ސްޕޯޓްސް ކައުންސިލަރުން އުފައްދަން އިބޫ ވައުދުވެވަޑައިގެންފި

އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބިއްޖެ ނަމަ، ކޮންމެ ރަށެއްގައި ކަސްރަތަށް އަހުލުވެރި ކުރުވަން ރަށްރަށުގައި ހިންގާ ކުޅިވަރުތަކުގައި އެހީތެރިވެދިނުމަށް ތަމްރީން ލިބިފައިވާ ސްޕޯޓްސް ކައުންސިލަރުން އުފެއްދުމުގެ ވައުދާ އެކު، އިދިކޮޅު ވެރިކަމެއްގައި ގެންގުޅޭނެ ކުޅިވަރުގެ ސިޔާސަތުތައް ރޭ ހާމަކޮށްފި އެވެ.


ޅ. ނައިފަރުގައި އިދިކޮޅު އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާގައި އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ކުޅިވަރު ސިޔާސަތުތައް ހާމަކުރައްވަން ފެއްޓެވުމުގެ ކުރިން، ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ރާއްޖެއިން ރޭ ހޯދުމާ ގުޅިގެން، ކުޅުންތެރިންނަށް އޭނާ މަރުހަބާ ދެންނެވި އެވެ. އަދި ގައުމީ ޓީމުން ހޯދި ކާމިޔާބީ ފާހަގަ ކުރަން ވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި، ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ހެދުމަކީ އިދިކޮޅު ވެރިކަމެއްގެ ސިޔާސަތެވެ. އެގޮތުން، ކޮންމެ ރަށެއްގައި ކަސްރަތު ކުރެވޭނެ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް ވެސް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.

މީގެއިތުރުން، ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި މިވަގުތު ހުރި ކުޅިވަރު ވަސީލަތްތަކުގެ އޮޑިޓެއް ހަދައި، ގެންނަން ޖެހޭ ބަދަލުތައް ބަލާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މާލެ އާއި އެހެނިހެން ރަށްތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ކުޅިވަރާ ބެހޭ ސިޔާސަތުގެ މުހިންމު ކަންކަން:

- މާލޭގައި ގައުމީ ހުރިހާ ކުޅިވަރު ކުޅެވޭނެ ބައިނަލްއަގްވާމީ ފެންވަރުގެ ތަނެއް ހެދުން.

- މާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ދަނޑެއް ތަރައްގީ ކުރާނެ.

- މާލެ ސަރަހައްދުގައި ދެ ސްވިމިން ޕޫލެއް ހަދާނެ.

- ފުޓުބޯޅައިގެ ފޯރިގަދަ ކުރުމަށް ގައުމީ ފުޓުބޯޅަ ލީގެއް ބާއްވާނެ.

- މޫދު ކުޅިވަރުގެ ތަފާތު އިވެންޓުތައް އިންތިޒާމުކޮށް، ބޭރުގެ މުބާރާތްތައް ބާއްވާނެ.

- މޫދު ކުޅިވަރުތައް ކުޅޭނެ އިތުރު ވަސީލަތްތައް ގާއިމް ކުރާނެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު އިބޫ ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުގައި، ރާއްޖެ ތަމްސީލް ކުރާ ކުޅުންތެރިންނަށް ދައުލަތުން ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. އެގޮތުން، ގައުމީ ޓީމުގެ ކުޅިވަރު ކުޅުންތެރިންނަށް ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގައުމީ ކުޅުންތެރިންނަށް މާލީ އެހީގެ ޕްރޮގްރާމެއް ތައާރަފްކޮށް ކުޅުންތެރިންނަށް އެހީތެރިވާނެ ކަމަށް ވިދާޅުވި އެވެ.

"ގައުމީ ޓީމުތަކުގައި ފިރިހެން ކުޅުންތެރިންނާއި އަންހެން ކުޅުންތެރިންނަށް ދޭ އެލަވަންސްގެ ފަރަގު އަޅުގަނޑުގެ ވެރިކަމެއްގައި ނެތިކުރާނަން،" އިބޫ ވިދާޅުވި އެވެ.

މީގެ އިތުރުން، ކުޅިވަރު އެސޯސިއޭޝަންތައް ހަރުދަނާކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި ކުޅިވަރުތައް ތަރައްގީ ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެސޯސިއޭޝަންތައް އުވައިލުން ކަމަށާއި އިދިކޮޅު ވެރިކަމެއްގައި އެ އެސޯސިއޭޝަންތައް މިނިވަންކޮށް، ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.