އިންތިހާބުގެ އޮފިޝަލުންނަށް ސިޔާސީ މީހުން ތިބުމުން ފާޑުކިޔުންތައް ގިނަވެއްޖެ

ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި ފޯކަލް ޕޮއިންޓުންނަށް ޕީޕީއެމްގެ އެކްޓިވިސްޓުން ނަގާފައިވާތީ އެކަމާ ގިނަ ބަޔަކު ފާޑުކިޔަން ފަށައިފި އެވެ.


ވޯޓު ލާ މަރުކަޒު ކައިރީގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނަށް، 7،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވެ އެވެ. އޭގެ ތެރެއިން 4،000 އެއްހާ މީހުން އޮފިޝަލުންގެ ގޮތުގައި ހަމަޖައްސާފައިވާއިރު ފޯކަލް ޕޮއިންޓުންގެ ގޮތުގައި ކޮންމެ ރަށަކުން ވެސް މީހަކު ނަގާފައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ވޯޓު ފޮށި ބެލެހެއްޓުމާ ހަވާލުވުމަށް، އީސީން ކަނޑައެޅި ލިސްޓުގައި ތިބޭ ބައެއް މީހުންގެ ނަންތައް އާއްމުކޮށްފަ އެވެ. އަދި އެ މީހުން، ޕީޕީއެމް ޓީޝާޓުގައި އެ ޕާޓީގެ ހަރަކާތްތަކުގައި އުޅޭ ފޮޓޯތައް ވެސް އޭނާ ޓްވީޓްގައި ހިމަނާފައި ވެ އެވެ.

މަހްލޫފް އާއްމު ކުރެއްވި ބައެއް ފޮޓޯތަކަށް ބަލާއިރު، އއ. އަތޮޅުގެ ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ބެލެހެއްޓުމަށް ހަވާލުވެފައިވާ މީހާ އާއި އޭނާގެ އެހީތެރިޔާ އާއި ރަޖިސްޓްރީ ބަލަހައްޓާ މީހާ އާއި އިނގިލީގައި ފާހަގަ ޖަހާ މީހުންގެ އިތުރުން، ވޯޓު ލާ މަރުކަޒުގެ ހުރިހާ މަސައްކަތަކާ ހަވާލުވެ ހުރީ ވެސް، ޕީޕީއެމްގެ ހަރަކާތްތަކުން އިސްކޮށް ފެންނަ މީހުންނެވެ.

އޭގެ އިތުރުން، ލ. ގަމު ވޯޓު ފޮއްޓެއްގެ ވެރިއަކަށް ކަނޑައަޅާފައި ހުރި މީހާ، ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކާ ވީޑިއޯއެއް ވެސް، ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

"އަޅުގަނޑުމެން އެ ލިސްޓު ބެލިބެލުމުން، ވޯޓު ފޮށިތައް ބަލަހައްޓާ އޮފިޝަލުންނާއި ފޯކަލް ޕޮއިންޓުންގެ 97 ޕަސެންޓް މީހުންނަކީ ހަމަ ޕީޕީއެމަށް ނިސްބަތްވާ، އެ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުން،" މަހްލޫފް ވިދާޅުވި އެވެ.

އޮފިޝަލުންނާއި ފޯކަލް ޕޮއިންޓުން ހޯދަން އީސީން ކުރި އިއުލާނުގައިވާ ގޮތުން، އެ ފަދަ މީހުންނަށް، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި އިސްރޯލެއް އަދާ ނުކުރުމާއި ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަގާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަގާމެއް ފުރާ މީހެއް ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އިލެކްޝަންސް އޮފިޝަލުންނާއި ފޯކަލް ޕޮއިންޓުންނަށް ސިޔާސީ މީހުން ތިބި ކަމުގެ ޝަކުވާ އެއްވެސް ފަރާތަކުން ރަސްމީކޮށް މިހާތަނަށް ކޮށްފައި ނުވާ ކަމަށާއި އެކަމަކު، އެކަމާ ގުޅޭގޮތުން ބައެއް މީހުން ކޮށްފައިވާ ޓްވީޓްތައް ފެނިވަޑައިގެންފައިވާ ކަމަށެވެ.

"އޮފިޝަލަކަށް ވުމަށް ފަހު ސިޔާސީ ކަންތައްތަކުގައި އުޅުމަކީ މަނާކަމެއް. އެ ފަދަ ކަމެއްގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިއްޖެ ނަމަ، އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނަން،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮފިޝަލުންނާއި ފޯކަލް ޕޮއިންޓުންގެ ކަންކަން، ބައެއް ބޭފުޅުން މޮނީޓާ ކުރައްވާތީ އެކަމާ އުފާ ކުރައްވާ ކަމަށާއި އެކަމަކު ޓްވިޓާގައި އެކަން ހިއްސާކުރުމުގެ ބަދަލުގައި އެ މައުލޫމާތު އީސީ އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

މި މަހު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ލާ މަރުކަޒުގެ އޮފިޝަލުން ތަމްރީނު ކުރުމުގެ ޓްރޭނިން ޕްރޮގްރާމްތަކެއް އީސީން މިހާރު ވަނީ ފަށައިފަ އެވެ.