މިއީ ސިޔާސީ ނުވެ ގައުމު ބިނާކުރަންވީ ވަގުތު: ޝަހީމް

މިއީ ސިޔާސީ ހަލަބޮލި ކަމަށް ނުގޮސް ގައުމު ބިނާ ކުރަންވީ ވަގުތު ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


މިމަހު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. ގެ ރަށްތަކަށް ދަތުރު ކުރައްވަމުން ގެންދަވާ ޝަހީމް ކުޅުދުއްފުއްޓަށް ވަޑައިގެން ވަނީ އެ ރަށުގައި އެއާޕޯޓް އަޅާ ސަރަހައްދަށް ވަޑައިގެންފަ އެވެ. އެމްޓީސީސީގެ ޖެކެޓާއި ހެލްމެޓް އަޅުއްވައި ހުންނަވައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަހީމް ވިދާޅުވީ ފުރުސަތު ނަގާލައި ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ހިނގައްޖެ ނަމަ އެ ގެއްލުވާލެވެނީ ވަރަށް އަގުހުރި ފުރުސަތެއް ކަމަށެވެ.

"މިހާ ބޮޑެތި މަޝްރޫތައް ގާއިމްވެގެންދާއިރު ރައީސް ޔާމީިނަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ މިފަދަ ކިތަންމެ މަޝްރޫއެއް ރާއްޖޭގެ ރައްޔިތުންނަށްޓަކައި ގާއިމްވެގެންދާނެ،" ތާރު އަޅާފައިވާ ރަންވޭގައި ހުންނަވައި ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ސަޕޯޓަރުންނާއެކު ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުގައި-- ފޮޓޯ: ޕީޕީއެމް

ޝަހީމް ވިދާޅުވީ އެ އެއާޕޯޓަކީ އެރަށު ޒުވާނުންނާއި ރަށުގެ މުސްތަގުބަލަށް މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި އެއާޕޯޓުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ފަސޭހަ ވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން އަބަދުވެސް މަަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިންނަށް ފަސޭހަ ފުރުސަތުތައް ހޯދައިދެއްވުމަށް ކަމަށް ޝަހީމް ވިދާޅުވި އެވެ.

މިދިޔަ މަހު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށެވެ.