ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ ޖަލުތަކުގެ އޮޑިޓެއް ހަދާނަން: އިބޫ

އިދިކޮޅު ކޯލިޝަނެއްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖަލުތަކާ ބެހޭ އޮޑިޓެއް ހަދައި ޖަލުގެ ހާލަތު ރަނގަޅު ކުރަން މަސަައްކަތް ކުރައްވާނެ ކަމަށް، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.


ސުވާލުތަކަށް ޖަބާވު ދޭ ގޮތަށް ރާއްޖެ ޓީވީން ބޭއްވި "ރައްޔިތުންގެ ދަރުބާރު" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް އިބޫ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ޖަލުތަކަކީ އިންސާނުން ބައިތިއްބަން ހެޔޮވާ ވަރުގެ ތަންތަން ނޫން ކަމަށެވެ.

އެހެންވެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތުގެ ތެރެއިން އެތަނުގައި ތިބޭ މީހުންނަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ގާއިމު ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ދަރުބާރުގައި" އިބޫ.

އިބޫ ވިދާޅުވި ގޮތުގައި ޖަލުތައް މިހާރު ހަދާފައި ހުރީ ދުވާލުގެ ގަދަ ހޫނުން ވެސް ގޮޅިތަކުގައި ތިބޭ މީހުންނަށް ރައްކާތެރި ކަމެއް ނެތް ގޮތަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޖަލުތައް ވެސް ހުންނަން ވާނީ ރާއްޖޭން ސޮއިކޮށްފައިވާ ބޭރުގެ މުއާހަދާތަކުގައި ފާހަގަކޮށްފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

އިބޫ ވިދާޅުވި ގޮތުގައި ޖަލުތަކުގައި މީހުން މަރުވާ މައްސަލައަކީ ވެސް ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލައެކެވެ. އެހެންވެ އެފަދަ ހިތާމަވެރި ހާދިސާތައް ނުހިނގާނެ ކަހަލަ ގޮތަކަށް ޖަލުތަކުގެ ކަންކަން ތަރުތީބު ކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ދަރުބާރު" ގައި އެކި މީހުން ކުރި ސުވާލުތަކުގެ ތެރެއިން "އާސަންދަ" އާ ބެހޭ ގޮތުން ކުރި ސުވާލަކަށް އިބޫ ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ސިއްހީ ހިދުމަތުގެ ތެރެއިން ވެސް އިންސާފު ހޯދައި ދެއްވާނަން ކަމަށެވެ.

"އަޅުގަނޑު ރަށްރަށަށް މިކުރާ ދަތުރުތަކުގައި ވެސް ސަލާން ކުރާ އިރު ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވެގެން ދައްކާ އެއް ވާހަކައަކީ އާސަންދަ ފަދަ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭ ވާހަކަ،" އިބޫ ވިދާޅުވި އެވެ.

އިބޫ ފާހަގަ ކުރެއްވި ގޮތުގައި އާސަންދަ ފަދަ ހިދުމަތްތައް ލިބުމުގައި އޭނާގެ ވެރިކަމުގައި ވަކި ޕާޓީއެއް، ވަކި ކުލައެއްގެ މީހެއް ބެލުމެއް ނެތީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއް ހަމައެއްގައި، ތަފާތު ކުރުމެއް ނެތި އާސަންދައިގެ ހިދުމަތް ލިބޭނެ އެވެ. އެގޮތުން އިންޑިއާ އާއި ސްރީ ލަންކާ ފަދަ ގައުމުތަކުން ފަސޭހަކަމާ އެކު ބޮޑެތި ބަލިތަކަށް އާސަންދައިގެ ދަށުން ފަރުވާ ކުރެވޭނެ އިންތިޒާމު ހަމައްޖައްސައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމާ ގުޅޭ ސުވާލުތަކުގެ ޖަވާބުގައި އިބޫ ވިދާޅުވީ އޭނާގެ ވެރިކަމުގެ 5 އަހަރު ނިމިގެންދާ އިރު، ބޯހިޔާވަހިކަމެއް ނެތް ރައްޔިތަކު ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ފުރުސަތު ރައްޔިތުންނަށް ތަނަވަސްކޮށް ދިނުމުގެ ގޮތުން ލިބޭ އާމްދަނީން ކުލި ނުދެއްކޭ ހާލަތުގައި ސަބްސިޑީ ދެވޭނެ ގޮތްތަކެއް ފަހިކޮށް ދޭނެ ކަމަށާއި ފަސޭހަކަމާ އެކު ރައްޔިތުންނަށް އުޅެވޭ ގޮތްތައް ފަސޭހަކޮށް ދިނުމަށް އެކަމާ ގުޅޭ ޕޮލިސީތައް އެކުލަވާލާނެ ކަމަށް ވިދާޅުވި އެވެ. އިބޫ ވިދާޅުވީ ބޯހިޔާވަހި ކަމަށް ލޯނު ދޫކޮށް، މަހަކު 5،000ރ. ދައްކަން ޖެހޭ ގޮތަށް ހަ ޕަސެންޓް އިންޓްރެސްޓް ރޭޓަކާ އެކު ލޯނު ދޫކުރާނެ ކަމަށެވެ.

މުސާރައާ ބެހޭ ގޮތުން ކުރެވުނު ސުވާލުތަކަކަށް އިބޫ ވިދާޅުވީ އޭނާގެ ވެރިކަމުގައި ހުރިހާ ގިންތިއެއްގެ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ވެސް ބޮޑު ކޮށްދެއްވާނެ ކަމަށެވެ. އަދި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސާވިސް އެލެވެންސް ފަދަ އިނާޔަތްތައް ވެސް ލިބުމުގައި ހަރުދަނާ އަދި ޒިންމާދާރު ގޮތަކަށް އެކަން ކުރޭތޯ ސަރުކާރުން ބަލާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ އެލެވަންސްތައް ބޮޑު ކޮށްދެއްވާނެ ކަމަށާއި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލުއި ލޯން ފަދަ ވަސީލަތްތަކުގެ އެހީގައި ފަސޭހަކަމާ އެކު ކިޔެވޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ދަރުބާރު" ގައި އިބޫ.

"ސަތޭކަ ފަންސާސް ރަށަކަށް އަޅުގަނޑަށް މިހާރު ޒިޔާރަތް ކުރެވިއްޖެ. ކޮންމެ ރަށަކުން ވެސް ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް. ރައްޔިތުން ބަދަލެއް ގެންނަން ތައްޔާރަށް ތިބި ތަން. އެއީ ވަރަށް ސާފުކޮށް ފެންނަ ކަމެއް،" ރައްޔިތުންގެ ދަރުބާރު ނިންމައިލަމުން އިބޫ ވިދާޅުވި އެވެ. "ރައްޔިތުން ތައްޔާރުވެ ތިބީ ތޭވީސް ސެޕްޓެމްބަރަށް. އެ ދުވަހަކީ އިރާދަކުރެއްވިއްޔާ ރައްޔިތުން ބޭނުންވާ ބަދަލު ރާއްޖެ އަށް ގެނައުމުގެ މަސައްކަތް ފެށިގެން ދާނެ ދުވަސް. އެހެންވީމާ އެ ދުވަހު އެ ނަގާ ވޯޓްގައި ރައްޔިތުންގެ ތާއީދާ އެކު ބޮޑު ތަނުން އަޅުގަނޑުމެން ކާމިޔާބުކޮށް ރައްޔިތުން އެދޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެ ދުވަހުން އެ ދުވަހަށް ފަށާނަން."

"ރައްޔިތުންގެ ދަރުބާރު" ގައި މިރޭ ފުރަތަމަ ފަހަރަށް، އިބޫގެ ކެމްޕޭނަށް ކުރައްވާ މަސައްކަތުގެ ތެރެއިން އަނބިކަނލުން ވެސް ބައިވެރިވަޑައިގަތެވެ. އަދި މި އިވެންޓްގައި އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމާއި ގުޅިފައިވާ ޕާޓީތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ރައްޔިތުންގެ ދަރުބާރު" ހޯސްޓްކޮށް ދިނީ ނޫސްވެރިޔާ އަހުމަދު ފައިރޫޒެވެ.