަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒެއް ނާދޭ: ރައީސް ޔާމީން

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމަނިކުފާނުގެ ސަރުކާރުން ރިސޯޓު ހެދުމަށް 160 ރަށް ދޫކުރުމުން، އެކަމާ ކަންބޮޑުވެވަޑައިގެން އެ ވާހަކަ ދައްކަވަން ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވަޑައިނުގަންނަވާ ކަމަށާއި އެއީ އޮޅުވާލައިގެން ދައްކަމުންދާ ވާހަކައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ހދ. ނޮޅިވަރަންފަރު ބަނދަރު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، ރިސޯޓުތައް ހެދުމަށް ރަށްރަށް ދޫކުރާ މައްސަލަ އެމަނިކުފާނުގެ އަރިހަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް ވަޑައިގެން ހުށަހެޅުއްވި ކަމަށް ބުނެ ދައްކަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މައްސަލައިގައި ނިޔާޒް ކަންބޮޑުވުން ފާޅުކުރެއްވުމުން އޭނާ ޒާތީ ވަނީ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް ބުނެ، ދައްކަނީ ވެސް ދޮގު ވާހަކަތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެކަމަކު، ރައީސް ޔާމީން ވިދާޅުވި ގޮތުގައި އޮޑިޓަ ޖެނެރަލްގެ ހައިސިއްޔަތުން ނިޔާޒް، އެމަނިކުފާނުގެ އަރިހަށް ވަޑައިގަތީ އެމްއެމްޕީއާރުސީ އާއި އެމްޕީއެލްއާ ދޭތެރޭ ކުރިން ހިނގަމުން ދިޔަ ޑޮލަރުގެ މުއާމަލާތަކާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށެވެ.

ރައީސް ވިދާޅުވީ، ޑޮލަރު ގަތުމަށް އެމްޕީއެލުން އެމްއެމްޕީއާރުސީ އަށް ދިވެހި ފައިސާ ދޭ ކަމަށާއި އަދި އެ ކުންފުނިން ޑޮލަރު ދިނުމުގައި، އެއްބަސްވެފައިވާ ގޮތަށް ކަންކަން ނުހިނގާ ކަމަށް ވިދާޅުވެ، ނިޔާޒް އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރެއްވި ކަމަށެވެ. އަދި، އެއީ ހިނގައިގެން ވާނެ ކަންކަން ނޫން ކަމަށާއި އެކަން ހުއްޓާލަން ޖެހޭ ކަމަށް ނިޔާޒް، އެމަނިކުފާނަށް ދެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް

"އަޅުގަނޑު ދެންނެވީ، އެމްޕީއެލް އަކީ ކުންފުންޏެކޭ، ކުންފުނީގެ ބޯޑުން ނިންމައި، ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް އެމްއެމްއޭން ދީފައި އޮތިއްޔާ ތިއީ މައްސަލައެއް ނޫން ކަމަށް." ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބާރުގަދަ ދުވަސްވަރު އެމްއެމްޕީއާރުސީ އާއި އެމްޕީއެލްއާ ދެމެދު ހިންގި މުއާމަލާތާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި، އެ މުއާމަލާތާ ގުޅޭގޮތުން ގާނޫނީ ގޮތުން ވެސް އަދި އެހެން ގޮތަކުން ވެސް އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށް ނިޔާޒަށް އެމަނިކުފާނު އޭރު ދެންނެވި އެވެ.

"އެކަމަކު ވެސް ނިޔާޒު ހިތްހަމަ ނުޖެހިގެން ވިދާޅުވީ ތިމަންނަ އެބަޖެހެއޭ މި ވާހަކަ ދައްކަން. އަޅުގަނޑު ދެންނެވިން ދެން ފެނިވަޑައިގަންނަވާ ގޮތަށް ކަންތައް ކުރައްވާށޭ. ދެން އިސްތިއުފާ ދެއްވާފައި އެ ހުންނެވީ" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ބޮޑެތި ކޮރަޕްޝަންތަކުގެ އަމަލުތައް ހިންގާފައިވާ ކަމަށް ނިޔާޒު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަދި އެ ކަންތައްތައް އޭނާއަށް އެނގިވަޑައިގެންނެވުމުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނެވި ކަމަށާއި އެކަމަކު އެކަމަށް ސަމާލުކަމެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.