މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އުފަން ރަށް، ޅ. ހިންނަވަރަށް ރައީސް ޔާމީން މިރޭ ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫތައް އިފްތިތާހު ކުރެއްވުމަށް އެ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ރައީސް ޔާމީން މިރޭ 8:30 ހާއިރު ހިންނަވަރަށް ވަޑައިގަތް އިރު މުޅި ބަނދަރު ސަރަހައްދު އޮތީ ފިޔާތޮށި ކުލައިން ޒީނަތްތެރި ކޮށްފަ އެވެ. އެ މަނިކުފާނާ ސަލާމް ކުރެއްވުމަށް އެތައް ސަތޭކަ ބަޔަކު ނުކުމެ ތިއްބެވެ. އެކި އުމުރުފުރައިގެ ދެ ޖިންސުގެ މީހުނާ ސަލާމް ކުރެއްވުމަށް ރައީސް 15 ވަރަކަށް މިނެޓް ހޭދަ ކުރެއްވި އެވެ.
ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ފަހު ރައީސް ޔާމީން ވަނީ އެރަށު ބަނދަރު ސަރަހައްދުގައި ހުންނަވައި އެ މަނިކުފާނަށް ކެމްޕެއިން ކުރެއްވުމަށް އެ ރަށުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ. އާންމު ޖަލްސާއެއް އެ ރަށުގައި ނުބާއްވަ އެވެ. ރައީސް ޔާމީން އެރަށުން ފުރާވަޑައިގެންނެވީ ދެ ގަޑިއިރެއްހާ އިރު މަޑުކުރައްވާފަ އެވެ.
ރައީސްގެ އަރިހުގައި އެރަށަށް މިރޭ ވަޑައިގެންނެވި ދައުލަތުގެ އިސް ބޭފުޅުންގެ ތެރޭގައި ހިންނަވަރަށް އުފަން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް ޔާމީން މިއަދު ޅ. ނައިފަރަށް ވަޑައިގެން އެރަށު ހޮސްޕިޓަލުގެ އާއިމާރާތް ހުޅުއްވައި ދެއްވާފައިވެ އެވެ. އެރަށުން ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް ދެއްނެވި އެވެ. އަދި މާދަމާ އެއަތޮޅު ކުރެންދޫއަށް ވަޑައިގެން މަޝްރޫއެއް އިފްތިތާހު ކޮށްދެއްވުމަށް ވަނީ ނިންމަވާފަ އެވެ.
ރިޔާސީ ކެންޑިޑޭޓްކަން ލިބިވަޑައިގެންފަހުން އިބޫ އަދި ރަށަށް ވަޑައިނުގަންނަވަ އެވެ. ނަމަވެސް އިބޫގެ ރަނިން މޭޓް ފައިސަލް ނަސީމް ވަނީ ހިންނަވަރަށް ވަޑައިގެން ކެމްޕެއިން ކުރައްވާފަ އެވެ. ފައިސަލަށް އެރަށުން ހޫނު މަރުހަބާއެއް ދެއްނެވި އެވެ.
ހިންނަވަރު ދާއިރާގެ މެމްބަރުކަން އިބޫ ކުރައްވާތާ 25 އަހަރު ވެފައިވާއިރު، އޭނާ އަކީ އެ ރަށުގެ ވަރަށް ގިނަ ބައެއްގެ ތާއީދު ހޯއްދަވާފައިވާ ބޭފުޅެކެވެ.