ކެމްޕެއިން ހަރަކާތަށް ހޮނިހިރު ދުވަހު ކާނިވާ ސަރަހައްދު އެމްޑީޕީއަށް ދޫކޮށްފި

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ހަ ދުވަހުގެ މުއްދަތަށް އާޓިފިޝަލް ބީޗް ސަރަހައްދު ހޯދުމަށް އެމްޑީޕީން އެދިފައިވީ ނަމަވެސް އޭގެ ބަދަލުގައި އަންނަ ހޮނިހިރު ދުވަހަށް ކާނިވާ ސަރަހައްދު އެ ޕާޓީ އަށް ދޫކުރަން ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.


އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ، ހޮނިހިރު ދުވަހުގެ ހަވީރު 4 އިން އެ ރޭގެ ދަންވަރު 12 ޖަހަންދެން ކާނިވާ ސަރަހައްދު އެމްޑީޕީއަށް ދޫކުރަން ނިންމައި އެކަން އެ ޕާޓީއަށް އަންގާފައިވާ ކަމަށެވެ.

ފަޒާލް ވިދާޅުވި ގޮތުގައި، ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާތީ، އެ ތަން އެއްވެސް ހަރަކާތަކަށް ދޫނުކުރަން ވަނީ ހަމަޖައްސައިފަ އެވެ.

"އެހެންވެ އެމްޑީޕީއަށް ވެސް އާޓިފިޝަލް ބީޗް ސަރަހައްދު ދޫކުރެވެން ނެތީ،" ފަޒާލް ވިދާޅުވި އެވެ.

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ބޮޑު ޖަލްސާއެއް އިދިކޮޅު އިއްތިހާދުން ވަނީ ކާނިވާ ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާއްވައިފަ އެވެ.

އެމްޑީޕީގެ އިތުރުން، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ވެސް އަންނަނީ މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެ ޕާޓީގެ ބޮޑު ޖަލްސާއެއް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވާނެ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.