"ބައްޕަ ދުނިޔޭގައި ހުރި ނަމަ މިނިވަން ވާނެ ދޯ؟"

ސިޔާސީ ކުށްވެރިން މިނިވަންކުރުމުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ރޭ ކުރިއަށް ދިޔަ އިރު އުފާފާޅުކުރަން އެއްވި މީހުންގެ ތެރޭގައި ހުރި ދެމަޔަކަށް ބައެއް މީހުންގެ ސަމާލުކަން ހުއްޓުނެވެ. ޖަލުގައި ފަަރުވާ ނުދެވި މަރުވެފައިވާ އަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒް އަބްދުއްރަހީމާއި އެންމެ ހަގު އަންހެން ދަރިފުޅު ގޮސް ހުރީ، އެހެން މީހުން މިނިވަންކުރާތަން ދެކިލާށެވެ.


އަބްދުﷲ، ގ. ކީމާ، މިދިއަ އަހަރު މަރުވީ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މޭ 1، 2015 ގައި އޮތް ބޮޑު މުޒާހަރާގައި ފުލުހަކަށް އަނިޔާކުރުމުން އިއްވި ފަސް އަހަރުގެ ހުކުމް ޖަލުގައި ތަންފީޒުކުރަމުން ދަނިކޮށް، ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާ ކުރުން ލަސްވެގެން ކަމަށް ބެލެވެ އެވެ.

ޝެހެނާޒް ބުނީ އޭނާ ރޭ ކްރިމިނަލް ކޯޓު ކައިރިއަށް ގޮސް ހުރީ އެހެން މީހުން މިނިވަންވާތީ އެތަން ބަލަން ކަމަށެވެ.

"މި ވެރިކަމުގައި އަޅުގަނޑަށް އަނިޔާތަކެއް ލިބުނު. ނަމަވެސް އަޅުގަނޑު ބޭނުންވީ އެހެން މީހުން މިނިވަންވެ އާއިލާތަކަށް ލިބޭ އުފަލުގައި ބައިވެރިވާން،" ހަ އަހަރުގެ އަންހެން ދަރިފުޅު އުރައިގެން ކޯޓު ސަރަހައްދުގައި ހުރި ޝެހެނާޒް ބުންޏެވެ.

އެހެން މީހުންގެ އުފަލުގައި ބައިވެރިވާ އިރު އޭނާ އަދިވެސް އެދެމުން އަންނަނީ ފިރިމީހާއަށް އިންސާފު ލިބުމަށެވެ. އުމުރުން 23 އަހަރާއި ހަ އަހަރާ ދެމެދު ފަސް ކުދިން ތިބި ޝެހެޒާން ބުނި ގޮތުގައި ފިރިމީހާ ދުނިޔޭގައި ނެތުމުން ލިބޭ ހިތްދަތިކަން ބޮޑެވެ.

"ވަރަށް ހިތް ދަތިވި. ވަރަށް އަސަރުކުރި. ދަރިފުޅު އަޅުގަނޑު ކައިރި އެހި ބައްޕަ ދުނިޔޭގައި ހުރި ނަމަ ބައްޕަ ވެސް ދޫކޮށްލާނެ ދޯއޭ،" ރޮމުން ޝެހެނާޒް ބުންޏެވެ.

"އަޅުގަނޑުމެން ވަރަށް މިސްވި. ވަރަށް ވަރަށް އަސަރުކުރި."

ކޯޓު ސަރަހައްދުގައި ޝެހެޒާން ރޭ ދޮޅުގަޑިއިރު ހޭދަކުރި އެވެ.

ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވުމަކީ އާއިލާއަށް ވަރަށް ހާއްސަ ދުވަހެއް ކަމަށް ޝެހެނާޒު ބުންޏެވެ. އޭނާ ސިފަކުރި ގޮތުން ނަމަ އެއީ "މިނިވަންވި" ދުވަހެވެ.

އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިިދިއަ އަހަރުގެ އޮކްޓޫބަރު 10 ގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ޖަލުގައި ހާލު ދެރަވެ، އެތައް މައްސަލައެއް ދިމާވެ އެކަށީގެންވާ ފަރުވާ ނުދެވި ހަތަރު ދުވަސް ވީ ފަހުންނެވެ.

އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އަބްދުﷲ މަރުވީ އެކަށީގެންވާ ފަރުވާ ނުދީ، ޖަލުގައި ބޭއްވުމުން ކަމަށެވެ.

ޖަލުގައި ހުއްޓާ ހާލުދެރަވެގެން މަރުވި އަބްދުﷲ

ޝެހެނާޒް ކުރިން ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި އަބްދުﷲ ބަލިވެގެން ޖަލުގައި ބޭސްކުރި ކަމުގެ ލިއުންތައް އާއިލާ އަށް ލިބިފައިވެ އެވެ. އެ ލިއުންތަކަށް ބަލާއިރު ވެސް ފިރިމީހާގެ މަރުގައި ކަރެކްޝަނަލް ސާވިސްގެ އިހުމާލު ހިމެނޭ ކަމަށް ތުހުމަތުކުރެވޭނެ ޖާގަ އެބަ އޮތް ކަމަށް އޭނާ ބުންޏެވެ. "ލިއުންތަކުން އެބަ އެނގޭ ކިޑްނީ އާއި ފުއްޕާމޭ ފެއިލްވެފައިވާ ކަން. އެކަން އެހެން ވީ ބަލި ހާލަތު ބޮޑުވިއިރު ވެސް އެކަށީގެންވާ ފަރުވާ ނުދިނުމުން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ޝެހެނާޒް ބުންޏެވެ. އެ މަރުގައި އިހުމާލެއް ވޭތޯ ބަލަން އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ފުލުހުން ވެސް ތަހުގީގެއް ކުރި އެވެ. ނަމަވެސް އެއިން އެއްވެސް ތަހުގީގެއްގެ ރިޕޯޓް އާންމެއް ނުކުރެ އެވެ.