އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުން. ބިލުގައި ހުރި މައްސަލަތައް ފިލްމު އެސޯސިއޭޝަނުން ވަނީ ކޮމެޓީގެ މެމްބަރުންނާ ހިއްސާކޮށްފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
04 އޯގަސްޓް 2016 - 19:02
އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު މިހާރު އޮތީ ފިލްމެއް ހެދޭނެ ގޮތަށް ނޫން ކަމަށާއިި މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ ފިލްމީ ދާއިރާ މުޅިން ހުއްޓިގެން ދާނެ ކަމަށް ފިލްމު އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.
"މިއަށް ވުރެ ރަނގަޅުވީސް ފިލްމު އިންޑަސްޓްރީ އުވާލާށޭ، ފިލްމު ދެން ނުހެދޭނެއޭ މީގައި ލިޔުނަސް،" ފިލްމު އެސޯސިއޭޝަންގެ ރައީސް އަދި އިހަވަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހަންމަދު އަބްދުﷲ (މުހަންމާ) ވިދާޅުވި އެވެ.
މި ބިލަށް އެ ޖަމިއްޔާގެ ހުރިހާ މެމްބަރުން ވެސް ފާޑު ކިޔެވެ. އަދި މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ، އެއީ ރާއްޖޭގެ ހުރިހާ ފިލްމީ ތަރިންނާއި ފިލްމު އުފައްދާ މީހުންގެ މަސައްކަތުގައި ނިމުމުގެ ސިއްކަ ޖެހުމުގެ ވަގުތު ކަން އެ މީހުން ފާހަގަކުރި އެވެ.
"މި ބިލުން އަޅުގަނޑުމެން ވަކިކޮށްދެއްވާ،" ޑައިރެކްޓަރު އަބްދުލްފައްތާހު ބުންޏެވެ. "މިވަރުގެ ޖޫރިމަނާއެއް ދެއްކުމުގެ ފެންވަރެއް އަޅުގަނޑުމެންގެއެއް ނެތް. އަޅުގަނޑުމެން މި އުޅެނީ ބައެއްގެ އަބުރާ ބެހޭކަށް ނޫން. އަޅުގަނޑުމެންނަކީ ފަންނީ މަސައްކަތްތަކެއް ކުރާ ބައެއް."
މި ބިލްގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ތިބީ ބަނދެވިފައި ކަމަށާއި ބިލުގައި ފިލްމީ ދާއިރާއާ ގުޅުން ހުރި ކަންކަން ނެގުމަށް ވެސް ޖަމިއްޔާ އިން ގޮވާލި އެވެ.
މުހައްމާ ވިދާޅުވީ ފިލްމުތައް އާންމުކޮށް އުފައްދަނީ ހިޔާލީ ނުވަތަ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.
ނަމަވެސް އަބުރުގެ ބިލުގެ 11 ވަނަ މާއްދާގެ (ހ) ގެ ސަބަބުން ކޮންމެ ފިލްމެއްގެ މައްޗަށް ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ވަކިވަކި ފިލްމުތަކަށް ޖޫރިމަނާގެ އަދަދު ކަނޑައަޅާނަމަ، ދާއިރާގައި މަސައްކަތް ކުރާ މީހުންނަަށް މަސައްކަތެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބުރުގެ ބިލުގެ އެ މާއްދާގައި ބުނެފައިވަނީ އަބުރާ ބެހުމަކީ، ދައްކާ ވާހަކައަކުން، ބުނާ ބަސްތަކަކުން، ލިޔާ ލިޔުމަކުން، ދައްކާ ކުރެހުމަކުން، ތަސްވީރަކުން، އިޝާރާތަކުން، ކުރާ ހަރަކާތަކުން މީހެއްގެ ނަމާއި އިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭނެ ކަމެއް ކުރުމެވެ. އަދި ތިންވަނަ މީހެއްގެ ނަޒަރުގައި، މުޖުތަމައުގެ ކުރިމަތީގައި، މީހެއްގެ ނަމާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އެއްޗެއް ސިފަކުރެވިގެން، ވިސްނިގެން ނުވަތަ ދޭހަވުމެވެ.
"ރާއްޖޭގައި ހަދާ ފިލްމުތަކަކީ އެތައް ހަރަދުތަކެއް ކޮށްގެން ހަދާ ފިލްމެއް. ފިލްމަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވާ ފަހަރު އާދޭ. މި ބިލުގެ ސަބަބުން ބޮޑު މައްސަލައަކާ އަޅުގަނޑުމެން މި ކުރިމަތިލާން ޖެހެނީ،" ފިލްމީ ދާއިރާގައި ތަޖުރިބާކާރު މުހައްމާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މީހުން ޖަލަށް ލައި، އަބުރުގެ ދައުވާތަކާ ހެދި ސަލާމަތް ނުވެ އެހެން ކަމެއް ކުރާނެ ވަގުތެއް ދެން ނޯންނާނެ."
އަބުރު ރައްކާތެރިކުރެވެން ޖެހޭއިރު، އެފަދަ ބިލެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި ސެންސަރުކޮށްގެން ނެރޭ ފިލްމެއްގައި އޮންނަ ހާދިސާއަކުން ފިލްމީ ދާއިރާގައި އުޅޭ މީހުންނާ މެދުގައި ދައުވާ ކުރުމުގެ ފުރުސަތު ނޯންނާނެ ގޮތަކަށް މާއްދާއެއް އިތުރުވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފިލްމުތައް އާންމުކޮށް ހުންނަނީ މީހަކަށް އަމާޒުކޮށްގެން، ވަގަށް ވެސް ގޮވާނެ، ކޮރަޕްޝަންގެ އަމަލުތައް ވެސް ހިނގާނެ، އެ ހުރިހާ ސިފައެއް ދެއްކުމަށްފަހު މުޖުތަމައުއާ ހަމައަށް މި ދޫކޮށްލެވެނީ،" މުހައްމާ ވިދާޅުވި އެވެ.
މި ބިލުގައި ހުރި ކަންކަމުގެ އިތުރުން ދިވެހި ފިލްމު އިންޑަސްޓްރީގައި ފިލްމު ހެދުން ނިމުނީ ކަމަށް ބިލުގައި ކަނޑައަޅައިފިނަމަ، ފިލްމު ނަހަދާނެ ކަމަށް ވިދާޅުވެ އޭނާ ބިލަށް މަލާމާތް ވެސް ރައްދުކުރެއްވި އެވެ.
ފިލްމު އެސޯސިއޭޝަނުން ބުނި ގޮތުގައި މި ގާނޫނުގެ ދަށުން ސްކްރިޕްޓް ލިޔާ މީހާ އާއި ފިލްމު ކުޅޭ މީހާ އާއި ފިލްމު އުފެއްދި މީހާއާ މެދު ފިޔަވަޅު އަޅަން ހުށަހެޅިދާނެ އެވެ. އަދި ފިލްމެއްގެ ސަބަބުން ހުރިހާ އެންމެންނަށް ވެސް ދައުވާ ލިބިގެންވޭތޯ ސުވާލު އުފެދޭ ކަމަށް ފިލްމު އެސޯސިއޭޝަނުން ބުންޏެވެ.
ބިލަކީ ނޫސްވެރިންނަށް އަމާޒުކޮށް ހަދާފައި އޮތް އެއްޗެއް ކަމަށާއި ފިލްމީ ދާއިރާ މި ބިލުން އިސްތިސްނާވާނެ ގޮތެއް ހަދަން ޖެހޭ ކަމަށް ވެސް ފިލްމީ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އަދި ފަންނާނުންނަކީ މީޑިއާގެ ބައެއް ނޫން ކަމަށްވާތީ އެކަން އިސްލާހުކޮށްދޭން ޖެހޭ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ. މި ބިލާ މެދު ރާއްޖޭގެ ނޫސްވެރިންނާއި އާންމުންގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބިލުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ނޫސްވެރިން އިސްވެ ތިބެ އަންނަނީ "27ގެ ދިފާއުގައި"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އއ
07 August 2016
އަބުރެއް ނެތް ބަޔަކު އަބުރުވެރި ކުރުވަން ބިލް ހެދީމާ ވާނެ ހައެތި މިއޮތީ ވެފައި!!
ތެދުބަސް
06 August 2016
މުހަންމާ އެބުނަނީ ތިޔަ އަދަބުލިބޭ ބައިން ތިމަންނަ އިސްތިސްނާކުރާށޭ. އޭރުން އަނެއްކާ ވެސް ވޯޓްދޭނަމޭ. މިއީ ސީދާ ޖަންގަލީގެ އުސޫލު ހިނގާތަނެއް.
ވަލިޔުލްވގ
06 August 2016
މުހަންނާ އެކްޓް ނުޖައްސާ. ތެދުނިޔަތެއްގައެއްނޫންކަން އެނގޭ ބިލަށްވޯޓް ދީފަ ކޮންޗެއްގެ އަނދުނެއް އަޅުވަންތިއުޅެނީ
ސާދާސީދާ
06 August 2016
ކިހާތާހިރު! ނޫސްވެރިން 2 މިލިޔަނުން ޖޫރިމާނާކުރުން އޯކޭ. ތިމަންނަމެން އިސްތިސްނާކޮށްދޭށޯ! އޭރުން މިބިލަށް ވޯޓް ވެސް ދޭނަމޯ! ދިވެހިންނަށް ހެޔޮވާނެ އެމީހެއްގެ އަމިއްލަ ދަރިއަކު ނުގެއްލުވާލަންޏާ، ނުމަރަންޏާ، ސަލީބަށް ނާރުވަންޏާ!
އަހާނަމަ
05 August 2016
ފިލްމް ކުލަސިފައި ކުރާ ފަރާތުން މި ޒިންމާ ނަގާގޮތަށް ބިލްގައި ހިމެނުނީމަ އެކަން އެނިމުނީ. ވ ސިމްޕަލް.
ހައިވް
05 August 2016
މުހަންމާ! ަޅުގަޑައް ފެންނަނީ އެޤާނޫނުން ފިލްމާބެހޭ ބައި ނަގާއިރު ނޫސްވެރިންގެ ބައިވެސް އެޤާނޫނުން އުނިކުރަން! ފިލްމާއި ޑްރާމާ ތަކަކީ މުޖުތަމަޢު ފަސާދަކުރުމާ އާއިލީ ހަމަޖެހުން ސީދާ ހަލާކުކޮއްލާ ދެކަންތަށް!
ތުއްތުބޭބެ
05 August 2016
ތިއީ އަބުރު ރައްކާތެރި ކުރުމާބެހޭ ބިލެއްގެނަމުގައި ފައިސާ ރައްޔިތެއްގެ އެކައުންޓެއްގައި ހުރިނަމަ އެހުރިވަރުބަލައި އަބުރުގެ ދަޢުވާސަބިތުުރުވާ އެޢަދަދަށްޖުރުމާނާ ކޮށް އެފައިސާ ނަގާ ރައްޔީތުމީހާ ނިކަމެތިކޮށް ފޭރޭބިލެއް
ާގަބުރުގެބިލް
05 August 2016
ކުދިކަަންކަމާ ބޮޑެތި ގާނުނު ހަދަން އުޅުނީމަ ވާގޮތްމީ. ޓްރެފިކް ޖޫރިމާނާ ކުރީމަ އެނުދެއްކުނީމަ ޖަލަށްލީމަ ކިހިނެތްތޯވާނީ. އޭރުންއެންމެން ގަވައިދުން މަގުމަތީގަ އުޅޭނެބާ. ފޭސްބުކަށް މީހެއްލާ ފޮޓޯއަކުން ޒުކަބާގު ޖޫރިމަނާ ކުރެވިދާނެބާ؟
އައްޓަމަސް
05 August 2016
ހަހަހަހާ ބަލަ ތިބިލަށް ވޯޓްދިން މީހުންގެތެރޭގައި އިހަވަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހަންމާހިމެނުނު ކުޑަހުވަދޫ ދާއިރަގެ އާމިރުހިމެނޭ ވޯޓްދީފައި ދެންކޮންއެއްޗެކޭތިކިޔަނީ
އަލީ
05 August 2016
މުހައްމާމެން ތިހަދަނީ ފިލްމް ތަ؟ ތިކަހަލަ ފިލްމް ނުހެދިއަސް މައްސަލައެއް ނެތް. މުހައްމާމެން ފިލްމޭ ކިޔައުގެން ތި ޖަހާ ސަކަރާތް ޖަހަން ލަދު ނުގަންނަކަން.