ޚަބަރު / އިދިކޮޅު ފަރާތްތައް

އަމިއްލަ މަސްލަހަތެއް ނެތް، ވޯޓު ދެއްވާ: ޝަހީމް

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް މިއަދު ވާހަކަ ދައްކަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

22 ސެޕްޓެމްބަރ 2018 - 16:40

މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނުކުމެ ފަސްނުޖެހި ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ދިނުމަށް އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފި އެވެ.

ވެރިކަން ކުރާ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ ރާއްޖޭގެ މަސްލަހަތު ހުރި ގޮތަކީ ރައީސް ޔާމީނަށް ވޯޓު ދިނުން ކަމަށާއި ރާއްޖެ މިވަގުތު ބޭނުންވަނީ ސުލްހަވެރި ޖައްވެއްގައި ކުރިއަށް ދާން ކަމަށް ވެސް އިސްލާމިކް ޔުނިވަސިޓީ ޗާންސެލަރުކަން ކުރައްވާ ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ގޮވާލައްވާ އިރު އޭނާގެ އަމިއްލަ މަސްލަހަތެއް ނެތް ކަމަށެވެ.

"މި އިންތިޚާބުގައި އެހެން ގޮތަކަށް ކަންތައްވެއްޖެ ނަމަ، ރާއްޖެ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓި ރާއްޖެއަށް ގެއްލުންތަކެއްވެ، މިނިވަންކަމަށް ލޮޅުންތަކެއް އަތުވެދާނެ ކަމަށް ގަބޫލުކުރެވޭ،" ޝަހީމް ވިދާޅުވި އެވެ.

"އިލްތިމާސްއަކީ ދިވެހި ގައުމު ދެކެ އަޅުގަނޑުމެން ލޯބިވާތީ ކުރާ އިލްތިމާސެއް. މިކަމުގައި އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތެއް ނެތް. އެކިއެކި ބޭފުޅުން ދައްކަވާ ތުހުމަތުތައް އަޑު ނޭއްސެވުމަށް އެދެން."

ނޫސްވެރިންގެ ބައްދަލުވުމުގައި ދީނީ އިލްމުވެރިޔާ އަދި މާދަމާ ބާއްވާ ރިޔާސީ އިންތިޚާބަށް އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާ ޝައިޚް އިލްޔާސް އަށް ވެސް އޭނާ ރައްދު ދެއްވި އެވެ.

އިލްޔާސް މިއަދު ވިދާޅުވީ ޖަލުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. މީގެ ކުރިން، ރައީސް ޔާމީން ސަރުކާރުގެ އަނިޔާވެރިކަން، އިންތިހާ ދަރަޖައަށް ގޮސްފައިވާ ކަމަށް ޝަހީމް އިއުތިރާފްވެވަޑައިގެންނެވި ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމާ އެކު، ބައެއް އިލްމުވެރިން - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އިލްޔާސްގެ ވާހަކަތަކަށް ރައްދު ދެއްވައި ޝަހީމް ވިދާޅުވީ އިލްމުވެރިން ވާން ޖެހޭނީ ވަރަށް ހަރުދަނާ ބަޔަކަށް ކަމަށެވެ. އަދި ސިޔާސީ މަގްސަދުތައް ހާސިލް ކުރައްވަން އިލްޔާސް ވާހަކަ ނުދެއްކެވުމަށް ޝަހީމް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

"އިލްމުވެރިން ވާން ޖެހޭނެ ގާނޫނުތަކާއި އުސޫލުތަކަށް ތަބާވާން ޖެހޭ ބަޔަކަށް. އެއްވެސް މީހަކީ ގާނޫނަށް ވުރެ މަތީގައި ހުންނަ މީހަކަށް ވެގެން ނުވާނެ. އަޅުގަނޑު އިލްޔާސަށް ހެޔޮ އެދެން. ނަސޭހަތްތެރިވަން. ހަރުދަނާ ގޮތެއްގައި ވާހަކަ ދައްކަވަން،" މީހުންގެ ޝަޚްސިއްޔަތު ކަތިލުމަށް މަސައްކަތް ކުރުމަކީ ދީނީ އިލްމުވެރިންނާ ގުޅޭ ކަމެއް ނޫން ކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އިލްޔާސް ހުސެއިން. - ފޮޓޯ: ސޯޝަލް މީޑިއާ

އޭނާ ވިދާޅުވި ގޮތުގައި، އިލްމުވެރިން ވާން ޖެހޭނީ ޝަރުއީ ހަމަތަކަށް އިހްތިރާމް ކުރާ ބަޔަކަށެވެ. ސޯޝަލް މީޑިއާގައި ހުންނަ ވާހަކަތަކަށް ބިނާކޮށް ޝަރުއީ މައްސަލަތަކުގައި ތިމާއަށް ފެންނަ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން، އޭނާގެ ޝަޚްސިއްޔަތު އޮޅުވާލަން އިލްޔާސް ދައްކަވާ ވާހަކަތައް ހުއްޓާލެވުމަށް ޝަހީމް ވަނީ އެދިވަޑައިގެންފަ އެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454