ރައީސަށް ތުހުމަތުކުރި މައްސަލަ އެމްއެމްއޭ އިން ނެގީ ގާނޫނާ ޚިލާފު ކަމެއް ނެތުމުން: މުއާޒް

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ފައިސާ ޚަރަދު ކުރެއްވުމުގައި، ރައީސް އަބްދުﷲ ޔާމީން ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ނުހިންގަވާ ކަމަށާއި އެމަނިކުފާނަށް ތުހުމަތުކޮށް ޕޮލިހަށް ހުށަހެޅި މައްސަލަ އެމްއެމްއޭ އިން އަނބުރާ ގެންދިޔައީ ވެސް އެހެންވެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުއްޖެ އެވެ.


އެކަމަކު އޭނާގެ އެ ވާހަކަ އެމްއެމްއޭ އިން ކަށަވަރެއް ނުކޮށްދެ އެވެ.

މުއާޒް މިގޮތަށް ވިދާޅުވީ ރައީސް ޔާމީންގެ ނަންފުޅުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓަކަށް ދެ ދުވަހެއްގެ މަތިން 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެ މައްސަލަ ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށަހެޅީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިންނެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެފްއައިޔޫ އިން ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ފާހަގަކޮށްފައި ވަނީ ރައީސް ޔާމީންގެ ނަންފުޅުގައި އެމްއައިބީގައި އޮތް އެކައުންޓަކަށް ސެޕްޓެމްބަރު 5 ގައި ޖަމާކުރި 10 މިލިއަން ރުފިޔާ އާއި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެކެވެ. އެއީ ރިޔާސީ ކެމްޕެއިންނަށް ލިބުނު ފައިސާ ކަމަށް ބުނެފައި ވާތީ، ފުލުހުންގެ ކިބައިން އެދުނީ އެކަން ތަހުގީގުކޮށްދޭން ކަން ވެސް ވަނީ އެނގިފަ އެވެ.

ރައީސް ދިފާއުކުރައްވައި މުއާޒް "މިހާރު" އަށް ވިދާޅުވީ އެ މައްސަލައިގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު ތަފްސީލް ހޯއްދަވަން އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރަށް، ރައީސް ޔާމީން ގުޅުއްވި ކަމަށެވެ. އެފްއައިޔޫ އިން ފުލުހުންނަށް ސިޓީއެއް ފޮނުވި ނަމަވެސް އެއީ އޭނާ އަށް އެނގިވަޑައިގެން ހިނގާފައި އޮތް ކަމެއް ނޫން ކަމަށް ގަވަރުނަރު ރައީސަށް ދެންނެވި ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

އެކަމަކު "މިހާރު"ން ނަސީރާ ގުޅުމުން އޭނާ ވިދާޅުވީ އެފްއައިޔޫއިން ބަލާ އެއްވެސް މައްސަލައެއްގެ މައުލޫމާތު ހާމަނުކުރާތީ ވަކި އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.

މުއާޒު ވިދާޅުވީ އެ މައްސަލައިގައި، ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅާ ގުޅުން ހުރި ގޮތަށް ވާހަކަތަކެއް ދެކެވޭތީ، އެކަން ބައްލަވައިދެއްވަން ރައީސް ޔާމީން ގަވަރުނަރުގެ ކިބައިން އެދިވަޑައިގަތް ކަމަށެވެ.

"ރައީސް އެދިވަޑައިގަތުމުން އެމްއެމްއޭގެ ގަވަރުނަރު ޔަގީންކަން ދެއްވާފައި ވަނީ އެފަދަ ސިޓީއެއް ދިޔަ ކަމަށާއި އެހެން ނަމަވެސް އޭގައި ތުހުމަތުކޮށްފައި ހުރި އެއްވެސް ބާވަތެއްގެ ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ހުރި ކަމުގެ މައުލޫމާތެއް ނޫން ކަމަށް. އެހެންވެ އެ މައްސަލަ އަނބުރާ [ޕޮލިހުން] ގެންނަވާފައިވާ ކަމަށް ވިދާޅުވި،" ގަވަރުނަރަށް ނިސްބަތްކުރައްވާ މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ކެމްޕޭންގެ އެންމެހާ ޚަރަދުތައް ކުރިއަށް ގެންދެވީ، އިންތިޚާބުގެ ގާނޫނުގައި، ކެންޑިޑޭޓުން މާލީ ކަންކަން ކުރަން ކަނޑައަޅާފައި އޮންނަ އުސޫލާ އެއްގޮތަށެވެ. އެ ގާނޫނާ ޚިލާފަށް ރައީސް ޔާމީން އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހުރިއްޔާގެ ކެމްޕޭން ޚަރަދުތައް ބެލެހެއްޓުމަށްޓަކައި އެކައުންޓެއް ގާއިމްކުރެވިފައިވޭ. އެހެން ނަމަވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން އަރުވަމޭ، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައިވާ އެއްވެސް އެކައުންޓަކަށް ރާއްޖެ އިން ބޭރުން އެއްވެސް ފައިސާއެއް ޖަމާކުރެވިފައި ނުހުންނާނެ ކަން،" މުއާޒް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ހަރަދުކުރަން ކޮންމެ ކެންޑިޑޭޓަކު ވެސް އެކަމަށް ހާއްސަ އެކައުންޓެއް ހުޅުވަން ޖެހެ އެވެ. ކެމްޕޭނަށް ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރަން ޖެހޭނީ އެ ކައުންޓަށެވެ.

އެފްއައިޔޫ އަކީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވަން ހެދި ވަރުގަދަ ގާނޫނުގެ ދަށުން ބޮޑެތި ބާރުތަކެއް ލިބިދީފައިވާ އަދި އެމްއެމްއޭގައި އޮންނަ މިނިވަން ޔުނިޓެކެވެ.

ރައީސަށް ތުހުމަތުކުރެވޭ މުއާމަލާތްތައް ބަލައިދިނުމަށް އެފްއައިޔޫން އެދުނީ ރިޔާސީ އިންތިހާބުގެ ކުރިންނެވެ.