ޚަބަރު / ރިޔާސީ އިންތިޚާބު 2018

އައިޑީކާޑު "ވިއްކި" ކަމުގެ ތުހުމަތުގައި އެމްޑީޕީ ބަޔަކު ހައްޔަރުކޮށްފި

އައިޑީކާޑު ވިއްކާ ކަމަށް ބުނެ ބަޔަކު ހައްޔަރުކުރުމުން، ރަތަފަންދޫ ޕޮލިސް ސްޓޭޝަން ކައިރީ ބަޔަކު މަޑުކޮށްލައިގެން

22 ސެޕްޓެމްބަރ 2018 - 12:29

އައިޑީ ކާޑު "ވިއްކި" ކަމުގެ ތުހުމަތުގައި، ގދ. ރަތަފަންދޫން އިދިކޮޅު އެމްޑީޕީގެ ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުސް އޮފީހުން ބުނީ އައިޑީ ކާޑު ވިއްކާ ކަމުގެ ޝަކުވާއެއް ލިބިގެން، ހަތަރު މީހަކު ރަތަފަންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައިވާ ކަމަށާއި އެ މީހުން އަދިވެސް ތިބީ އެތަނުގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ އެމްޑީޕީގެ ހަތަރު ޒުވާނެކެވެ.

ނަމަވެސް، ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފް އަސްލަމް ވިދާޅުވީ، އެ ޒުވާނުންތައް ހައްޔަރު ކުރީ، އެ މީހުންގެ އައިޑީ ކާޑު ފުލުހުންނަށް ދިނުމާ ދެކޮޅު ހެދުމުން ކަމަށެވެ.

"އެމީހުން މިއަދު ރަށަކަށް ފުރަން އުޅެނިކޮށް ފުލުހުން ގޮސް ހުއްޓުވާފައި ބުނީ، އައިޑީ ކާޑު ދައްކަން. އެ މީހުން ބުނި ކަމަށް ވަނީ ނެތޭ. އެހެންވެ، އެކަމާ ގުޅިގެން ހައްޔަރު ކުރީ،" ކައުންސިލްގެ އެމްޑީޕީ މެމްބަރު ވިދާޅުވި އެވެ.

އައިޑީ ކާޑު ވިއްކަން އުޅުނު ކަމަށް ބުނާ ވާހަކަ ހުނައިފް ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވީ، އެ ހަތަރު ޒުވާނުން ކައިރި އަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް އައިޑީ ކާޑު "ގަންނަން" ދިޔަ ކަމަށެވެ. އެކަމަކު، އައިޑީ ކާޑު ނެތުމުން، އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޕީޕީއެމުން ކަމަށް ހުނައިފް ވިދާޅުވި އެވެ.

"އައިޑީކާޑު ގަންނަން ޕީޕީއެމުން ދިއުމުން، ކާޑު ނެތް ކަމަށް ބުނުމުން އެ މީހުން ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ،" ހުނައިފް ވިދާޅުވި އެވެ.

ޒުވާނުންތައް ހައްޔަރުކުރުމުން، ރަތަފަންދޫ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް މިއަދު ވަނީ މީހުންތަކެއް އެއްވެ، އެކަމާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. އެ މީހުން ބުނިގޮތުގައި އެއްވެސް މައްސަލައަކާ ނުލައި، ފުލުހުންނަށް އާއްމުންގެ އައިޑީ ކާޑު ނުހޯދޭނެ ކަމަށާއި އަދި އެކަމާ ގުޅިގެން ކުށްވެރިވެ، ހައްޔަރު ނުކުރެވޭނެ ކަމަށެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454