އަނިޔާއެއް ނެތް، މުއައްސަސާތައް މިނިވަންކުރާ ވާހަކަ އިދިކޮޅަކަށް ނުދެއްކޭނެ: ރައީސް

އިދިކޮޅު ޕާޓީތަކުން ރައްޔިތުންނަށް ތަސައްވުރުކޮށްދެމުން އަންނަ ގޮތަށް، ރާއްޖޭގައި އަނިޔާވެރިކަން އާއްމުވެފައި ނުވާ ކަމަށާއި އޭގެ އިތުރުން މުއައްސަސާތައް މިނިވަންކުރުމުގެ ވާހަކަ ވެސް އިދިކޮޅު ޕާޓީތަކަށް ދެއްކެން ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އދ. މަހިބަދޫގައި ވިދާޅުވެއްޖެ އެވެ.


އެ ރަށުގެ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އިތުރު ދައުރެއް ދީފި ނަމަ މަހިބަދޫގައި އިތުރު މަޝްރޫއުތަކެއް ހިންގަވައި ދެއްވާނެ ކަމަށެވެ. އެއް ކަމަކަށް ވިދާޅުވީ، ބިން ފުރިފައި އޮތް ރަށް ހިއްކައިގެން ރައްޔިތުންނަށް ގޯތި ލިބޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުމެވެ.

އެއާ އެކު، ބޮޑުކަންނެލީގެ މަސްވެރިކަމަށް ހެޔޮ ނަފާ ހޯދައި ދިނުމުގެ ގޮތުން މަސް ކިލޯއަކަށް ހަމަ އަގު ކަނޑައަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މިއީ އެމަނިކުފާނުގެ ސަރުކާރަށް ފުއްދޭނެ ވައުދުތަކެއް ކަމަށާއި ފަސް އަހަރުގެ ދައުރަށް ބަލާލުމުން ވެސް އެކަން ސާފުވާނެ ކަމަށް ވިދާޅުވި އެވެ.

މަހިބަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

މަހިބަދޫއަކީ މަސްވެރި ރަށެކެވެ. އަދި ބޮޑުކަންނެއްޔަށް ދުއްވާ އެތައް ދޯންޏެއް އެރަށުގައި އޮވެ އެވެ.

މި ފަސް އަހަރުގައި އަނިޔާވެރިކަން އާއްމުވެ، މިނިވަން މުއައްސަސާތަކުން ޒިންމާ އަދާކުރަން ނުކުޅެދިފައިވާ ކަމަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދެއްކެވި ވާހަކަ އަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ މުއައްސަސާތައް މިނިވަންކުރުމުގެ ވާހަކަ ދެއްކުމުގެ ޖާގަ އިދިކޮޅު ލީޑަރުންގެ ނެތް ކަމަށެވެ.

އިބޫ ވިދާޅުވެފައި ވަނީ، އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ، ސިޔާސީ ނުފޫޒަށް ލެނބޭ މީހަކަށް މިނިވަން މުއައްސަސާއެއްގެ މަގާމެއްގައި ނުހުންނެވޭނެ ކަމަށެވެ.

އެ ވާހަކަ އަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި "ތިމަންނަމެންގެ ވެރިކަމެއްގައި، މުއައްސަސާތަކުގައި ތިބޭނީ ސިޔާސީ ފިކުރުން އެއްކިބާވެފައި ތިބި ބައެއް ކަމަށް" ވިދާޅުވާއިރު، މި އަހަރުގެ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓު މެދުވެރިކޮށް އެ ބޭފުޅުން ކުރައްވަން އުޅުއްވީ ކޮން ކަމެއްތޯ ވެސް ސާފުކޮށްދެއްވަން ޖެހެ އެވެ. ހުރިހާ ސިޔާސީ ލީޑަރުން އެއްގަލަކަށް އަރުއްވައިގެން ނެރުއްވި ހުކުމުން ފައިދާ ހޯއްދަވަން އުޅުއްވީ ކޮން ބޭފުޅުންނަކަށްތޯ ވެސް ޖަވާބު ދެއްވަން ރައީސް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ނެރުއްވި އަމުރަކީ އެމަނިކުފާނަށް ފައިދާ ލިބެން އޮތް އަމުރެއް ނޫން ކަމަށެވެ.

"އެހެންކަމުން ކިހާ ވަރެއްގެ މިނިވަންކަމެއްތޯ މުއައްސަސާތަކަށް އެ ބޭފުޅުންނަށް ގެނެވުނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބުރުއަރީ، 7، 2012 ގައި ނުވެއްޓުނު ނަމަ ވިސްނަވާފައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރައްވަން ކަމަށެވެ. ހުރިހާ ފަނޑިޔާރުން ގެއަށް ފޮނުވާލައްވައި، ހަމައެކަނި ނަޝީދު ބޭނުންފުޅުވާ ފަނޑިޔާރުން ނަންގަވަން ނިންމަވާފައި އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން މަހިބަދޫގައި. --ފޮޓޯ: ރައީސް އޮފީސް

އެއާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީއަށް) މެމްބަރުން އައްޔަންކުރަން އޮތް ޖަލްސާ އަށް ހުރަސްއެޅުއްވީ ކޮން ބޭފުޅެއްތޯ ވެސް ރައީސް ޔާމީން އެއްސެވި އެވެ. އެ ޖަލްސާ ކުރިއަށް ގެންދިޔަ ނުދޭން އުޅުއްވީ ޖޭއެސްސީ އަށް ނަޝީދު އައްޔަން ކުރެއްވި މެމްބަރު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އެ އިޝާރާތް ކުރެއްވީ، ޖޭއެސްސީ އަށް ނަޝީދު އައްޔަން ކުރެއްވި އައިޝަތު ވެލެޒިނީގެ ވާހަކަ އެވެ.

"އެެހެންވީމަ ކޮން މިނިވަންކަމެއްގެ ވާހަކައެއްތޯ މި ދައްކަނީ؟ ކޮން ފަނޑިޔާރަކަށްތޯ މިނިވަންކަމާ އެކު ހުކުމް ކުރުމުގެ ހައްގު ލިބުނީ؟ އަބްދުﷲ ގާޒީ ހައްޔަރުކުރަން ޖެހުނީ ކީއްވެތޯ؟ މިނިވަންކަން ލިބުނުތޯ ސިޔާސީ މީހުންނަށް؟ އިލްކެޝަންސް ކޮމިޝަންގެ ތެރޭގައި މިނިވަން ކަން އޮތްތޯ؟" އިބޫ އަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި އޭރުގެ އިލެކްޝަންސް ކޮމިޝަނަރު ފުއާދު ތައުފީގަށް ވެސް ނުފޫޒު ފޯރުވި އެވެ. އެކަން ފުއާދު ދޮގުކުރެއްވި ނަމަވެސް އޭނާ މިއަދު އެ ހުންނެވީ ކޮން ޕާޓީއެއްގައިތޯ ރައީސް ޔާމީން އެއްސެވި އެވެ.

ނަޝީދާއި އެމްޑީޕީން ޓިކެޓް ދީފި ނަމަ ރިޔާސީ ކެންޑިޑޭޓަކަށް ނުކުންނަވަން ތައްޔާރަށް ފުއާދު ހުންނެވިއިރު، އެފަދަ ބޭފުޅެއްގެ ފިކުރު އެއް ދުވަހުން ބަދަލުވެ އެމްޑީޕީން މަގާމެއް ހޯއްދެވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

މިނިވަންކަމުގެ ވާހަކަ ދައްކާ ނަމަ ދިވެހިންނަށް އެންމެ މުހިއްމީ، ރައީސް ވިދާޅުވި ގޮތުގައި، ދިވެހި ގައުމު މިނިވަންކަންމަތީ ބޭއްވުމެވެ. އެކަމަކު އިދިކޮޅުން އަބަދުމެ ގޮވަމުން ދަނީ ބޭރުގެ ލަޝްކަރުތަކުން އަރައި ރާއްޖެ ހިފުމަށް ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ "މިނިވަންކަން ނެތް ދައުލަތެއް" ހިންގަން އިދިކޮޅުން އުޅޭއިރު، މުއައްސަސާތަކުގައި ވެސް މިނިވަންކަމެއް ނޯންނާނެ ކަމަށެވެ.

މަހިބަދޫން ރައީސަށް މަރުހަބާ ދަންނަވަން ނުކުތް ބަޔަކާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅުން މި ސަރުކާރުގެ އަނިޔާގެ ވާހަކަ ދައްކާއިރު އަނިޔާވެރިކަން އާއްމުވެފައި އޮތް ނަމަ، ރަށްރަށަށް އެމަނިކުފާނު ވަޑައިގަތުމުން "ހާދަ އަނިޔާއެއް ތިމަންނަމެން ތަހައްމަލްކުރަމޭ" ރައްޔިތުން އެމަނިކުފާނަށް ދަންނަވާނެ އެވެ. ރަށްރަށުން، އެމަނިކުފާނަށް މަރުހަބާ ކިޔަނީ، އަނިޔާވެރިކަން ތަހައްމަލްކުރާ ބައެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"މޫނުމަތިން ހިނިތުންވުމެއް އަޅުގަނޑަކަށް ނުފެންނާނެ، ބައްދަލުކުރަން ސަލާންކުރަން ބަޔަކު ނާންނާނެ، ރަށެއްގައި ގައުމެއްގައި އަނިޔާވެރިކަން އާއްމުވެފައި އޮތިއްޔަކާމުން،" ރައީސް ވިދާޅުވި އެވެ.

"އަނިޔާވެރިކަން އައިސްގެން އުޅޭ ކަމަށް އެ ވިދާޅުވަނީ، އޭރު އެ ބޭފުޅުން ވަރަށް ވަރުގަދައަށް މަސައްކަތް ކުރި ބަޔަކު ޖަލަށް ލާން، އުސޫލެއް، ހަމައެއް، ޝަރީއަތެއް ނެތި. މީހުން ހިފާ ހައްޔަރުކުރި ޖަލަށް ލި. އަދިވެސް އެ ބޭފުޅުންގެ ވިސްނުމުގައި ހުރީ މީހުން ޖަލަށް ލުން."