މުހިންމު އެއްވެސް ލިޔެކިޔުމެއް ނައްތައެއްނުލާނެ: މުއާޒް

ބައެއް އޮފީސްތަކުން ސަރުކާރުގެ ލިޔެކިޔުންތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑު އިވެމުންދާ ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވުމުން ސަރުކާރުން އެއަށް ރައްދު ދީފި އެވެ.


އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ސަރުކާރުގެ އެއްވެސް މުހިންމު ލިޔެކިޔުމެއް ނައްތާލުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އަދި ކުނިބުންޏަށްވާ ލިޔެކިޔުން ނައްތާލުމަށް ކޮންމެ އޮފީހެއްގައި ވެސް އަބަދުވެސް ޝްރެޑަރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފިތުނަވެރި، ބައިބައިވުން އުފެދޭ ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރަން،" ސޯޝަލް މީޑިޔާގައި އޭނާ ލިޔުއްވާފައިވެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވެފައި ވަނީ ސަރުކާރުގެ އެއްވެސް ލިޔުމެއް ނައްތާލާ ނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ.

"މިއީ ޖިނާއީ ކުށްތައް. އެގޮތަށް ކަންތައް ނުކުރުމަށް އެކަންތައް ކުރާ ބޭފުޅުންނަށް އަޅުގަނޑުމެން އިލްތިމާސް ދަންނަވަން. މާދަމާ ވެސް ހަމަ މިކަމާ ޖަވާބުދާރީވާން ތިބޭނީ ތިބޭފުޅުން. އެއްގޮތަކަށް ވެސް ބަޔަކު މަޖުބޫރު ކުރުވި ނަމަވެސް އެ މަޖުބޫރީ ހާލަތަށް ވަޑައިނުގަތުމަށާއި މިފަދަ ލިޔުންތައް ނައްތާނުލުމަށް އިލްތިމާސް ދަންނަވަން،" މާރިޔާ ވިދާޅުވި އެވެ.

އިބޫ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ 58 ޕަސެންޓް ވޯޓާ އެކު ބޮޑު ތަފާތަކުންނެވެ. އިބޫ އަށް 134،146 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ އެންމެ 95،623 ވޯޓެވެ. ރައީސް ޔާމިނަށް މެޖޯރިޓީ ވޯޓު ލިބިވަޑައިގެންނެވީ މ. އަތޮޅާއި ފ. އަތޮޅުން އެކަންޏެވެ. އަނެއް 18 އަތޮޅުން މެޖޯރިޓީ ހޯއްދެވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫ އެވެ.