ބްރިޖަކީ އިގްތިސާދީ އާ ދޮރާއްޓެއް، ތަރައްގީގެ ދަތުރުގެ ކާމިޔާބެއް: ރައީސް

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖަކީ އިގްތިސާދީ އާ ދޮރާއްޓެއްގެ އިތުރުން ތަރައްގީ އަށް ކުރާ ދަތުރުގެ މުހިއްމު ކާމިޔާބެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވާލި ބްރިޖު، އާޓިފިޝަލް ބީޗުގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގައި، ބްރިޖް ހުޅުއްވައިދެއްވީ ރައީސް ޔާމީނާއި ޗައިނާ ސަރުކާރުގެ މަންދޫބު، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓު ކޯޕަރޭޝަން އެޖެންސީގެ ޗެއާމާން، ވަން ޝިއާއޮ ތާއޮ އެވެ. ގިނަ އަދަދެއްގެ ބަޔަކު ޖަމާވި ރަސްމިއްޔާތު ކުރިއަށް ދިޔައީ، ހަވާ އެރުވުމާއި ލޭޒަ ޝޯއަކާ އެކުގަ އެވެ.

ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވި މަންޒަރު އާންމުން ބަލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީންގެ ރިޔާސީ އެންމެ ބޮޑު އެއް ވައުދު ކަމުގައިވާ ބްރިޖު ނިންމަވައި އެކަމުގެ އުފާފުޅު ރައްޔިތުންނާ ހިއްސާކުރައްވައި ދެއްކެވި ވާހަކަފުޅު އަމާޒު ކުރެއްވީ، އެމަނިކުފާނުގެ އަބަދުވެސް ވިދާޅުވަމުން އަންނަ "ދިރުމެއް އޮވެއްޖިއްޔާ އުއްމީދެއް ވާނެ" ކަމަށް ވިދާޅުވާ ވިދާޅުވުމުގެ މައްޗަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ބްރިޖާ އެކު ދިވެހި ރައްޔިތުން މިރޭ އިހްތިފާލްކުރީ، ތަރައްގީ އާއި ތަމައްދުންގެ އާ ޒަމާނެވެ. އެއީ، އިގްތިސާދީ އެތައް ފައިދާތަކަކާއި ވަޒީފާ އާއި އެތައް ކުރިއެރުންތަކެއް ފަހިވެގެންދާނެ މައި ދޮރާށި ކަމަށް ވެސް ވިދާޅުވި އެވެ.

"ތަރައްގީގެ ރޭހުގައި އަޅުގަނޑުމެން މި ބޭނުން ކުރަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މުޖުތަމައުތަކުގައި ބޭނުންކުރާ ފަދަ ތަރައްގީގެ އާލާތްތައް،" ރައީސް ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ތާރީޚީ ހަވާއެރުވުމާއި ލައިޓްޝޯގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެ ވާހަކަ އަށް ބާރު ދެއްވީ، މަރްހޫމް ހޯރަފުށީ އާދަމް ސަލީމްގެ ޅެމަކުންނެވެ.

"ދެންފަހެ، ފިޔާތޮށި ކުލައަކުން އާފާތު ޒީނަތްކޮށްފިއޭ. އެރި ފުސްވިލާތައް އުދަރެހުން މުސްތަގުބަލެއް ދައްކައިފިޔޭ،

އޮޅުދޫ ކަރައިގެ ހުޅަނގު ފަރާތުން ފެންނަ ކުދި ރަށްތައް ގުޅުވާ ދަގަނޑު ފާލަންތަކުން، ތަހުޒީބުން އާކޮށްފިއޭ. ޔުނިވާސިޓީ އާއި ކޮލެޖުތައް މާލޭގެ އަގު މާތް ބިންގަނޑުން އުނިކަން މި ޖަހުލީ ފިލުވުމަށް ދައުމީރުތައް ކުރެހިއްޖެޔޭ،"

މާލޭ މުސްތަގުބަލާ ގުޅޭ ގޮތުން ހަދާފައިވާ އެ ޅެމަކީ، މީގެ 60 އަހަރު ކުރިން، އާދަމް ސަލީމްގެ އުމުރުން އެންމެ 17 އަހަރުގައި ހެއްދެވި ޅެމެއް ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ޅެމުން ދޭހަކޮށް ދެނީ އާދަމް ސަލީމް ފަދައިން ދިވެހިންނަކީ އޭރު ވެސް އުއްމީދުން ފުރިގެންވާ އަދި ކުރިއެރުމަށް އެދިއެދި ތިބި ބައެއް ކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަން ކަމަށެވެ.

ސިނަމާލެ ބްރިޖް ހުޅުވުމަށް ފަހު ހަވާ އަރުވާތަން އާންމުން ފޮޓޯ ނަގަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހިންގެ އުއްމީދުތަކާ ގުޅިފައިވާ ބްރިޖުގެ ހުވަފެން ހަގީގަތަކަށް ހެއްދެވި ކަމަށްޓަކައި، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެ ގައުމުގެ ސަރުކާރަށް ރައީސް ޔާމީން ޝުކުރު އަދާކުރެއްވި އެވެ.

ހުޅުމާލެ ހިއްކައި، 200،000 އަށް ވުރެ ބޮޑު އާބާދީއަކަށް ތަރައްގީކުރަމުން އަންނަ ކަން ފާހަގަކުރައްވައި، އެ ތަރައްގީގައި އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރުގެ އުނދަގޫ ތަހައްމަލްކުރަން ޖެހުން ކަމަށް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ އުނދަގޫ ފަސޭހަކޮށްދެއްވަން، ދިވެހި ރައްޔިތުންނަށް ވެވަޑައިގަތް ވައުދާ އެއްގޮތަށް، ބްރިޖު އެޅުމުގެ އެހީތެރިކަމަށް ޗައިނާގެ ރައީސްގެ އަރިހުން އެދިވަޑައިގަތީ، އެ ގައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، އޮގަސްޓު، 16، 2014 ގައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެއާއެކު ބްރިޖުގެ ދިރާސާތަކާއި މަސައްކަތުގެ އުނދަގޫ މަރުހަލާތައް ކަޑައްތުކޮށް، ތިން އަހަރުގެ ތެރޭގައި ބްރިޖު ނިންމައި ރައްޔިތުންނާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު:---ފޮޓޯ: ނިޝާން އަލީ/މިހާރު

އެ ބްރިޖަކީ، ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ވެސް ރަމްޒެކެވެ. އެއީ، ބޮޑު ގައުމަކާއި ކުޑަ ގައުމެއްގެ އެއްބާރުލާއި އެހީތެރިކަމުގެ މިސާލެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިގްތިސާދީ ގޮތުން ރާއްޖެ ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ބްރިޖާއެކު ހުޅުވިގެން ދަނީ ތަރައްގީގެ އެތައް ފުރުސަތެއް ކަމަށެވެ. އެ ފުރުސަތުތަކާއި ކުރިއެރުންތަކުގައި އެމަނިކުފާނުގެ ސަރުކާރުން ދިވެހި އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދިވެހި ގައުމު ދެމިއޮންނާނީ، އިސްލާމްދީނުގެ މަތީގަ އެވެ. ދިވެހިންގެ ދީނާއި ގައުމާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނާ ދެކޮޅަށް ތެދުވުމުގެ ހިތްވަރު ހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.