އާންމުންނަށް ބްރިޖު ދައްކާލުމުގެ ހަރަކާތްތަކެއް ފަށައިފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ހުޅުއްވައި ދެއްވި މާލެ-ހުޅުލެ ބްރިޖު އާންމުންނަށް ދައްކާލުމުގެ ހަރަކާތްތަކެއް ހައުސިން މިނިސްޓްރީން މިއަދު ފަށައިފި އެވެ.


"ރައްޔިތުން ބްރިޖަށް ވެދުމާ ދިއުން" މިއަދު ހަވީރު ހަތަރެއް ޖެހިއިރު ފަށާފައިވާއިރު، އެންމެ ފުރަތަމަ ބްރިޖަށް އަރާވަޑައިގަތީ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމެވެ. އެކަމަނާ ބްރިޖަށް އަރާވަޑައިގަތީ ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުންނާއި ކުޑަކުދިންނާ އެކު އެވެ.

ޗައިނާ ސަރުކާރުގެ އެހީތެރިކަމާ އެކު، ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ސިނަމާލެ ބްރިޖަށް އެރުމުގެ ފުރުސަތު އާންމުންނަށް ދެން ހުޅުވާލާނީ މިރޭ 8:00 ފެށިގެން 11:00 އަށެވެ.

އާންމުންނަށް ފުރަތަމަ ފަހަރަށް ބްރިޖު ދައްކާލުމަށް ކުރިއަށް ގެންދާ މި ހަރަކާތުގައި މިއަދު ހަވީރު ވަނީ ސްކޫލް ކުދިންގެ ބޭންޑް އައިޓަމެއް ހުށަހަޅައިދީފަ އެވެ. އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުން ވެސް ވަނީ މިއަދުގެ ހަރަކާތުގައި ބައިވެރިވެފަ އެވެ.

ބްރިޖަށް އެރުމަށްޓަކައި މިއަދު އެތައް ސަތޭކަ ބަޔަކު ދިޔަ އެވެ.

ބްރިޖުމަތީގައި ދަތުރުކުރުން އާންމުކޮށް ހުޅުވާލާނީ އަންނަ ހުކުރު ދުވަހު އެވެ. އޭގެ ކުރިން، ބްރިޖުމަތީގައި ތަފާތު އިވެންޓުތައް ބޭއްވުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.