ޓީޗަރުންގެ މުސާރަ ބޮޑު ކުރާނަން: އިބޫ

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ވާދަވެރި ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.


ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ދިއްދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ ބުރަ އަދި ގިނަ ވަގުތު މަސައްކަތްކުރާ ޓީޗަރުންނަށް ލިބެނީ އެންމެ އެކަށޭނަ މުސާރަ ނޫން ކަމަށެވެ. އެކަން ހައްލު ކޮށްދެއްވައި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް އިތުރު ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މުސާރަ ބޮޑު ކޮށްދިނުމަކީ ޓީޗަރުންގެ ބޮޑު އެދުމެކެވެ. އެކަން އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފްސީލެއް މިރޭ އިބޫ ނުދެއްވަ އެވެ.

މިހާރު އަމަލުކުރަމުން އަންނަ ތައުލީމީ މަންހަޖަށް ޓީޗަރުން ތަމްރީނު ކުރެވިފައި ނެތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ގޮންޖެހުންތަކަށް ހައްލު ގެނައުމަށް އަޅުގަނޑުމެން ޓީޗަރުންނަށް އިތުރަށް ކިޔެވުމުގެ ފުރުސަތު ފަހިކުރާނަން،" އިބޫ ވިދާޅުވި އެވެ.

އާބާދީ މަދު ރަށްތަކުގައި ތައުލީމް ހާސިލް ކުރާ ދަރިވަރުން ބާކީ ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި އެކަން ހައްލު ކުރަން ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ބޯޑިން ސްކޫލުތަކާއި ކޮންމެ އަތޮޅެއްގައި ޖޫނިއާ ކޮލެޖްތަކެއް ގާއިމް ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

މިއަދު އިރުއޮއްސުނު ވަގުތު މި ރަށަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދެންނެވުމުން އިބޫ އެކަމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި މި ރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ.

އިބޫގެ ދިއްދޫ ވައުދުތައް:

ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރުން

ޖޫނިއާ ކޮލެޖެއް ގާއިމް ކުރުން

ލޯކަލް ޓޫރިޒަމްގެ ފުރުސަތު ފަހިކުރުން

ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިންގުން

ޓާފް ދެ ދަނޑު ހަދައިދިނުން

ހއ. އަތޮޅުގެ ހުރިހާ ރަށަކަށް އިބޫ ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް ނުދެވިވާ ހަތަރު ރަށަށް މާދަމާ ވަޑައިގަތުމަށް ވަނީ ނިންމާފަ އެވެ.