މި ފަހަރު ވެސް ފްލެޓް ދޫކުރީ ހައްގުވެރިން ކަށަވަރު ނުކޮށް؟!

"މި ފަހަރު ވެސް މި އޮތީ ބޭނުން ބަޔަކަށް ބަހާލާފައި. ކުރިން ފަހަރު 90 އަށް ވުރެން މަތިން މާކްސް ލިބިފައި ފްލެޓް ނުލިބުނީ. މި ފަހަރު ލިބުނު ޕޮއިންޓު މި އޮތީ 40 އަށް ތިރިވެފައި. އެކަމަކު ދިރިއުޅުމުގެ ހާލަތަށް އައި ބަދަލެއް ނެތް. ހާލަތު ބަލާކަށް، ގެއަކަށް ނުދޭ. ދެން ކޮން ގޮތަކަށް އިވެލުއޭޓް ކޮށްގެން ކަމެއް ނޭނގޭ ހައްގުވެރިން ކަނޑައަޅާފައި މި ވަނީ،" ފްލެޓް ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އިއްޔެ އާއްމު ކުރުމާ އެކު ހިތްހަމަނުޖެހުން ފާޅުކުރި މީހަކު ބުންޏެވެ.


މި ސަރުކާރުން އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުތައް އިއްޔެ އާއްމު ކުރަން ފެށުމާ އެކު ފުލުފުލުގައި ޝަކުވާ އެވެ. "ހިޔާ" މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓަށް އެދި 22،614 ފޯމު ހުށަހެޅި އެވެ. އެކަމަކު މައްސަލަ އަކީ، މި ފަހަރު ވެސް ފްލެޓް ލިބުނީ އެންމެ ހައްގުވެރިންނަށްތޯ ކަށަވަރު ނުވުމެވެ.

"އެއް ކެޓަގަރީއަކުން ކުރިމަތިލީ. ދަރިން ތިބެ ވަރަށް ހާލުގައި އުޅޭ މީހުންނަށް ޕޮއިންޓް މަދުވެފައި، ދަރިން ނެތް މީހުންނަށް ގިނައިން ޕޮއިންޓް ލިބި ފްލެޓް ލިބެންވީ ސަބަބެއް ނޭނގުނު." އެކަކު ބުންޏެވެ.

މިއީ، މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހި ކަމުގެ މަޝްރޫއުން ފްލެޓް ދޫކުރިއިރު ވެސް ދިމާވި މައްސަލަ އެވެ. އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ފްލެޓްތަކަށް 15،000 މީހުން ކުރިމަތިލިއިރު އޭގެ ތެރެއިން، 704 ފްލެޓް ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު އުފެދުނު ޝަކުވާތައް އަދިވެސް ނުނިމެ އެވެ. މަތިން މާކްސް ލިބުނު މީހުން ތިއްބައި ފްލެޓް "ބަހާލީ" ބޭނުން ބަޔަކަށެވެ.

"މި ފަހަރު ވެސް ހަމައެހެން ހެދީ. ދެފުށް ފެންނަ ގޮތަކަށް ނޫން ފްލެޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔައީ. ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރި" ހައުސިން މިނިސްޓްރީ އަށް ޝަކުވާ ހުށަހަޅަން ގޮސް ހުރި މީހަކު ބުންޏެވެ.

ފްލެޓު ލިބުނު މީހުންގެ ލިސްޓު އާއްމުކުރުމާ އެކު މީހަކު ކުރި ޝަކުވާއެއް.

ހާލަތު ބަލަން ގޭގެއަކަށް ނުދޭ!

ފްލެޓް ލިބުނު މީހުންގެ ލިސްޓުތައް އާއްމު ކުރަން ހައުސިން މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހއްމަދު މުއިއްޒު ވިދާޅުވީ 7،000 ފްލެޓް ދޫކުރާ މި ބުރުގައި "ނުހައްގުންނޭ ފްލެޓު ދީފައި އޮތީ" ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ. ފްލެޓު ދިނުމުގައި އަމަލު ކުރީ އިންސާފުވެރިކަމާ އެކު، ދިރިއުޅުމުގެ ހާލަތަށް ބަލައިފައި ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. އަދި ފްލެޓަށް ކުރިމަތިލީ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ހައުސިން މިނިސްޓްރީގެ ޓީމުތައް ގޭގެއަށް ޒިޔާރަތް ކުރި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވި ނަމަވެސް އެއީ، އޮޅުވާލައިގެން މިނިސްޓަރު ދެއްކެވި ވާހަކައެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާރަތް ނުކުރާ ކަމަށް ހައުސިން މިނިސްޓްރީގެ ބައެއް މުވައްޒަފުން ވެސް ކަށަވަރުކޮށްދެ އެވެ.

"ހިޔާ" މަޝްރޫއުގައި ކުރިމަތިލީ މީހުންނަށް ޕޮއިންޓް ދޭން، އިވެލުއޭޝަން ކުރިއަށް ގެންދިޔައީ އިންސާފުވެރި ކަމާ އެކު ކަމަށް ވެސް އެތައް ބަޔަކު ގަބޫލެއް ނުކުރެ އެވެ. އަވަސް އަރުވާލައިގެން އިވެލުއޭޝަން ނިންމާލީ، ވަކި ބަޔަކަށް ދޭން ކަމަށް ތުހުމަތު ކުރެ އެވެ.

"ދޭން ކޮންމެހެން ބޭނުންވާ މީހުންނަށް ދީފައި، ދެން ހުރި ފްލެޓްތައް އިވެލުއޭޓް ނުކޮށް، އިންސާފެއް ނެތި ބަހާލީ،" ފްލެޓް ނުލިބުމުން ހިތްހަމަނުޖެހިފައި ހުރި އަންހެނަކު ބުންޏެވެ.

ފްލެޓަށް އެދި ފޯމު ހުށަހަޅަން ހައުސިން މިނިސްޓްރީއަށް ދިޔަ ބަޔަކު މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ހިޔާ މަޝްރޫއު"ގެ ފްލެޓްތަކެއް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދޫކުރަން އުޅޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހެޅުމުން، އެ މައްސަލަތައް ބަލަން ފަށައި، އެ މަޝްރޫއު މަޑުޖައްސާލަން އެ ކޮމިޝަނުން މި މަހުގެ 1 ގައި އެންގި އެވެ. އެއީ، މި މަޝްރޫއުގެ ފޯމުތައް ބަލައިގަތުމަށް ހަމަޖައްސާފައިވާ އެންމެ ފަހު ދުވަހެވެ.

މިދިޔަ ޖޫން މަހުން ފެށިގެން މި މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި އޮތް ނަމަވެސް ފޯމު ހުށަހެޅުމުގެ ފަހު ދެ ދުވަހު ކިޔޫ ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު ފޯމު ލި އެވެ. ފޯމު ބަލައިގަތުމަށް ނަމްބަރު ދޫކުރުމަށް ފަހު، ވަކި ހިސާބަކުން ފޯމު ބަލައިގަތުން ހުއްޓާލުމުން ފޯމު ނުލެވިގެން ރުޅިގަދަވި މީހުން ވެސް މަދެއް ނޫނެވެ.

މި ހުރިހާ މައްސަލަތަކެއް ބެލުމަށް ފަހު، "ހިޔާ" މަޝްރޫއު އަލުން ކުރިއަށް ގެންދިއުމުގެ ހުއްދަ ހައުސިން މިނިސްޓްރީ އަށް ދިނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެކަމަކު، ދެ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ފޯމުތައް އިވެލުއޭޓްކުރީ ކޮން އުސޫލަކުންތޯ އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ.

ފްލެޓަށް އެދި ބަޔަކު ފޯމު ލާން ހައުސިން މިނިސްޓްރީގައި.

އިވެލުއޭޓް ކުރި ގޮތް ހާމަކުރަން ޖެހޭ!

މި ސަރުކާރުގެ ފުރަތަމަ މަޝްރޫއާ މެދު ވެސް އާއްމުން ހިތްހަމަ ނުޖެހުނީ ދެފުށް ނުފެންނަ ގޮތަށް ފްލެޓް ދޫކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމުންނެވެ. އެ ފަހަރު، ފްލެޓް ލިސްޓު އާއްމުކުރީ ހަމައެކަނި ފޯމު ނަމްބަރާ އެކު އެވެ. އެންމެ ކުޑަމިނުން ފްލެޓް ލިބުނީ ކިތައް ޕޮއިންޓް ލިބުނު މީހުންނަށްތޯ ވެސް ހާމައެއް ނުކުރެ އެވެ.

އެކަމަކު، މި ފަހަރު ލިސްޓު އާއްމުކޮށްފައި ވަނީ، ޕޮއިންޓުގެ އަދަދާ ވެސް އެކު އެވެ. އެކަމަކު، މައްސަލަ އަކީ ޕޮއިންޓް ދިން ގޮތުގެ ތަފްސީލު އާއްމު ނުކުރުމެވެ.

"ފްލެޓް ލިބުނު މީހުންނަށް އަލުން ޕޮއިންޓް ދިނުމަށް ސަރުކާރަށް ގޮވާލަން. މިނިސްޓްރީން ބޭރު ބަޔަކާ، ފޯމުތައް އިވެލުއޭޓް ކުރަން ހަވާލުކުރޭ،" މީހަކު ލިއެފައިވެ އެވެ.

ދެފުށް ފެންނަ ގޮތަށް މިކަން ކުރި ނަމަ، ފޯމުތައް އިވެލުއޭޓް ކުރި ގޮތާއި ޕޮއިންޓް ދިން ގޮތުގެ ތަފްސީލު މައުލޫމާތާ ވެސް އާއްމުކުރަން ޖެހެ އެވެ. އަދި އިވެލުއޭޝަން ކޮމެޓީގައި ތިބި މީހުން ވެސް އާއްމުންނަށް ސާފުކޮށްދޭން ޖެހެ އެވެ.