އަޚުލާގު ރަނގަޅު ދީންވެރި ކެންޑިޑޭޓަކީ އިބޫ: އަނާރާ

މިމަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރައީސް އަބްދުﷲ ޔާމީނާއި ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތެރެއިން އެންމެ އަހުލާގު ރަނގަޅު ދީންވެރި ބޭފުޅަކީ އިބޫ ކަމަށް، ދީނީ އިލްމުވެރިޔާ އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް މިރޭ ވިދާޅުވެއްޖެ އެވެ.


ހއ.ގެ ވެރިރަށް ދިއްދޫގައި މި ރޭ ބޭއްވި ކޯލިޝަން ޖަލްސާގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އަނާރާ ވަނީ ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް ފާހަގަ ކުރައްވައި އިބޫ އާއި ރައީސް ޔާމީން އަޅައި ކިޔުއްވައިފަ އެވެ.

އަނާރާ ވިދާޅުވީ ވެރިއަކު ކަނޑައަޅަން ވޯޓު ލާއިރު އެ ކެންޑިޑޭޓަކީ ގައުމު އިސްލާހު ކުރަން މަސައްކަތް ކުރައްވާ ބޭފުޅެއްތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ރައީސަކަށް އިންތިހާބު ކުރާ މީހާއަކީ އޯގާތެރި އަދުލުވެރި މީހަކަށް ވާން ޖެހޭ އިރު އެ ސިފަތައް ހުރީ ވެސް އިބޫގެ ކިބައިގައި ކަމަށް އަނާރާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ދިއްދޫގައި ބޭއްވި ޖަލްސާގެ ތެރެއިން... ފޮޓޯ: އެމްޑީޕީ

"އިބޫއަކީ ރައީސެއްގެ ކިބާގައި ހުންނަން ޖެހޭ ސިފަތައް ހުންނަ ބޭފުޅެއް. އެއީ ﷲ ސުބުހާނަހޫ ވަތައާލާ އެންގެވި ގޮތްތަކުގެ އަޑު އައްސަވައި ރައްޔިތުންގެ އަޑު އައްސަވާ ބޭފުޅަކަށް ވާތީ،" އިބޫ އާއި ކޯލިޝަންގެ އިސް ވެރިންތަކެއް ބައިވެރިވި ޖަލްސާގައި އަނާރާ ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވަނީ ގާނޫނަށް ބޯލަނބާ ވެރިއެއް ކަމަށާއި އެއީ އިބޫ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ. މިއީ ރައްޔިތުންގެ ބޮޑު ފަޅި އިހުތިޔާރުކޮށް އިބޫ އިންތިހާބު ކުރުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

ސިޔާސީ މައިދާނުގައި ރައީސް ޔާމީން މިހާރު އުޅުއްވަނީ އެކަނި ކަމަށާއި އެންމެ ފަހުން އެމްޑީއޭ ވެސް އެ މަނިކުފާން ދޫކޮށްލެވީ ކަމަށް އަރާނާ ވިދާޅުވި އެވެ.