އީޔޫގެ ޕާލަމެންޓް މެމްބަރުންތަކެއްގެ ޝަކުވާ ރާއްޖޭން އީޔޫ އަށް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ޕާލަމެންޓްގެ ތިން މެމްބަރަކު ޓޫރިސްޓް ވިސާގައި ރާއްޖެ ވަޑައިގެން، އީޔޫގެ ރަސްމީ ހައިސިއްޔަތު ތަމްސީލު ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވިދާޅުވެ، ރާއްޖެ އިން އީޔޫ އަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ޝިއާން އީޔޫގެ ޕާލަމަންޓަށް ޝަކުވާ ހުށަހަޅުއްވައިފި އެވެ.


ބޭރުގެ ބައެއް ނޫސްތަކުގައި ބުނި ގޮތުގައި، ރާއްޖެ ވަޑައިގެން، އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރެއްވި ތިން މެމްބަރުންނަކީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމާ ގުޅޭ ކަންކަމުގައި އީޔޫ ޕާލަމެންޓުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ރެޕަޓުއާ، ޗެކް ރިޕަބްލިކްގެ ތޯމަސް ޒެކޮވޯސްކީ އާއި ރޫމޭނިއާގެ މާރިއާ ގެބްރިއަލާ ޒޮއެނާ އަދި ޕޮލޭންޑްގެ ރިސާޑް ޗަރްނިއެސްކީ އެވެ. އެކަމަކު، އެ މެމްބަރުން ވަނީ ޝިއާންގެ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއާން. - ފޮޓޯ: ރައީސް އޮފީސް

އީޔޫ ޕާލަމެންޓްގެ ރައީސް އެންޓޯނިއޯ ޓަޖަނީ އަށް ފޮނުއްވި ސިޓީއެއްގައި ޝިއާން ވިދާޅުވީ އެ ތިން މެމްބަރުން، މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް، ޓޫރިސްޓު ވިސާގައި ރާއްޖެ ވަޑައިގެން، އިދިކޮޅު ފަރާތްތަަކާ ބައްދަލުކުރައްވައި، އިންތިޚާބުގެ ކަންކަމާ ގުޅޭ ގޮތުން ތަހުގީގުތަކެއް ކޮށްފައިވާ ކަމަށެވެ. އެ ކަންކަމަކީ ޓޫރިސްޓު ވިސާގައި އެތެރެވާ މީހުން ކުރުން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން މަނާކުރާ ކަންތައް ކަމަށް ވެސް ޝިއާންގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އީޔޫގެ ޕާލިމަންޓް އުސޫލުތައް އޮންނަ ގޮތުން، ރަސްމީ ބޭނުމެއްގައި އެހެން އެއްވެސް ގައުމަކަށް ދަތުރު ކުރުމުގެ ކުރިން، އޭގެ ތަފްސީލާއި ދަތުރުތަކާ ބެހޭ މައުލޫމާތު އީޔޫގެ ޕާލިމަންޓަށް ދޭން ޖެހެ އެވެ.

"ޕްރައިވެޓް ސްޕޮންސާ ދަތުރެއްގައި، ޓޫރިސްޓު ވިސާގައި އައިސް ތަހުގީގެއް ކުރީ. އެ ކަން ކުރީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް. އަދި އިމިގްރޭޝަންގެ ގާނޫނާއި އުސޫލުތަކާ ހިލާފަށް،" ޝިއާންގެ ސިޓީގައިވެ އެވެ.

ޝިއާން ވަނީ ތިން ބޭފުޅުންގެ ދަތުރުގައި، ސަރުކާރުގެ އޮފިޝަލެއް ނުވަތަ ސަރުކާރުގެ އިސް ބޭފުޅަކާ ބައްދަލު ކުރައްވާފައި ނުވާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ބައެއް ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި ޒެކޮވޯސްކީ ވިދާޅުވީ ތިން މެމްބަރުން ކުރެއްވި ދަތުރަކީ އަމިއްލަ ދަތުރެއް ކަމަށާއި އެއީ ރަސްމީ ދަތުރެއް ނޫން ކަމަށެވެ. އަދި މެމްބަރުން ބޭނުންވީ އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށް، ރާއްޖޭގެ ހާލަތު ދެނެގަންނަން ކަމަށް އޭނާ ވިދާޅުވި އެވެ. ޒެކޮވޯސްކީ ވިދާޅުވި ގޮތުގައި، އޭނާ ރާއްޖެ ވަޑައިގަތީ ޑިޕްލޮމެޓިކް ޕާސްޕޯޓުގެ ބަދަލުގައި ޕްރައިވެޓް ޕާސްޕޯޓެއްގަ އެވެ.

މެމްބަރު ޒޮއެނާ ވިދާޅުވީ ޝަކުވާތަކާ ގުޅިގެން، ހައިރާންވާ ކަމަށާއި ރާއްޖެ ވަޑައިގަތީ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް ނޫން ކަމަށެވެ.

"އަޅުގަނޑު އެއްވެސް އިރަކު ހާމައެއް ނުކުރަން، އެ ތަނަށް (ރާއްޖެ) ދިޔައީ ޔޫރަޕިއަން ޕާލަމެންޓްގެ ރަސްމީ ހައިސިއްޔަތުން ކަމެއް،" ޗަރްނިއެސްކީ ވިދާޅުވި އެވެ.

އީޔޫ ޕާލަމެންޓްގެ މެމްބަރު ޑޭވިޑް މެކޭލިސްޓާ ވިދާޅުވީ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް އީޔޫ އިން އެއްވެސް އޮފިޝަލަކު ރާއްޖެ ފޮނުވާފައި ނުވާނެ ކަމަށެވެ. މެކޭލިސްޓާއަކީ އީޔޫ ޕާލަމެންޓްގެ ޑިމޮކްރަސީ ސަޕޯޓު އަދި އިލެކްޝަން ކޯޑިނޭޝަން ގްރޫޕްގެ ކޯޗެއާ އެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި ބާއްވާ އިންތިހާބެއް އޮބްޒާވް ކުރުމުގައި ހަރަކާތްތެރިވެވޭނީ އެ ގްރޫޕްގެ ހުއްދައާ ވެސް އެކުގަ އެވެ.

ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މި ބާއްވާ އިންތިޚާބު އޮބްޒާވް ކުރުމުގެ ފުރުސަތު އދ. އާއި އީޔޫ އަށް ސަރުކާރުން ދިން ނަމަވެސް، އެއްވެސް ކަމެއްގައި ރަސްމީކޮށް ބައިވެރި ނުވާން އެ ދެ ޖަމާއަތުން ވަނީ ނިންމައިފަ އެވެ. އެއާއެކު، ކޮމަންވެލްތުން ރާއްޖެ ވަކިވެފައިވާތީ، މި އަހަރުގެ އިންތިޚާބު އެ ޖަމާއަތުން ވެސް އޮބްޒާވެއް ނުކުރާނެ އެވެ. ނަމަވެސް ދިވެހި ސަރުކާރުން ކުރިން ބުނެފައި އޮތީ އދ. އާއި އީޔޫ އިން ނާންނަނީ އެ އިންތިޚާބުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭތީ ނޫން ކަމަށެވެ.