ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިން ބުރީގެ އިމާރާތުގެ މަސައްކަތް ނިންމަން 5 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި

ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި އިމާރާތްކުރަން ފަށާފައިވާ ތިން ބުރީގެ ކްލާސް ރޫމުގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން 5.8 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލު ކޮށްފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރީ ބުރައުނީ ބްރަދާސް ކިޔާ ކުންފުންޏަކަށެވެ. މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓރީގެ ސީނިއާ ޕޮލިސީ އެގެޒެކެޓިވް އިބްރާހިމް އިސްމާއިލާއި ބްރައުނީ ބްރަދާސްގެ މެނޭޖިން ޑައިރެކްޓަރު އަލީ ރަޝީދު އިބްރާހީމް މި ރަސްމިއްޔާތުގައި ސޮއިކުރެއްވި އެވެ.

މިއީ ނުވަ ކުލާސްރޫމު ހުންނަ ގޮޮތަށް ތިން ބުރިއަށް އިމާރަތްކޮށްފައިވާ ތަނެކެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އިބްރާހިމް އިސްމާއިލް ވިދާޅުވީ ކްލާސްރޫމްތައް ނިންމަން ދިނީ އެއް އަހަރު ކަމަށެވެ. އަދި އަންނަ އަހަރުގެ އޮގަސްޓު މަހު އެ އިމާރާތް ބޭނުން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދ. އަތޮޅު ތައުލީމީ މަރުކަޒުގައި 787 ދަރިވަރުން ތައުލީމް ހާސިލުކުރެ އެވެ. އެތަނުގައި މިވަގުތު ހުރީ 28 ކްލާސްރޫމެވެ.