ކެމްޕެއިން ކުރީ އުނދަގުލުގައި، ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރާނަން: އިދިކޮޅު ކޯލިޝަން

މާދަމާ އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން ކެމްޕެއިން ކުރިއަށް ގެންދިޔައީ އުނދަގޫ އަދި ގޮންޖެހުންތަކާ އެކު ކަމަށާއި ނަމަވެސް އެ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.


އިންތިޚާބުގެ ކުރިން ބޭއްވި އެންމެ ފަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، މި ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވާން، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިދިކޮޅު ޕާޓީތަކުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި ރަނިންމޭޓް ފައިސަލް ނަސީމް އެ ދަތުރުތައް ކުރެއްވީ ވަރަށް ބޮޑު ގޮންޖެހުންތަކާ އެކު ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މީހުން ދިރިއުޅެމުން އަންނަ ހާލަތު ދަތުރުތަކުން ވަރަށް ރަނގަޅަށް ވަނީ އެނގިފަ އެވެ. ހުރިހާ ރައްޔިތުން ވެސް ތިބީ އަނިޔާވެރިކަމާއި ނާއިންސާފާ ދެކޮޅަށް ކަމަށާއި ވޯޓު ލުމުގެ ފަހު ދުވަހަށް އައިއިރު އެ އިންތިޚާބު އިބޫ ކާމިޔާބު ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ ވޯޓު ލުން ކުރިއަށް ގެންދާއިރު، ހަމަނުުޖެހުންތަކެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެކަންތައް ހިންގުމަށް ފަހު އެއީ އިދިކޮޅު ކޯލިޝަނުން ކުރި ކަމެއް ކަމަށް ތުހުމަތު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުތަކުން، ޖަޒީރާ ރާއްޖެ ޖަހާފައިވާ ޓީޝާޓު ލައިގެން އެހެން ބަޔަކު ނުކުމެ، އަހުލާގީ ގޮތުން ދަށް ފެންވަރުގެ އަމަލުތައް ހިންގައި ހަމަނުޖެހުމަކަށް މަގުފަހިވާނެ ކަންކަން ކުރަން އުޅޭނެ ކަމުގެ. އަޅުގަނޑު ދިވެހި ފުލުހުންނަށް ވެސް އަދި އެހެން ފަރާތްތަކަށް ވެސް މި ދަންނަވަނީ މި ކަންކަމަށް ސަމާލުވެ ލައްވާށޭ. އަޅުގަނޑުމެން މި އިލްތިމާސް ދަންނަވަނީ އަޅުގަނޑުމެންގެ އެއްވެސް ސަޕޯޓަރަކު އެފަދަ އަމަލެއް ނުހިންގައްވައްޗޭ،" ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝިފާޒު ވިދާޅުވި އެވެ.

"ކޮންމެ ކަމެއް ހިންގާފައި އަޅުގަނޑުމެންގެ ބޮލުގައި އެކަން މަތި އެޅުވުމުގެ ނިޔަތެއް އޮވެދާނެ. އެހެންވީމަ މި ދަންނަވަނީ އެފަދަ އެއްވެސް ކަމެއް ނުކުރާށޭ."

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފަރާތުން ވާހަކަ ދައްކަވަމުން އާމިނަތު ނާދިރާ ވިދާޅުވީ އަނިޔާވެރިކަމުގެ ސިއްކަ މާދަމާ ޖެހިގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން ކުރި ހޯދާފައިވާ ކަމަށާއި ސަރުކާރު މިހާރު ވެސް ބަލިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިޚާބުގައި ހަމަނުޖެހުމެއް ހިންގަން އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނެ ކަމަށެވެ. ފުލުހުންނާއި ސިފައިން އެ ފުރުސަތެއް ނުދޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މާދަމާ ނަގާ ވޯޓުގައި އަނިޔާވެރިކަން ނިމުމުގެ ސިއްކަ ޖަހާނެ. އެ ސިއްކަ ޖަހައި ދިވެހި ރައްޔިތުން މާދަމާ އިރާދަކުރެއްވިިއްޔާ އޮނަރަބްލް އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމަށް މި ގައުމަށް ހަވާލުކުރާނެ. އެއީ އަޅުގަނޑުމެން އެންމެންގެ އުއްމީދު،" ނާދިރާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އިންތިޚާބުގެ ކެމްޕެއިނަށް މީހުން ދިރިއުޅޭ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންފައިވާ ކަމަށެވެ. އެ ދަތުރުތަކުން ރައްޔިތުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގިފައިވާ ކަމަށާއި އެހެންވެ އިންތިޚާބު ކާމިޔާބުވާނެ ކަމުގެ އެއްވެސް ޝައްކެތް ނެތް ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ އެ ޕާާޓީތަކަށް 1700،00 އަށްވުރެ ގިނަ ވޯޓު ކަށަވަރުކޮށްފައިވާ ކަމަށެވެ. އެއީ އެ ޕާޓީތަކަށް ކަށަވަރު ވޯޓުތަކެއް ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.