މާލެ ފިޔަވައި އެންމެ ބޮޑު ހޭދައެއް ކުރީ އައްޑުއަށް: ރައީސް ޔާމީން

މާލެ ފިޔަވައި އެންމެ ބޮޑު ހޭދައެއް ސަރުކާރުން ކޮށްފައި ވަނީ އައްޑުއަށް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތަރައްގީ އަށް ވޯޓް ދޭ ނަމަ އެ މަނިކުފާނަށް ވޯޓް ދިނުން ނޫން ގޮތެއް އައްޑޫ ރައްޔިތުންނަށް ވެސް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން ހިތަދޫގެ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރުމަށް މިރޭ އެ އަވަށުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި އެ މަނިކުފާނުގެ ސަރުކާރުން އައްޑޫގެ ތަރައްގީގެ މަޝްރޫތަކެއް ހޭދަކުރެއްވި މިންވަރު އަޅައިކިޔުއްވައިފަ އެވެ.

އެގޮތުން ނަޝީދުގެ ތިން އަހަރާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި އައްޑު އަށް ހޭދަކޮށްފައި ވަނީ 445 މިލިއަން ރުފިޔާ ނަމަވެސް މި ސަރުކާރުން މުޅި އައްޑު އަށް، 2.2 ބިލިއަން ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެއީ ކުރީގެ އަދަދާ އަޅާކިޔާ ނަމަ ފަސް ގުނަ ބޮޑު އަދަދެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާން ވިދާޅުވީ ހަމައެކަނި ހިތަދު އަށް ބަލާ ނަމަ އެމްޑީޕީ ސަރުކާރުން އެ އަވަށަށް ހޭދަކޮށްފައި ވަނީ 210 މިލިއަން ރުފިޔާ ކަމަށާއި މި ސަރުކާރުން ހިތަދު އަށް އެކަނި 1.4 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގާފައިވާ އިރު އެއީ ހަތް ގުނަ އިތުރު އަދަދެއް ކަމަށެވެ.

އެމްޑީޕީ ސަރުކާރުން މަރަދު އަށް 44 ހަތަރު މިލިއަން ހޭދަ ކުރި އިރު، މި ސަރުކާރުން އެ އަވަށަށް 95 މިލިއަން ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ފޭދު އަށް އެ މަނިކުފާނުގެ ސަރުކާރުން 284 މިލިއަން ރުފިޔާ ހޭދަކޮށްފައި އިރު، އެމްޑީޕީ ސަރުކާރުން ހޭދަ ކުރީ އެންމެ 36 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ހުޅުދު އާއި މީދޫގެ ތަރައްގީގެ މަޝްރޫއުތަކަށް މި ސަރުކާރުން 350 މިލިއަން ހަރަދުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދެން ކީކޭތޯ އެމްޑީޕީގެ ބޭފުޅުން މިކަމަށް ވިދާޅުވާނީ؟ މިއީ ތަފާސް ހިސާބު. އެހެންވީމާ އައްޑުއަކީ މާލެ ނަގާފައި އެންމެ ބޮޑު ހޭދައެއް ކުރެވުނު އަތޮޅު." ރައީސް ވިދާޅުވި އެވެ. "...އެހެންވީމާ ދެން ވިދާޅުވޭ ތޭވީސް ވަނަ ދުވަހު ކޮން ނަމްބަރަކަށްތޯ ވޯޓް ދެއްވާނީ؟ ޝައްކެއް ވެސް ނެތެއްނޫންތޯ ތަފާސް ހިސާބާއި ތަރައްގީ އަށް ލޯބި ކުރާ ކަމަށް ވަންޏާ އެއް ވަނަ ނަމްބަރަށް ވޯޓް ދެއްވުން ނޫން ގޮތެއް ނެތެއް ނޫންތޯ؟"

ރައީސް ޔާމީން ވިދާޅުވީ ދެން ވެސް ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީ އެ މަނިކުފާނަށް ކުރިއަށް ގެންދެވޭނީ ދެވަނަ ދައުރެއް ދީގެން ކަމަށެވެ.

"އަޅުގަނޑަށް ކުރެވޭނީ މަސައްކަތް. މި ކުރަނީ އިހުލާސްތެރި މަސައްކަތެއް. އަދި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ދެން ހުރީ ވަރަށް އެންބިޝަސް ވަރަށް ލުފްޓީ ކަންތައްތަކެއް ހާސިލު ކުރަން މ އުޅެނީ،" ރައީސް ވިދާޅުވި އެވެ. "...އެހެންވީމާ ކީއްވެގެންތޯ މި ތަރައްގީ އަށް ފުރުސަތު ނުދޭންވީ؟ ތި ބޭފުޅުންގެ ކުރިމަތީގައި އަޅުގަނޑު އިހުލާސްތެރިކަމާ އެކީ ދަންނަވާލަން ބޭނުންވޭ ކުރިއަށް އޮތް ދިހަ ދުވަހު ފަހުން މި ނަގާ ވޯޓްގައި އެއް ނަމްބަރު ނޫން ނަމްބަރެއް ތި ބޭފުޅުންނަށް ފެނިވަޑައިނުގަންނަވާށޭ."

ރައީސް ޔާމީނާ އެކު ޕީޕީއެމުން އައްޑޫގައި ބާއްވާ ޖަލްސާގެ ތެރެއިން.

އެ މަނިކުފާން ވިދާޅުވީ އައްޑޫ ރައްޔިތުންގެ ތަރައްގީ އާއި އުންމީދަކީ ރާއްޖެ އަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތިން އަހަރުގެ ވެރިކަން ނިމުމަކަށް އައި އިރު، އައްޑު އަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް އެމްޑީޕީން ދީފަ އެވެ. އަދި އެ ގެއްލުންތައް ކޮޅަަށް ޖަހަން ސަރުކާރަށް ކުރަން ޖެހުނު މަސައްކަތަކީ ވެސް ގޮންޖެހުން ބޮޑު، އުނދަގޫ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ ގޮނޑިތަކެއް އެމްޑީޕީގެ ގިނަ މެމްބަރުންތަކަަށް އައްޑޫން ދިނަސް، އެ ބޭފުޅުންނަކީ ސަރުކާރުން އައްޑޫގެ ތަރައްގީ އަށް ހިންގަވާ އެއްވެސް މަޝްރޫއަކަށް ވޯޓް ދެއްވި ބައެއް ނޫނެވެ. އަދި އައްޑޫގެ ކަންކަމާއިގެ އެ މެމްބަރުން އެ މަނިކުފާންގެ ގާތަށް ވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

ހިތަދޫގައި މިރޭ ނިމުން ފާހަގަ ކުރި މަޝްރޫއުތަކުގެ ތެރޭގައި ހިތަދޫގެ ފްލެޓްތަކާއި ނޭޗާ ޕާކާއި ފެނާއި ނަރުދަމާ އަދި ސޯލާ ހައިބްރިޑް ޕަވާ ސިސްޓަމް އިފުތިތާހު ކުރުން ހިމެނެ އެވެ.