އިދިކޮޅު އިއްތިހާދުގެ މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމެއް ނެތް

އަންނަ އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބު، އިދިކޮޅު އިއްތިހާދަށް ކާމިޔާބު ކުރެވިއްޖެ ނަމަ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ތައާރަފް ކުރާނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައި އޮތް ނަމަވެސް، އިދިކޮޅު އިއްތިހާދުން އިއްޔެ އާންމުކުރި މެނިފެސްޓޯގައި އެކަހަލަ އެއްވެސް ވާހަކައެއް ނެތެވެ.


އެމްޑީޕީން އެންމެ ފުރަތަމަ އާންމުކުރި މެނިފެސްޓޯގައި ބުނެފައިވާ ގޮތުން، އިއްތިހާދުގެ ވެރިކަމެއްގައި ގާނޫނުއަސާސީ އިސްލާހު ކޮށް، ބޮޑުވަޒީރާއި ކެބިނެޓް އެކުލަވާއިލާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. އަދި ވެރިކަންކުރާނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީން ނުވަތަ ޕާޓީތަކުން ކަމަށް ބުނެފައިވެ އެވެ.

މި ބަދަލުގެ ސަބަބުން، ސަރުކާރުގެ މަތި ލުއިވުމުގެ އިތުރުން ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް އެ މެނިފެސްޓޯގައިވެ އެވެ.

ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލު ކުރުމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ވެސް ހުށަހެޅި އެވެ.

އެމްޑީޕީގެ އިތުރުން، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ހިމެނޭ ގޮތުން އެކުލަވައިލި "އެއްބައިވަންތަކަމުގެ ސަރުކާރު"ގެެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައި ހުއްޓަސް، ބަރުލަމާނީ ނިޒާމުގެ ވާހަކައެއް ނެތެވެ.

ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، އެމްޑީޕީ ފިޔަވައި، އެހެން ޕާޓީއަކުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް ހުށަހަޅާފައެއް ވެސް ނުވެ އެވެ.

"އެއްބައިވަންތަކަމުގެ ސަރުކާރު"ގެެ މެނިފެސްޓޯ އެކުލަވާލާފައިވަނީ މައިގަނޑު ހަތް ސިޔާސަތެއްގެ މައްޗަށެވެ. އެއީ އިސްލާމް ދީނާއި ދައުލަތް ހިންގުމާއި ޖަޒީރާ ދިރިއުޅުމާއި އިގްތިސާދާއި ފަހުރުވެރި ދިވެހި އާއިލާ އާއި އޯގާތެރި ސަރުކާރުގެ އިތުރުން އިންސާފެެވެ.

އިސްލާމް ދީން

ކޯލިޝަން ސަރުކާރެއްގައި، އިސްލާމް ދީން ކުރިއެރުވުމަށްޓަކައި ދައުލަތް ހިންގާނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށެވެ. އޭގެ އިތުރުން، ކޮންމެ މިސްކިތެއްގައި ވެސް އެ ތަނުގެ ގަދަރު ނުގެއްލޭ ފަދަ ތައުލީމީ އަދި އިޖްތިމާއީ ހަރަކާތްތައް ހިންގުމާއި އިސްލާމީ ތަޢުލީމުގެ ރޮނގުން ޔުނިވަސިޓީ ޑިގްރީ ހާސިލް ކޮށްފައިވާ އިމާމުން މިސްކިތްތަކަށް ހަމަޖެއްސުމަށް، މީހުން ތަމްރީން ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ދީނީ ހިޔާލު ތަފާތުވުންތައް މަދުކޮށް، ހައްދުފަހަނައަޅާފައިވާ ހަރުކަށި ހިޔާލު ފޮހެލުމަށް، އިސްލާމް ދީން އުނގަންނައިދީ، ރަނގަޅު މައުލޫމާތު ފެތުރުމަށް، ރަށްރަށުގައި 'ޖަޒީރާ އިސްލާމިކް ސެންޓަރު'ތަކެއް މިސްކިތްތަކުގައި އަޅާނެ ކަމަށް ބުނެފައި ވެ އެވެ.

ދައުލަތް ހިންގުން

މި ސިޔާސަތުގެ ދަށުން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ޒިންމާދާރުކޮށް ދައުލަތް ހިންގުމާއި މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން ހިމެނެ އެވެ. އަދި ބޭރު ގައުމުތަކާ ގުޅުން ބަދަހިކޮށް، މިނިވަން ޚާރިޖީ ސިޔާސަތެއް ކަނޑައަޅައި، ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށުން މިހާރު ހިންގަމުން އަންނަ، އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން މުއައްސަސާއަކަށް ބަދަލު ކުރުމަށް މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.

ޖަޒީރާ ދިރިއުޅުން

މި ސިޔާސަތުގެ ދަށުން، ކައުންސިލްތަކުގެ ބާރު، އެ ތަންތަނަށް އަނބުރާ ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި ސަރުކާރުގެ އޮފީސްތަކުގެ ގިނަ މަސައްކަތްތައް، ރަށު ކައުންސިލްތަކާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް ބަހާލުމާއި ސަރުކާރުން އެކުލަވާލާފައިވާ އެކްޝަން ޕްލޭނާ ފުށުނާރާ ގޮތަށް، މަޝްރޫއުތައް ހިންގައި، ވިލަރެސް ކުރުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ހޯދައިދޭނެ ކަމަށް މެނިފެސްޓޯގައިވެ އެވެ.

އޭގެ އިތުރުން، ކައުންސިލްތަކަށް އާމްދަނީ އާއި ޓެކްސް ލިބޭ ނިޒާމް ތައާރަފް ކުރުމާއި ރަށު ކައުންސިލްގެ އިހުތިސާސްގައިވާ ބިމާއި ކަނޑުފަޅާއި ފަރު ފަދަ ތަންތަން، ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަނީ ކަނޑައަޅައިފަ އެވެ.

އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދި ބިމާއި ކުދި ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް، އެ މީހުން ބޭނުން އެހެން ތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ހޯދައިދޭނެ ކަމަށް ވެސް މެނިފެސްޓޯގައި ބުނެފައިވެ އެވެ.

އިގްތިސާދު

އިދިކޮޅު ކޯލިޝަނުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން، މަސައްކަތްތެރިންގެ އަގު ވަޒަން ކުރުމަށް، ކޮންމެ މަސައްކަތަކަށް ވެސް އެކަށީގެންވާ އުޖޫރައެއް ކަނޑައަޅާނެ އެވެ. އަދި ކަރަންޓުގެ އަގު ކުޑަކުރުމާއި ބަނދަރު ހެދުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މިހާރު ބޭނުން ކުރާ ސިމެންތި ތޮއްޓާއި ގަލާއި ބޮޑު ހިލަ ޖެހުމުުގެ ވިސްނުން ބަދަލު ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެކަން ކުރާނެ އެހެން ގޮތްތައް، މެނިފެސްޓޯގައި ވަނީ ކިޔައިދީފަ އެވެ.

އޭގެ އިތުރުން، އެއް ފަޅެއްގެ ތެރޭގައި ހުރި މީހުން ދިރިއުޅޭ ރަށްތައް ފާހަގަކޮށް، އެ ރަށްތައް ފާލަމުން ގުޅާލައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުން ހުއްޓައިލުމާއި ކަންނެލީގެ އަގު ބޮޑު ކުރާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

ފަހުރުވެރި ދިވެހި އާއިލާ

މި ސިޔާސަތުގެ ދަށުން، ގޯތި ދެވެން އޮތް ރަށްރަށުން ގޯތި ދޫކޮށް، އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ގެދޮރު އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި އަމާން ރައްކާތެރި މުޖުތަމައެއް ގާއިމުކޮށްދިނުން ހިމެނެ އެވެ. އެގޮތުން ފޮށުމާއި ފުރައްސާރަ އާއި ޖިންސީ، އަދި ނަސްލީ ތަފާތުކުރުން ހުއްޓުވައި، ތުނބުޅި ބަހައްޓައި ނުވަތަ މޫނު ބުރުގާ އަޅާ މީހުންނަށް މިހާރު ކުރިމަތިވާ ހުރަސްތައް ނައްތާލާނެ ކަމަށް މެނިފެސްޓޯގައި ބުނެފައި ވެ އެވެ. އޭގެ އިތުރުން އުފެއްދުންތެރި ޒުވާން ޖީލެއް އުފައްދައި، ތައުލީމާއި ހުނަރުވެރިން ތަމްރީނުކުރުން މި ސިޔާސަތުގައި ވަނީ ހިމަނާފަ އެވެ.

އޯގާތެރި ސަރުކާރު

މި ސިޔާސަތުގެ ދަށުން، މައިންބަފައިންނަށް ގިނަ ފަސޭހަތަކެއް ވަނީ ދީފަ އެވެ. އެގޮތުން ވަޒީފާ އަދާ ކުރާ ކޮންމެ މަަންމައަކަށް، މުސާރައާއެކު ހަ މަހުގެ މެޓާނިޓީ ލީވްއަކާއި ބައްޕަ އަށް، އެއް މަހުގެ ޕެޓާނިޓީ ލީވް ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ފޯރުންތެރިކަން ކުޑަ ފަރާތްތަކަށް ގެދޮރު ނުވަތަ ފްލެޓް ގަތުމަށް ސަބްސިޑީ ދިނުމާއި ޒަމާންވީ މަސައްކަތްތައް އާލާކޮށް ކުރިއެރުވުމަށް، އެ ފަދަ މަސައްކަތްތެރީން ދެނެގަނެ، ޕެންޝަން ދިނުމަށް ވަނީ ނިންމާފަ އެވެ.

އިންސާފު

އިންސާފު ގާއިމް ކުރުމުގެ މި ސިޔާސަތުގެ ދަށުން، ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް، ނުހައްގުން ޖަލަށް ލާފައިވާ މީހުންނާ މެދު ކަން ކުރި ގޮތް މުރާޖައާ ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަށް، ސިޔާސީ ނުފޫޒުން ނިންމާފައިވާ މަދަނީ މައްސަލަތައް އަލުން މުރާޖައާ ކުރުމާއި ދައުލަތަށް ގެއްލުންވާ ގޮތަށް ސަރުކާރުން ވެފައިވާ އެއްބަސްވުންތައް މުރާޖައާކުރުން ހިމެނެ އެވެ. އޭގެ އިތުރުން، ދައުލަތުގެ ޚަޒާނާ އިން ވަގަށް ނަގައި ނުވަތަ ޚިޔާނާތްތެރިވެފައިވާ ފައިސާ ހޯދުން ވެސް މި ސިޔާސަތުގެ ތެރޭގައި ހިމެނެ އެވެ.

މެނިފެސްޓޯގައި ބުނެފައިވާ ގޮތުން، "އެއްބައިވަންތަކަމުގެ ސަރުކާރު"ގެ ފުރަތަމަ ދެ އަހަރު ކުރާނެ އެންމެ މުހިއްމު މަސައްކަތަކީ، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކިލަނބުކޮށްފައިވާ ހުރިހާ ކަމެއް ރަނގަޅު ކުރުމެވެ. އަދި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ރައްޔިތުންގެ އިތުބާރު ހިފޭ ފަދަ ތަންތަނަށް، ދައުލަަތުގެ މުއައްސަސާތައް ހެދުން ކަމުގައި މެނިފެސްޓޯގައި ބުނެފައި ވެ އެވެ.

އަދި ކޯލިޝަން ރޫޅޭނެ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމި އޮތުމާއި ނެތުން އަދި ކޯލިޝަނަށް ދިމާވާ އެހެން މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ބަޔާން ކުރާ އެއްބަސްވުމެއްގައި ހަތަރު ލީޑަރު ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު، ކޯލިޝަން ސަރުކާރަށް ލިބޭތާ 31 ދުވަހުގެ ތެރޭގައި އެއްބަސްވުން މަޖިލީހަށް ހުށަހަޅައި ފާސް ކުރާނެ ކަމަށް ވެސް މެނިފެސްޓޯގައި ބުނެފައި ވެ އެވެ.