ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލަ އަންނަ ހަފުތާގައި ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ހަތަރު މެމްބަރެއްގެ މައްސަލަ އަންނަ ހަފުތާގައި ސުޕްރީމް ކޯޓުގައި ބާއްވަން ހަމަޖައްސައިފި އެވެ.


އަންނަ ހަފުތާގައި ސުޕްރީމް ކޯޓުގައި ބާއްވަން ހަމަޖައްސާފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލަ އެވެ. އެ ހަތަރު ބޭފުޅުންނަކީ ޕީޕީއެމް ދޫކޮށް، އިދިކޮޅާ ގުޅިވަޑައިގަތުމުން ގޮނޑި ގެއްލުނު ކަމަށް އެންމެ ފުރަތަމަ ކަނޑައެޅި ހަތަރު ބޭފުޅުންނެވެ.

އެ މައްސަލާގައި ވަހީދު އާއި ސައުދުގެ މައްސަލަ ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ހޯމަ ދުވަހު އެވެ. ލަތީފް އާއި އަމީތުގެ މައްސަލަ ބާއްވަން ހަމަޖައްސާފައިވަނީ އަންގާރަ ދުވަހު އެވެ.

އެ މައްސަލަތައް ބައްލަވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.

މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ލަތީފާއި އަމީތާއި ސައުދާއި ވައްޑެގެ އިތުރުން އިތުރު އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް ކަނޑައެޅި އެވެ. އެކަމަކު މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ކަނޑައެޅީ އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

އެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރު ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު ހައްޔަރު ކުރި ފަހުން ސުޕްރީމް ކޯޓުން ވަނީ އެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން ފަސްކޮށްފަ އެވެ. އަދި ދައުލަތުން ހުށަހެޅި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ވަނީ އެ އަމުރުގެ އެ ބައި ބާތިލްކޮށްފަ އެވެ.

އެކަމަކު އެ އަމުރު ބާާތިލްކުރަމުން ސުޕްރީމް ކޯޓުން ބުނެފައި ވަނީ އެ މެމްބަރުންގެ މައްސަލާގައި އެ ކޯޓުގެ ނިހާއީ ހުކުމެއް އަންނަން ޖެހޭ ކަމަށެވެ.

މިދިޔަ މާޗް މަހު މަޖިލީހުން ވަނީ ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަންގެ ގާނޫނެއް ފާސްކޮށްފަ އެވެ. އެ ގާނޫނު ފާސްކުރީ މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ވެސް އެ ގާނޫނު ހިނގާ ގޮތަށެވެ. އެ ގާނޫނު ބާތިލްކުރަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ނިންމީ އެ ގާނޫނު ސައްހަ ކަމަށެވެ.