މެމްބަރުންގެ ގޮނޑިތައް ގެއްލުވައިލީ އަޅުގަނޑު: ރައީސް ޔާމީން

ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރެއްގެ ގޮނޑި ގެއްލުވައިލަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ އެ މަނިކުފާނު ކަމަށް ގދ. ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


މެމްބަރުންގެ ގޮނޑި ގެއްލުވައިލެއްވި ކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންނެވީ، ޕީޕީއެމްގެ އެދުމަކަށް، އެ 13 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް އެ މެމްބަރުން ވިދާޅުވަމުން ގެންދަވަނިކޮށެވެ.

އެ މެންބަރުންގެ ގޮނޑިތައް ގެއްލުވައިލުމުގައި އެންމެ އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ އެ މަނިކުފާނު ކަމަށް ރައީސް ވިދާޅުވި އިރު، އެ މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ އަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު އަދިވެސް އެ ކޯޓުން ގޮތެއް ނުނިންމަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެ ދާއިރާގެ ދެ މެމްބަރުން ކަމަށްވާ ސައުދުﷲ ހިލްމީ އާއި އަބްދުﷲ އަހްމަދު ޕީޕީއެމްގައި ތިއްބެވުމަށް ފަހު، އަމިއްލަ އަށް ހުށަހަޅުއްވައިގެން އެ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ ޕީޕީއެމަށް ގެއްލުންދީ ނިކަމެތިކުރީ އެ މެމްބަރުން ކަމަށެވެ. އެއީ، ދުވަހަކު ވެސް ހިތުން ފިލުވާލެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް މާފެއް ނެތް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ޕާޓީ އަށް މިއައި ނިކަމެތި ކަމަކީ އަޅުގަނޑު މި ޒައާމަތުގައި ހުރެގެން އެއްވެސް ގޮތަކަށް، ޕާޓީގައި ހުރެގެން ފަސޭހަކަމާ އެކު ދޫކޮށްލާނެ ކަމެއް ނޫން. ހަމަ އެ ސަބަބަށްޓަކައި އަޅުގަނޑުމެން ޕާޓީ ދޫކޮށްލާފައި، ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރި ހުރިހާ މެމްބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް ކުރީ އަޅުގަނޑު،" ރައީސް ޔާމީން ވިދާޅުވި އެވެ.

"ﷲ އަޅުގަނޑަށް ތައުފީގު ދެއްވި، އެ މީހުންގެ ގޮނޑިތައް ގެއްލިގެން އެ ދިޔައީ، އަޅުގަނޑުމެންގެ ޕާޓީގެ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުން ބަދަހި ކުރަން. އެއީ އިޚްލާސްތެރިކަމާ އެކު މަސައްކަތް ކުރަން."

އެ މީހުންގެ ގޮނޑިތައް ގެއްލިގެން އެ ދިޔައީ، އަޅުގަނޑުމެންގެ ޕާޓީގެ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުން ބަދަހިކުރަން. --ރައީސް

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތުގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައިވާ ގޮތުގައި، އެ މެމްބަރަކު މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވުމުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާނީ، އެ މެމްބަރަކު ޕާޓީން ވަކިވީ ޖުލައި 13، 2017ގެ ފަހުން ކަމަށްވާ ނަމަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ކަނޑައެޅި 13 މެމްބަރުންގެ ތެރެއިން 12 މެމްބަރުންނަކީ އެ ތާރީޚުގެ ކުރިން ޕީޕީއެމުން ވަކިވެފައިވާ މެމްބަރުންނެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ޕީޕީއެމް ދޫކޮށް އެ މެމްބަރުން ވަޑައިގަތީ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތުތަކެއް ހިމާޔަތް ކުރެއްވުމަށެވެ. ރައްޔިތުންނަށް އިޚްލާސްތެރިވިތޯ އެއްކައިރި ކޮށްފައި، އެ މީހުން އެ މެމްބަރުން އަމިއްލަ ނަފްސަށް އިޚްލާސްތެރިވިތޯ ވެސް ސުވާލު ކުރައްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ހިތްވަރު ހޯދަން ޖެހޭނީ ޕާޓީ އަށް އައި ނިކަމެތިކަމުން ކަަމަށެވެ. "ތަޅައި އެއްލާލާފައި އޮތް ކުއްތާގަނޑެއްގެ ގޮތުގައި" ތިބެން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަނިޔާކުރީމަ ދެ ގުނަ ހިތްވަރާ އެކު ތިބެން ޖެހޭނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ސައުދުﷲ އަށް އަމާޒުކުރައްވައި ރައީސް ވިދާޅުވި ގޮތުގައި ތިނަދު އަށް ހިންގެވި މަޝްރޫއުތަކާ ގުޅިގެން، އެ ރަށުގެ ރައްޔިތުކަން އެ މަނިކުފާނަށް ދެއްވަން ތައްޔާރަށް ހުންނެވި ކަމަަށް ސައުދުﷲ ވަނީ ވިދާޅުވެފަ އެވެ. ތިނަދޫން ބަލައިލި ކޮންމެ ދިމާލަކުން ވެސް މިހާރު ފެންނަނީ ތަރައްގީ ކަމަށާއި އެ ވާހަކަ އެންމެ ފަރިތަކޮށް ދާދި ފަހުން ސިޔާސީ ޕޯޑިއަމެއްގައި ވިދާޅުވެދެއްވި އެއް ބޭފުޅަކީ ވެސް ސައުދުﷲ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ މިއަދު ސައުދުﷲ އެބަޖެހޭ ނޫންތޯ، އަޅުގަނޑު މި ރަށުގައި ބަހައްޓާފައި ސައުދުﷲ ފައިބައިގެން ދާން. ބަލާލި ކޮންމެ ދިމާލަކުން، 10 މީޓަރާ ހަމަ އަށް ނުދެވެނީސް މި ފެންނަނީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ތިނަދު އަށް ވަޑައިގަތީ އެ ރަށަށް ކޮށްދެއްވި ކަންކަން ސައުދުﷲ އަށް ކިޔައިދެއްވަން ލިސްޓު ހިއްޕަވައިގެން ކަމަށް ވިދާޅުވެ ބައެއް މަޝްރޫއުތަކުގެ ނަން ރައީސް ފާހަގަ ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމާއި ރައްޔިތުންނަށް ސައުުދުﷲ ދެއްވި ގެއްލުން ތިނަދޫ ރައްޔިތުންނަށް ވެސް އެނގެ އެވެ. އެ މައްސަލައިގައި ތިނަދޫ ރައްޔިތުން ހިތްހަމަނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.