ޝަހީބް "ރަހީނުކޮށް"، އިސްތިއުފާ ދެއްވަން ސޮފްވާން މަޖުބޫރުކުރުވި މައްސަލަ ޕޮލިހަށް!

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު އޭނާގެ އޮފީސް ކޮޓަރީގައި "ރަހީނުކޮށް"، އަދި މަގާމުން އިސްތިއުފާ ދެއްވުމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން މަޖުބޫރުކުރެއްވި ކަަމަށް ތުހުމަތުކޮށް، އެ މައްސަލަ ޝަހީބުގެ ފަރާތުން ޕޮލިހަށް މިރޭ ހުށަހަޅުއްވައިފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޝަހީބު ފުލުހުންގެ ކިބައިން އެދިވަޑައިގަތީ އޭނާއަށް ފުލުހުންގެ ސެކިއުރިޓީ ދިނުމަށާއި ސޮފްވާން ހިންގެވި އަމަލް ބަލައިދޭށެވެ.

އެކަމަކު ޝަހީބްގެ ތުހުމަތު ސޮފްވާން ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ "ޝަހީބަށް ބިރުދައްކައި، ރަހީނުކޮށްފައި" ނުވާނެ ކަމަށެވެ. އެކަމަކު ކޮމިޝަންގެ ތެރޭގައި އާއްމު އުސޫލުން ޝަހީބުއާ އެކު ވާހަކަ ދެކެވުނު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ކަމެއްގެ ވާހަކައެއް ނޫން ތި ވިދާޅުވަނީ. ދެން ޕޮލިހާ ސުވާލު ކުރައްވާ،" ސޮފްވާން ވިދާޅުވި އެވެ.

"މިހާރު"ން ސުވާލު ދެންނެވުމުން ޝަހީބު ވަނީ އޭނާ ތުހުމަތުކުރައްވާ ކަންކަމުގެ ބައެއް ތަފްސީލުތައް ދެއްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ މިއަދު ހެނދުނު 9:30 އަށް އެޖެންޑާކޮށްފައި އޮތް ކޮމިޝަންގެ ރަސްމީ ބައްދަލުވުމަަށް މީޓިން ރޫމްގައި އިންނަވަނިކޮށް ސޮފްވާން ފޯނުން ގުޅުއްވި ކަމަށެވެ. އަދި އެވަގުތު އޭނާ އިންނެވީ ޝަހީބުގެ އޮފީސް ކޮޓަރީގައި ކަމަށާއި ކޮންމެހެން ވެސް ބައްދަލުކޮށްލައްވަން ބޭނުންވާ ކަމަށް ސޮފްވާން ދެންނެވި ކަމަށް، ޝަހީބު ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ސޮފްވާން (ވ)، ޝަހީބާ އެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި

"އަޅުގަނޑު ދެންނެވިން މީޓިންގައި ވެސް ވާހަކަ ދެއްކިދާނެ ނޫންތޯއޭ. އެހެން ބުނީމާ ސޮފްވާން ވިދާޅުވީ ވަކިން ބައްދަލުކޮށްލާފައި ދައްކަން ބޭނުން ވާހަކަތަކެއް ހުރި ކަމަށް،" ޝަހީބު ތަފްސީލު ދެއްވި އެވެ.

ޝަހީބު ވިދާޅުވި ގޮތުގައި، ބްރޯޑްކޮމްގައި ހުންނަ އޭނާގެ އޮފީސް ކޮޓަރިއާ ދިމާއަށް ވަޑައިގެންނެވި އިރު، ސޮފްވާންގެ ކޮޓަރީގައި ބޯދިގުކޮށް ހުރި ފިރިހެނަކު އިނެވެ.

އެކަމަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓަވައި ޝަހީބުގެ ކޮޓަރި އަށް ވެންނެވުމުން ވަކި ކަންތައްތަކަކަށް މަޖުބޫރުކޮށް، އެކަން ކުރަން ސޮފްވާން ބިރުދެއްކެވި ކަމަށް ޝަހީބު ތުހުމަތުކުރެއްވި އެވެ. އަދި ކޮޓަރިން ނުކުންނަވަން އުޅުއްވަނިކޮށް ސޮފްވާން ދޮރު ލައްޕާ ތަޅުލެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

ޝަހީބު ވިދާޅުވި ގޮތުގައި ސޮފްވާން ވާހަކަ ދައްކަވަމުން ގެންދެވީ ކިތައްމެ އިރެއް ވިޔަސް އެތަނުން ނުނިކުންނަވާނެ ކަމަށް ވިދާޅުވަމުންނެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ހަމަޖެއްސުމުގެ ކުރިން ވެސް އަދި ފަހުން ވެސް ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅުއްވަމުން ގެންދަވާ ސޮފްވާން ތިން ކަމަކަށް ޑިމާންޑްކުރެއްވި ކަމަށް ޝަހީބު ވިދާޅުވި އެވެ. އެއީ އަށް ދުވަހުގެ ޗުއްޓީއެއް ނަންގަވާށާއި، އެކަން ނުކުރެއްވޭ ނަމަ އިސްތިއުފާ ދެއްވުން ނުވަތަ ބްރޯޑްކޮމްގެ ރައީސްގެ މަސްއޫލިއްޔަތުތައް، އަށް ދުވަހަށް، ކޮމިޝަންގެ ނައިބު ރައީސާ ހަވާލުކޮށް މެމޯއެއް ނެރުއްވުމެވެ.

އެއިން އެއްވެސް ކަމެއް ކުރެއްވެން ނެތް ކަމަށް ތަކުރާރުކޮށް ދެންނެވިން ކަމަށް ޝަހީބު ވިދާޅުވި އެވެ.

"ދެން ހަރު އަޑުން ވިދާޅުވަނީ އިރު އޮއްސުނަސް ނުދާނަމޭ،" ޝަހީބު ވިދާޅުވި އެވެ.

"އަޅުގަނޑު ބުނިން މީޓިން ކުރިއަށް ގެންދަން ޖެހެއޭ. އެއީ އަޅުގަނޑުގެ ގާނޫނީ މަސްއޫލިއްޔަތެކޭ. އެކަމަށް ހުރަސް ނާޅުއްވާށޭ."

ޝަހީބު ވިދާޅުވި ގޮތުގައި ދޮރު ކައިރިއަށް ޖެހިވަޑައިގަތް ވަގުތު ދޮރުން ބޭރުގައި، "ބޯދިގު މީހާ ހުއްޓެ"ވެ. ކުރިން ސޮފްވާންގެ ކޮޓަރީގައި އިން މީހަކު ޝަހީބުގެ ކޮޓަރީގެ ދޮރު ބޭރުގައި އެވަގުތު ހުރުމަކީ، ބިރުދެއްކުމުގެ އަމަލެއް ކަމަށް، އޭނާ ދެކެވަޑައިގަންނަވަ އެވެ.

ފުލުހުންނަށް ގުޅުއްވަން ޝަހީބު މަސައްކަތްކުރެއްވި އެވެ. އެކަމަކު ފޯނު ނަންގަވައިފި ނަމަ އަތުލައި، ފާހާނާގެ ތަށި ތެރެއަށް ލައްވައި، ހަލާކުކޮށްލައްވާނެ ކަމުގެ އިންޒާރު ވެސް ދެއްވި ކަމަށް ޝަހީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައްދަލުވުމަށް އައުން ލަސްވެގެން ކޮމިޝަންގެ އަންހެން މެމްބަރަކު ޝަހީބަށް ގުޅުއްވުމުން، "އޭނާ ހައިޖެކްކުރައްވައިގެން އުޅޭ" ކަމަށް ދަންނަވައި، އެތަނަށް ވަޑައިގަތުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު އެ މެމްބަރު އެތަނަށް ވަޑައެއްނުގަންނަވަ އެވެ.

ފަހުން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަށް، ވައިބާއިން މެސެޖްކޮށް އެންގެވީ، ޝަހީބު ވިދާޅުވި ގޮތުގައި، އޭނާ ހުންނެވި ހާލަތު ރިޕޯޓްކޮށް ފުލުހުންނަށް އެންގެވުމަށެވެ.

ޝަހީބު ވިދާޅުވި ގޮތުގައި އޭނާ ކޮޓަރިން ނުނިކުންނެވޭ ގޮތަށް، ބައިގަޑިއެއްހާ އިރު ވަންދެން ދޮރު ތަޅުލައްވައިގެން، ދޮރުމަތީ ސޮފްވާން ހުންނެވި އެވެ. އޭނާ ޝަހީބުގެ އޮފީސް ކޮޓަރިން ނުކުންނެވީ 10 ޖެހި ފަހުން ކަމަށްވެ އެވެ.

ރާއްޖެ ޓީވީއާ ދެކޮޅަށް ކުރަމުން އަންނަ ބޮޑެތި ޖޫރިމަނާތަކާއި ދޭ އިންޒާރުތަކާ ހެދި ވަރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ބްރޯޑްކޮމްގެ ރައީސް ވިދާޅުވީ، ސޮފްވާންގެ އަމަލަކީ "އަޅުގަނޑުގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި ބިރުދެއްކުން" ކަމަށެވެ.

ބްރޯޑްކޮމްގެ ހާލަތު ގޯހުން ގޯހަށް ގޮސްގެން މި އުޅެނީ އެތަނަށް ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ލީ ހިސާބުންނެވެ. ޝަހީބު ފިޔަވައި ނޫސްވެރިކަމުގެ ތަޖުރިބާކާރު ބޭފުޅަކު މިހާރުގެ ބްރޯޑްކޮމްގައި ނުހިމެނެ އެވެ.