ޝެއިޚް އިލްޔާސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ: ނިހާން

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ މެދު ޝެއިޚް އިލްޔާސް ހުސެން ދެއްކެވި ވާހަކަތަކާ ގުޅިގެން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ ކަމަށް، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ކޯލިޝަނުން ރޭ އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް، އިލްޔާސް ވަނީ ޑރ. އަފްރާޝީމާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ. އެގޮތުން މީގެ ހަ އަހަރު ކުރިން، އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން އޭނާއާ އިލްޔާސްއާ ދެމެދު އެންމެ ފަހުން ދެކެވުނު ވާހަކަތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކެވި އެވެ. އަދި ޑރ. އަފްރާޝީމްގެ މަރާލި ފަހުން، އެކަމާ ގުޅުން ހުރި ނުވަ ޒުވާނަކު، އެކި ފަހަރު މަތިން މަރާލާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާއިން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަފްރާޝީމް ގަތުލުކޮށް، މި ދުނިޔޭން ނެތި ކޮށްލި ބަޔަކު އިނގޭ ކަމަށް" އިލްޔާސް ވިދާޅުވެފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މައުލޫމާތު ފުލުހުން ސާފު ކުރަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ނިހާން މިހެން ވިދާޅުވި ނަމަވެސް، އަފްރާޝީމް މަރާލި ބަޔަކު އެނގޭކަމަކަށް އިލްޔާސް ވިދާޅެއް ނުވެ އެވެ. އޭނާ ހަމައެކަނި ވިދާޅުވީ، އޭގެ ފަހުން، އެކަމާ ގުޅުން ހުރި ގަތުލުތަކެއް ހިންގާފައިވާ ކަމަށް ސޯޝަލް މީޑިއާއިން އެނގިވަޑައިގެންނެވި ކަމަށެވެ.

އޭނާ ވަނީ އެ ފަދަ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، އެކަން ފުލުހުން ތަހުގީގުނުކޮށް، އެކަމުގެ ޖަވާބު ފުލުހުން ހޯދާފައި ނުވާތީ އެކަމާ ސުވާލު ކުރައްވާފަ އެވެ.

"ކީއްވެގެންތޯ އެކަމުގެ ތަހުގީގު ނުކުރެވުނީ. މި ނޫން ދުވަހެއް އަންނާނެ. ތިޔަބައި މީހުންނާ ސުވާލު ކުރެވޭނެ،" ޝައިހް އިލްޔާސް ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑު ދީނީ އިލްމުވެރިއަކާ ހަވާލާދެއްވާ އޭނާ ވިދާޅުވީ "މަގުތޫލުގެ ގާތިލަކީ ކާކުކަން ނޭނގިއްޖެ ނަމަ ހާކިމާ (ވެރިމީހާ) އޭގެ ޒިންމާ ނަގަން ޖެހިވަޑައިގަންނަވާނެ" ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން އައްޑޫގައި ރޭ ބޭއްވި ޖަލްސާގައި، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އިލްޔާސް ވާހަކަދައްކަވަނީ.-- ފޮޓޯ: އަދާލަތު ޕާޓީ

"މިއީ އަޅުގަނޑުގެ ވާހަކައެއް ނޫން. އަޅުގަނޑު މީހެއްގެ ބޮލުގައި އިލްޒާމެއް ނާޅުވާނަން. އަޅުގަނޑަކަށް ނޭނގޭ. އެކަމަކު ސުވާލު ކުރަން ބޭނުންވަނީ، އެހާ ރަހުމެއްނެތް ގޮތުގައި ޝަހީދުކޮށްލެވުނު ޑރ. އަފްރާޝީމްގެ މައްސަލަ މިހާ ގިނަ ދުވަސްވީ އިރު ކީއްވެގެންތޯ އޭ ތަހުގީގު ނުކުރެވުނީ. އޭގެ ފަހުން ނުވަ ޒުވާނުން މަރާލި މައްސަލަ ކީއްވެތޯ ތަހުގީގު ނުކުރެވުނީ. ދެން އަޅުގަނޑު މަރާލިޔަސް މައްސަލައެއް ނެތް. އަޅުގަނޑުގެ ވާޖިބު އަދާކޮށްފިން" އޭނާ ވިދާޅުވި އެވެ.

ޝައިހް އިލްޔާސް ވަނީ، މީހުން މަރާ ނިސްބަތް ގިނަވެ، ބޮޑެތި ކުށްވެރިން މުޖުތަމައަށް ދޫކޮށްލާއިރު ސިޔާސީ ކުށްވެރިން ދޫނުކޮށްލާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެ ހުރިހާ ވާހަކައެއް އޭނާ ރޭ ވިދާޅުވީ، އެ ވާހަކަތަކުގެ ސަބަބުން ދެން އާއްމުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިނުގެންފާނެތީ ކަމަށް ވިދާޅުވި އެވެ.

އިލްޔާސްގެ ވާހަކަތަކަށް ނިހާން ވަނީ، އެކި ފަހަރު މަތިން ކުރެއްވި ޓްވީޓްތަކުން ރައްދު ދެއްވާފަ އެވެ. އަދި އޭނާއަކީ ދެ ފަހަރު ދެގޮތަށް ވާހަކަ ދައްކާ ބޭފުޅެއް ކަމަށް ތުހުމަތު ކުރެއްވި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅޭގޮތުން، ކުރިން ދެއްކެވި ވާހަކަތައް "ހޫނުކޮށް ހުއްޓާ" މިހާރު ދައްކަވަނީ އެހެން ވާހަކައެއް ކަމަށް ވިދާޅުވި އެވެ.

ސަރުކާރަށް ފާޑު ކިޔައި ޝައިހް އިލްޔާސް ދެއްކެވި ވާހަކަތަކަށް، ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް މިއަދު ވަނީ ރައްދު ދެއްވާފަ އެވެ.

އޭނާ ވިދާޅުވީ ދިވެހިންނަކީ ހޭލުންތެރި ބައެއް ކަމަށާއި ޝެއިހުން ފަތުވާދީގެން ވެރިކަން ވައްޓާނުލެވޭނެ ކަމަށެވެ. އަދި ފަސް އަހަރުން އެއް އަހަރު ޝެއިހަކު ނުކުމެ ވެރިމީހާގެ މައްޗަށް އިއްވާ ހުކުމަކުން ވެރިކަން ވައްޓައިނުލެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.