ރޭ މާލޭގައި ޒަހަމްކޮށްލި ޒުވާނާ ސީރިއަސް ހާލަތުގައި

މާލޭގެ މަގެއްގެ މަތީގައި ރޭ ނުރައްކާތެރި މާރާމާރީއެއް ހިންގައި ޒުވާނަކު ވަރަށް ސީރިއަސްކޮށް ޒަހަމް ކޮށްލައިފި އެވެ.


އިސްކަންދަރު ސްކޫލްގެ ފުރަގަހުން އޮންނަ ޕިރާޒީ ގޯޅި ތެރޭގައި ރޭ 9:30 ހާއިރު ހިންގި އެ މާރާމާރީގައި ޒުވާން ފިރިހެން ކުއްޖެއްގެ ބޮލުގައި ވަނީ ކޯރާޑިއަކުން ޖަހައި، ބޯ ފަޅާލައިފަ އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އެ ޒުވާނާ އަށް ފަރުވާ ދެމުން އަންނައިރު އެނގިފައިވާ ގޮތުގައި އޭނާގެ ސިކުނޑި އަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ޒަހަމްވި ޒުވާނާގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ގުރޫޕަކުން އެ މާރާމާރީ ހިންގަނިކޮށް ކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯއިން ފެންނަނީ ހަތް ވަރަކަށް މީހުންގެ ގުރޫޕަކުން މާރާމާރީ ހިންގަނިކޮށެވެ. އޭގެ ތެރެއިން ދެ މީހަކު އެއްޗަކުން ހަމަލާ ދޭ ތަން ފެނެ އެވެ.

އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެކަމަކު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.