ޕީޕީއެމްގެ ކެމްޕެއިނުގެ ސަބަބުން ސަޕޯޓް އިތުރު ވަނީ އިދިކޮޅަށް: މާރިޔާ

ވެރިކަން ހިންގާ ޕާޓީ ޕީޕީއެމްގެ ކެމްޕެއިނުން ގަދަބާރާއި ނުފޫޒު ބޭނުންކޮށްގެން ކަންތައް ކުރަމުންދާތީ ސަޕޯޓް އިތުރުވަނީ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ކަމަށް އޭނާގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.


މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ސަރުކާރުން އިދިކޮޅު ސަޕޯޓަރުންނާ ދޭތެރޭ އަމަލު ކުރަމުންދަނީ އަނިޔާވެރިކޮށް ކަމަށެވެ.

"އިދިކޮޅު ކެމްޕެއިނަށް ގޯނާ ކުރަމުން، ކެމްޕެއިނުގެ ހަރަކާތްތެރިން ހައްޔަރުކޮށް އެ މީހުންގެ ބޮލުގައި ޓެރަރިސްޓުންގެ ތުހުމަތު އަޅުވަމުންދާކަން. އައްޑޫ މީދޫގައި ރޭގައި މުޅި ޖަގަހައެއް އަނދައި ހުލިކޮށްލައިފި، ހުވަދޫ ޖަގަހައަށް ކަޅުތެޔޮ ޖަހައިފި،" މާރިޔާ ވިދާޅުވި އެވެ.

ސަރުކާރުން އަމަލު ކުރަމުންދާ ގޮތުން ވަކި ފަރާތަކަށް ނުޖެހި ތިބި އާންމުންގެ ސަޕޯޓް ވެސް އިދިކޮޅު އިއްތިހާދަށް ލިބޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ވަކި ފަރާތަކަށް ނުޖެހި ތިބި މަދު މީސްކޮޅު ވެސް، އެ މީހުންނަށް ފެންނަ ގޮތަށް، އެމީހުންގެ ހިސާބުގެ މީހުން ބެނަރެއް ޖަހާލަންވާއިރަށް އަރާ އެ ބެނާ ކަނޑާލައިފައި ދެން އެހެން އެއްޗެއް ޖަހާތަން ފެނުނީމަ އެ ކުރަނީ ނަފްރަތު،" މާރިޔާ ވިދާޅުވި އެވެ.

މާރާމާރީ ހިންގުމާއި މީހުން މެރުން ފަދަ ކުށްތައް އިތުރުވަމުންދާ ކަމަށާއި އެއީ ދިވެހިން އެންމެ ނަފްރަތު ކުރާ އެއްކަންތައް ކަމަށް ވެސް މާރިޔާ ފާހަގަ ކުރެއްވި އެވެ.

"ހަގީގަތުގައި މި ފެންނަމުން ދަނީ ރާއްޖޭގެ މީހުން އެންމެ ނަފްރަތު ކުރާ ކަންތައް. ވަޅި ޖެހުން، މާރާމާރީ ހިންގުން، ހަމަނުޖެހުންތަކެއް ހިންގާފައި ހަމައެކަނި އެއް ފަރާތަށް ތިބޭ މީހުން ހައްޔަރު ކުރުން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފުލުހުންގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ ސަބަބުން ފުލުހުން ތިބީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

ދިވެހި ފުލުހުންނާއި ސިފައިން އެ މީހުންގެ ހަގީގީ މަސައްކަތް ކުރަން މިނިވަންކަން ނުލިބި ވަކި ފަރާތަކަށް ޖެހިގެން ސިޔާސީ ޖަގަހައެއް ތެރޭގައި މަސައްކަތް ކުރާހެން މަސައްކަތް ކުރަންޖެހުނީމަ އެމީހުންގެ އޮތް ހިނުތަނަވަސްކަމާއި ހިތްހަމަނުޖެހުން އޮތް މިންވަރު،" އޭނާ ވިދާޅުވި އެވެ.