މިދިޔަ މަހު އިމްޕޯޓާއި އާމްދަނީ އިތުރުވެއްޖެ

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު އިތުރުވެ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވެސް އިތުރުވެއްޖެ އެވެ.


ކަސްޓަމްސް އިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު 4.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކުރި އެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެތެރެކުރި އަދަދަށް ވުރެ 33 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު އެތެރެކުރީ 3.16 ބިލިއަން ރުފިޔާގެ މުދަލެވެ.

އެ ހިސާބުތައް ދައްކާ ގޮތުން އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު މިންވަރު ވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު މިދިޔަ މަހު ވަނީ 14 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނީ 245 މިލިއަން ރުފިޔާ ކަމަށްވިޔަސް، މިދިޔަ މަހު ވަނީ 280 މިލިއަން ރުފިޔާ ޑިއުޓީ އާއި އެހެނިހެން ފީތަކުގެ ގޮތުގައި ލިބިފަ އެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކުރީ ޗައިނާއިންނެވެ. އެތެރެކުރި މުދަލުގެ 19 ޕަސެންޓަކީ ޗައިނާ އިން އެ އެތެރެކުރި މުދާ ކަމަށްވާއިރު ދެވަނަ އަށް އެންމެ ގިނައިން މުދާ އެތެރެކުރި ޔުނައިޓް އަރަބް އެމިރޭޓްސްގެ ހިއްސާ އަކީ 18 ޕަސެންޓެވެ. ތިން ވަނަ އަށް އޮތީ ސިންގަޕޫރެވެ.

މިދިޔަ މަހު އިމްޕޯޓާއި އާމްދަނީ އިތުރު ވިޔަސް، އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު ވަނީ މަދުވެފަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު 315 މިލިއަން ރުފިޔާ ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކޮށްފައި ވިޔަސް، މިދިޔަ މަހު އެކްސްޕޯޓްކުރީ 259 މިލިއަން ރުފިޔާގެ މުދަލެވެ.

އާންމުކޮށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ރާއްޖެއިން އެންމެ ގިނައިން މިދިޔަ މަހު ގިނައިން މުދާ އެކްސްޕޯޓްކުރީ ޖަރުމަނަށެވެ. އެއީ އެކްސްޕޯޓްކުރި މުދަލުގެ 20 ޕަސެންޓެވެ. ތައިލެންޑަށް 15 ޕަސެންޓްގެ މުދާ އެކްސްޕޯޓް ކުރިއިރު، އިނގިރޭސިވިލާތަށް 14 ޕަސެންޓްގެ މުދާ އަދި ފްރާންސަށް 10 ޕަސެންޓް މުދާ އެކްސްޕޯޓްކުރި ކަމަށް އެ ހިސާބުތައް ދައްކަ އެވެ.