އިބޫ އާއި ފައިސަލް، "ޖަޒީރާ ދަތުރު" ނިންމާލައްވަން އައްޑު އަށް

އަންނަ އާދީއްތަދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް، މުޅި ރާއްޖެ ހިމަނައިގެން ކުރި "ޖަޒީރާ ކެމްޕޭން" ނިންމާލެއްވުމަށް އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިން މޭޓު ފައިސަލް ނަސީމް މިއަދު ހެނދުނު އައްޑު އަށް ވަޑައިގެންފި އެވެ.


އިދިކޮޅު ޕާޓީތަކުން ފުވައްމުލަކުގައި ރޭ ބޮޑު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު އިބޫ މިއަދު ފުރަތަމަ ވަޑައިގަތީ މީދު އަށެވެ. އޭނާ އަށް މަރުހަބާ ދަންނަވަން ނުކުތް މީހުންނާ ސަލާމްކުރެއްވީ، މި ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއާ އެކުގަ އެވެ.

އިބޫ އާއި ފައިސަލް އަށް މަރުހަބާ ކިޔުމަށް އައްޑޫގެ ބައެއް މީހުން ސަފަކަށް އެތުރިލައިގެން.

އައްޑޫ ދަތުރުގައި، މީދޫގެ އިތުރުން ހުޅުދު އާއި ފޭދު އާއި މަރަދޫގެ އިތުރުން ހިތަދު އަށް ވަޑައިގަންނަވާނެ އެވެ. ކެމްޕޭން ނިންމާލުމުގެ ބޮޑު ޖަލްސާ އޮންނާނީ މިރޭ ހިތަދޫގަ އެވެ. މި ޖަލްސާގައި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރަށްތަކުގެ ކެމްޕޭން އައްޑޫން މިރޭ ނިންމާލާއިރު، ރިޔާސީ ކެންޑިޑޭޓު ކަމުގެ ޓިކެޓާ ހަވާލުވެވަޑައިގެން، ދެ ބޭފުޅުންގެ ކެމްޕޭން މިދިޔަ ޖުލައި މަހުގެ 13 ގައި ފެއްޓެވީ ވެސް އައްޑު އާއި ފުވައްމުލަކުންނެވެ.

އިބޫ އާއި ފައިސަލް އަށް މަރުހަބާ ކިޔުމަށް އައްޑޫގެ ބައެއް މީހުން ސަފަކަށް އެތުރިލައިގެން.

އިދިކޮޅު ޕާޓީތަކުގެ ކެމްޕޭންގައި އިބޫ އާއި ފައިސަލް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގެންފަ އެވެ. ދެ ބޭފުޅުންނަށް ރަށްތައް ބައްސަވާލައްވައިގެން ރައްޔިތުންނާ ބައްދަލުކުރަން ވަޑައިގަތްއިރު، ބައެއް ރަށްތަކަށް އެކުގައި ވެސް ވަޑައިގަތެވެ. މި ކެމްޕޭންގައި އިބޫ ވަނީ، 153 ރަށަށް ވަޑައިގެންފަ އެވެ. އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ވަޑައިގަތީ ނުވަ ރަށަށެވެ.