މޫނު ދެނެގަންނަ ޓެކްނޮލޮޖީ ބޭނުން ކުރާ ވާހަކަ އިދިކޮޅުން ދައްކަނީ ބިރު ދައްކަން: ޕީޕީއެމް

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީއެއް ބޭނުން ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ބިރު ދެއްކުމަށް ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.


ވޯޓު ލާ މީހުން ދެނެގަތުމަށް ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީއެއް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ބޭނުން ކުރާނެ ކަމަށް އިއުލާން ކޮށްފައިވާތީ، ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، އެފަދަ ޓެކްނޮލޮޖީއެއް ހަދާފައިވާ ކަމަށް ބުނެ ވާހަކަ ދައްކަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ޓެކްނޮލޮޖީއެއް ނޯންނާނެ ކަމަށެވެ. އެކަމަކީ އާންމުކޮށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމެއް ކަމަށްވާ ބިރު ދެއްކުމުގެ އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ކަމެއް ވެގެންނެއް ނޫން މި އުޅެނީ. މިއީ ހަމަ އެއްކަލަ އެ ސަރަހައްދެއްގައި ތިބޭ ބައެއްގެ ހިތަށް ބިރުވެރިކަން ގެނައުމަށްޓަކައި ނުވަތަ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ހަމަ ކަނޑައެޅިގެން ދޫކޮށްލި ދޮގު ޚަބަރެއް މިއީ." ނިހާން ވިދާޅުވި އެވެ.

ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި އައިޑީކާޑު ގަތުން ފަދަ ކަންކަން ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އެކަމަކު އެފަދަ އެއްވެސް ކަމެއް ޕީޕީއެމްގެ އެއްވެސް ގުނަވަނަކުން ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނިހާން ވިދާޅުވި އެވެ. އަދި އެފަދަ އެއްވެސް ކަމެއް ހިނގައިފި ކަމުގެ މައުލޫމާތެއް ލިބިއްޖެ ނަމަ، އެކަން ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވިގޮތުގައި، ވޯޓުލާ މީހުންނަށް ބިރު ދެއްކުމުގެ އަމަލުތައް އިދިކޮޅު ފަރާތްތަކުން ހިންގަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ނެތްކަން އެނގޭތީ އެވެ. މި އިންތިޚާބުގައި 38 ޕަސެންޓް ވޯޓު ވެސް އިބޫއަށް ކަށަވަރު ނުކުރެވޭނެ ކަން ފާހަގަކުރައްވައި، ނިހާން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކުރައްވާނީ ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ.