ކުޅުދުއްފުށީ އެއާޕޯޓަށް، ބުދަ ދުވަހު ޓެސްޓު ފްލައިޓް ޖައްސާނެ

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ނިންމައި، އަންނަ ބުދަ ދުވަހު އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާ ގޮތަށް ހަމަޖައްސައިފި އެވެ.


އެމްޓީސީސީން މިއަދު ބުނީ 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ރޭގެ ވަގުތެއްގައި ނިންމާލާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ޓެކްސީވޭ އާއި އޭޕްރަންގެ އިތުރުން ފަޔާ ސްޓޭޝަން ހެދުމުގެ މަސައްކަތް ކަމަށް އެ ތަނުން ބުންޏެވެ.

އެމްޓީސީސީން އުއްމީދު ކުރަނީ މާދަމާގެ ނިޔަލަށް އެ މަސައްކަތް ވެސް ނިންމާލައި، އަންނަ ބުދަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސޭނެ ކަމަށެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން، ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް، ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ކުޅުދުއްފުށީގެ ބައެއް މަގުތަކުގައި ތާރުއެޅުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް، މިދިޔަ މަހު ފަހުކޮޅު އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މާލޭގައި ތިބި އެ ރަށުގެ މީހުން ވޯޓު ލާނީ، މަތިންދާބޯޓުގައި އެ ރަށަށް ގޮސްގެން ކަމަށެވެ.

މިދިޔަ އަހަރު ރައީސް ފައްޓަވައިދެއްވި މި މަޝްރޫއު ދިގުލައިގެން ދިޔައީ އެއާޕޯޓް ހެދުމަށްޓަކައި ހުސްކުރަން ޖެހޭ 18 ގޭގެ ތެރެއިން 12 ގެއެއް ހުސް ނުކުރެވި ލަސްވެގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެކަމަކު، އެ ގެތައް ހުސްކުރުމާ އެކު، ރަންވޭގެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ކުޅުދުއްފުށީގައި އެއާޕޯޓު އަޅަން އެމްޓީސީސީގެ ބިޔަ ކޮންނަ ބޯޓު، މަހާޖައްރާފުން ވަނީ އެ ރަށުގެ މޫދުން ހަ ހެކްޓަރު އަދި ކުޅިން ނުވަ ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.