ބްރިޖު ހުޅުވުމުން ފެރީތައް މަދުކުރާނެ: އެމްޓީސީސީ

އަންނަ ބުރާސްފަތި ދުވަހު މާލެ، ހުޅުލެ ބްރިޖު ހުޅުވުމުން ހުޅުލެ އާއި ހުޅުމާލޭގެ ފެރީތައް މަދުކުރާނެ ކަމަށް އެމްޓީސީން މިއަދު ބުނެފި އެވެ.


އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ އެޗްއޯޑީ މުހައްމަދު ނާޒިމް ވިދާޅުވީ ފެރީތަކަށް ބަދަލު ގެންނާނީ ބްރިޖު ހުޅުވުމުން ފެރީ އާއި ބްރިޖު ބޭނުން ކުރާ މިންވަރަށް ބަލައިގެން ކަމަށެވެ.

"ބްރިޖު ހުޅުވީމަ އެމީހެއްގެ އޯން ޓައިމްގައި ދަތުރު ކުރަންވީ. އެހެންވީމަ ފެރީގެ ހިދުމަތް ބޭނުން ކުރާ މީހުންގެ އަދަދަށް ބަދަލެއް އަންނާނެ. ބްރިޖު ހުޅުވީމަ ދެ ފަރާތަށް ދަތުރުތައް ބެހިގެންދާ ގޮތަށް ބަލާފައި އަޅުގަނޑުމެން އެ އެޖަސްޓްމަންޓް ގެންނާނީ،" ނާޒިމް ވިދާޅުވި އެވެ.

ބްރިޖު ހުޅުވުމުން ފެރީ މެދުވެރިކޮށް ކުރާ ދަތުރުތައް މަދުވާނެ ކަމަށް ބެލެވުނު ނަމަވެސް އެ ބަދަލު ގެންނާނީ ދަތުރު ކުރާ މީހުންނަށް ފެރީ މަދުނުވާނެ މިންވަރަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދޭ ތަނެއް. އެހެންވީމަ އަޅުގަނޑުމެން ބަލަންޖެހޭނެ ރައްޔިތުންނަށް މިކަމުގައި އެއްވެސް ދަތިތަކެއް ކުރިމަތިވޭތޯ،" ނާޒިމް ވިދާޅުވި އެވެ. "އެ ވަރަށް ބަލާފައި ފެރީ މަދު ކުރަންޖެހޭ ނަމަ އެކަން ކުރާނީ."

ބްރިޖު ހުޅުވުމުން މާލެއިން ވެލާނާ އެއާޕޯޓަށް ދަތުރު ކުރާ ފެރީތަކަށް މަދު ކުރާނެ އެވެ. މާލެއިން ހުޅުލުއަށް ދަތުރު ކުރާ ފެރީތައް ބައިވެރިވާ "ފެރީ އެސޯސިއޭޝަން"ގެ ފަރާތުން ވާހަކަ ދެއްކި އަބްދުﷲ އަޒީޒް ބުނީ ފެރީތަކަށް ބަދަލު ގެންނާނެ ގޮތާ މެދު އަދި މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.

"އެކަމަކު ބަދަލު އަންނާނެ. ބްރިޖު ހުޅުވީމަ އަޅުގަނޑުމެން އެ ނިންމުންތައް ނިންމާނީ. ފެރީ ބޭނުން ކުރާ މީހުން މަދުވާނެ. އެހެންވީމަ ފެރީ ވެސް މަދު ކުރަންޖެހޭނެ،" އޭނާ ބުންޏެވެ.

މީގެ އިތުރުން ބްރިޖު ހުޅުވުމުން ހުޅުމާލެ އަދި މާލެއާ ދެމެދު ބަހުގެ ހިދުމަތް ފެށިގެންދާނެ ކަމަށާއި އެއާޕޯޓް ޓްރާންސްފާގެ ހިދުމަތް ވެސް އެ ކުންފުނިން ފާށާނެ ކަމަށް އެމްޓީސީގެ ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަނީ އެކި ދިރާސާތައް ކުރަމުން. އަޅުގަނޑުމެން ފަށާ ހިދުމަތްތައް އަގު ހެޔޮ ވާނެ މާކެޓުގެ އަގުތަކަށް ވުރެ. އެއީ އެހެން ކުންފުނިތަކާ ހިލާފަށް އަޅުގަނޑުމެން ބަލަންޖެހޭ އެބަ ރައްޔިތުންނަށް ވީހާ ވެސް އަގުހެޔޮކޮށް ހިދުމަތް ފޯރުކޮށްދޭން،" އޭނާ ވިދާޅުވި އެވެ.

މި ބުރާސްފަތި ދުވަހު މާލެ، ހުޅުމާލެ ބްރިޖު ހުޅުވުމަށް ހަމަޖެހިފައިވާއިރު މިއީ ރާއްޖޭގައި އަޅާފައިވާ ފުރަތަމަ ބްރިޖެވެ. މި ދެމެދުގައި ބްރިޖު އެޅުމުގެ ވިސްނުމެއް ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ގެންގުޅެނެވެ. ފަހުން މި ވާހަކަ ދެއްކެވީ ރައީސް މައުމޫން 2008 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި އިރު އެވެ.

މާލެ، ހުޅުމާލެ ބްރިޖުގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ބްރިޖު މި ހުޅުވެނީ ގާތްގަނޑަކަށް ހަތަރު އަހަރުގެ މަސައްކަތަށް ފަހު އެވެ.