ރަށްތަކުގެ މައްސަލަ އޭސީސީން ވެސް ނިންމީ ގާސިމާ އެއްކޮޅަށް

ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ފަސް ރަށެއް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ އޭސީސީ އަށް ހުށަހެޅުމުން ވެސް ގާސިމާ އެއްކޮޅަށް އެ ކޮމިޝަނުން މައްސަލަ ނިންމައިފި އެވެ.


ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ފަސް ރަށެއް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ ފަސް ރަށުގެ މައްސަލަ ވިލާ ކުންފުންޏާ އެއްކޮޅަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމްކޮށްފައިވެ އެވެ. އެ ހުކުމް ކޮށްފައި ވަނިކޮށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މައްސަލަ އަނބުރާ އޭސީސީ އަށް ހުށަހަޅައިފަ އެވެ.

އެ ފަސް ރަށަކީ ތ. އެލާ އާއި ގދ. ގަޒީރާގެ އިތުރުން ރ. މާނެންފުށި އަދި ކ. ބޮލިދުއްޕަރު ފަރުގެ އިތުރުން ކ. ވާވެއްދިފަޅެވެ. މި ރަށްތަކަކީ ވިލާ އަތުން 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން މީރާއިން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލަތަކާ ގުޅުން ހުރި ރަށްތަކެވެ.

އޭސީސީން ވިލާއާ އެއްކޮޅަށް މައްސަލަ ނިންމިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ މައްސަލާގައި ކޮރަޕްޝަން އެކުލެވިގެންނުވާ ކަމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، އެ ރަށްތަކާ ގުޅޭ ސެޓުލްމަންޓް އެގްރިމަންޓް ހަދާފައިވާ ވާއިރު އެއީ ދައުލަތުން އަމިއްލަ ފަރާތަކަށް ބޮޑު ބަދަލެއް ދޭންޖެހިދާނެތީ ކަން ތަހުގީގަށް އެނގޭކަން ފާހަގަކޮށްފައިވެ އެވެ.

ދައުލަތާ ދެކޮޅަށް ދައުވާއެއް ނުކުރަން ވިލާ އާއި ސަރުކާރާ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓްގައި ޝަރުތު ކޮށްފައިވާއިރު، ވިލާއިން ދައުލަތާ ދެކޮޅަށް ދައުވާ ކުރި ކުރުމަކީ ސެޓްލްމަންޓް އެގްރިމެންޓާ ވިލާއިން ޚިލާފްވުން ކަމަށް ދައުލަތުން ބުނެ އެވެ. އެހެންވެ، އޭގެ ނަތީޖާއެއްގެ ގޮތުން ސެޓްލްމަންޓް އެގްރިމެންޓް ބާތިލްކޮށް، އެ އެގްރިމެންޓްގެ ދަށުން ރަށްތައް ދޫކުރުމާ ގުޅޭގޮތުން ހެދި އެމެންޑެޑް އެންޑް ރީ އިންސްޓޭޓެޑް ލީސް އެގްރިމެންޓް ވެސް ސަރުކާރުން އޭރު އޮތީ ބާތިލްކޮށްފަ އެވެ.

އަދި ވިލާ ކުންފުނިން ދައްކަން ޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ ޓީޖީއެސްޓީ އާއި ބެޑް ޓެކްސް ސެޓްއޮފް ކޮށްދީފައިވަނީ ފިނޭންސުން މީރާއަށް އަންގައިގެން ކަމަށް ވެސް ބުނެފައިވެ އެވެ.