ބޭރުގެ ނުފޫޒުތަކަށް ނޫނެކޭ ބުނުމަކީ ރާއްޖޭގެ ވަރުގަދަ ކަން، އެއީ އެކަހެރިވުމެއް ނޫން: ޝަހީމް

ބޭރުގެ ނުފޫޒުތަކަށް ބޯ ނުލެނބުމަކީ ރާއްޖޭގެ ވަރުގަދަ ކަން ހާމަވާ ކަމެއް ކަމަށާއި އެއީ ރާއްޖެ އެކަހެރިވުން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް އިތުރަށް ތާއީދު ހޯއްދެވުމަށްޓަކައި ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މީދޫގައި ވާހަކަ ދައްކަވަމުން ޝަހީމް އެގޮތަށް ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެ އެކަހެރިވެފައިވާ ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެފައިވާތީ އެ އަށް ރައްދު ދެއްވަމުންނެވެ.

ޝަހީމް ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިނިވަން ނުވާ މިންވަރަށް މި ސަރުކާރުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ މިނިވަން ކޮށް ކަމަށާއި އޭގެ ސަބަބުން އެތައް ގައުމަކާ އަލަށް ގުޅުން ބަދަހިވެ، ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެ އައިސްފައިވާ ކަމަށެވެ. އެކަމަކު، ބޭރުގެ ޖަމާއަތްތަކުން ރާއްޖޭގެ މައްޗަށް އަންގާ އެންގުންތަކަކަށް ރާއްޖެއިން އަމަލު ނުކުރުމަކީ ރާއްޖެ އެކަހެރިވުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ޝަހީމް ވިދާޅުވި ގޮތުގައި، އެއީ ޚާރިޖީ ގޮތުން ރާއްޖޭގެ ވަރުގަދަ ކަން ހާމަވާ ކަމެކެވެ.

"ކޮމަންވެލްތުން ވެސް ރާއްޖޭގެ މައްޗަށް ވަރަށް ވަރުގަދަ ފިޔަވަޅުތައް އަޅަން އުޅުނު. އެ މީހުން ފިޔަވަޅު އެޅުމުގެ ކުރިން، އެ މީހުންނާ މެދު ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅު އަޅުއްވައިފި." ކޮމަންވެލްތުން ރާއްޖެ އަށް ފިޔަވަޅު އެޅުމުގެ ކުރިން އެ ޖަމްއިއްޔާ އިން ވަކިވެފައިވާ ކަން ފާހަގަ ކުރައްވައި، ޝަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ބޭރުގެ އިސްތިއުމާރީ ބާރުތަކާ ކުރިމަތިލާން ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ޝަހީމް ވިދާޅުވީ ގައުމެއްގެ ވެރިންނަށް ތިބެން ޖެހޭނީ އެފަދަ ބޭފުޅުން ކަމަށެވެ. އަދި ބޭރުގެ ޖަމާއަތްތަކަށް ރާއްޖެއަށް ފިޔަވަޅު ނޭޅިގެން އުޅެނީ ވެސް ރައީސް ޔާމީންގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް، މީދު އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން އެއްވި މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ޝަހީމްގެ ފޭސްބުކް ޕޭޖް

"ދިވެހިރާއްޖެ ބައިނަލްއަގްވާމީ މުޖްތަމައުގައި ވަރުގަދަ ވީމަ ނޫންތޯ އީޔޫ ފަދަ ތަންތަނުން ރާއްޖޭގެ މައްޗަށް ފިޔަވަޅު ނޭޅުނީ. އެއީ ދިވެހިރާއްޖެ ހިމާޔަތް ކުރާނެ ބާރުތައް ބައިނަލްއަގްވާމީ މުޖްތަމައުގައި އެބަ ތިއްބޭ އިނގޭތޯ. އެއީ ދިވެހިރާއްޖޭގެ ސިޔާސަތުތަކުގެ ހަރުދަނާ ކަމުން އެ ބާރުތަކުގެ ގުޅުންތައް އެ ވަރަށް ވަރުގަދަ ވެގެން ދިޔައީ." މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުގައި ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ސަރުކާރެއްގައި ވެސް އިސްލާހު ކުރަންޖެހޭ ކަންކަން ހުންނާނެ އެވެ. އެކަމަކު، ކަންކަން އިސްލާހު ކުރަން އުޅުމުގެ ބަދަލުގައި ބޭރުގެ ނުފޫޒުތަކުގެ ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާ "ގުރުބާން" ކުރުމަކީ އެއީ އެކަމަށް ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާމްދީނުގެ އަދާވާތްތެރި ބާރުތައް އިސްލާމީ ވެރިއެއް ދެކެ ރުޅި އަންނަންޏާ އަޅުގަނޑުމެން ޖެހޭ އެ ބޭފުޅަކު ދެކެ ލޯބިވާން. އެއީ އެ ބާރުތަކުން އެ މީހުން ދެކެ ނަފްރަތު ކުރަނީ އެ މީހުން ބުނާހާ ކަންތައް ނުކުރާތީ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ." ޝަހީމް ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދަށް ފާޑު ވިދާޅުވަމުން ޝަހީމް ވިދާޅުވީ، އެ އިއްތިހާދުގައި ތިބީ މުޅިން ވެސް ލީޑަރުން ކަމަށާއި ވެރިކަމަށް އައިސްފި ނަމަ ދެތިން ދުވަސް ތެރޭގައި ބައިބައިވުން އުފެދޭނެ ކަމަށެވެ. އަދި އެ އިއްތިހާދުން ވެރިކަމަށް އަންނަން ބޭނުންވާ މަގްސަދަކީ ވަކި ބޭފުޅަކަށް ރައީސް ކަން ހޯދައި ދިނުން ކަމަށާއި އެ ފުރުސަތު ރައްޔިތުން ދީގެން ނުވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އެހެންވެ، ބަދަލެއް ގައުމުގެ ގޮތުން ވޯޓު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރުގަދަ ގަޓު ހުރި ސޯލިހް މީހެއް ބޭނުންވަނީ. ހަމައެކަނި ސޯލިހް މީހެއް ނޫން ބޭނުންވަނީ. އެ މީހާ ކިތަންމެ ސޯލިހް މީހަކަށް ވިޔަސް އެ މީހާގެ ވަރުގަދަ ކަމާއި ކަންކަމާއި ކުރިމަތިލުމުގެ ކެރުންތެރިކަން ނެތިއްޔާ ކިހިނެއް ވާނީ؟. ގައުމު އޮޔާލާ ދާނީ." އާންމުންނަށް ވިސްނޭ މިންވަރަށް، ތިލަކޮށް ޝަހީމް ވިދާޅުވި އެވެ.

ސަރުކާރަށް ފާޑު ވިދާޅުވާ ދީނީ އިލްމުވެރިންނަށް އަމާޒު ކުރައްވައި ޝަހީމް ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް "މޫސުމީ ފަތުވާތައް" ނެރޭ ބައެއް އިލްމުވެރިން އުޅުއްވާ ކަމަށެވެ. އެކަމަކު، ސާބިތު ނުހިފޭ ކަންކަމުގެ ވާހަކަ ދެއްކުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެއީ އިސްލާމްދީނުގައި ވެސް މަނާ ކުރައްވާފައިވާ ކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.