ވިލާއަށް ދޫކުރި ހުރިހާ ރަށެއްގެ މައްސަލަ ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމައިފި

ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ފަސް ރަށެއް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ ފަސް ރަށުގެ މައްސަލަ ވިލާ ކުންފުންޏާ އެއްކޮޅަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ވިލާގެ އެކި ކުންފުނިތަކަށް ސަރުކާރުން ދޫކޮށްފައިވާ ފަސް ރަށެއްގެ އެއްބަސްވުން ބާތިލްކޮށް، އެތަންތަން 2015 ގައި ސަރުކާރުން އަތުލި މައްސަލާގައި ވިލާއާ އެއްކޮޅަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ހައި ކޯޓުން މިދިޔަ އަހަރު ވަނީ ސިވިލް ކޯޓުގެ ހުކުމްތައް ބާތިލްކޮށް، އެތަންތަން އަތުލީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ. އެ މައްސަލަ ވިލާއިން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ހައި ކޯޓުގެ ހުކުމްތައް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ނިންމައިފަ އެވެ.

މި ރަށްތަކަކީ ވިލާ އަތުން 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން މީރާއިން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލަތަކާ ގުޅުންހުރި ރަށްތަކެވެ. އެ މައްސަލަތައް ވިލާއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ނިމިފައިވާތީ، އެ ފައިސާ ވިލާއިން ދައްކަން ޖެހޭނެ ކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.

އެ ރަށްތަކުގެ އެއްބަސްވުން ބާތިލް ކުރި ކުރުން ދައުލަތުން ބިނާކުރާ އަސާސީ ވިލާގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އިން ދައުލަތާ ދެކޮޅަށް 129 މިލިއަން ޑޮލަރުގެ ދައުވާއެއް ކޮށްފައި އޮތުމެވެ.

ދައުލަތާ ދެކޮޅަށް ދައުވާއެއް ނުކުރަން ވިލާ އާއި ސަރުކާރާ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓްގައި ޝަރުތު ކޮށްފައިވާއިރު، ވިލާއާ ގުޅުން އޮތް ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރި ކުރުމަކީ ސެޓްލްމަންޓް އެގްރިމެންޓާ ވިލާއިން ޚިލާފްވުން ކަމަށް ދައުލަތުން ބުނެ އެވެ. އެހެންވެ، އޭގެ ނަތީޖާއެއްގެ ގޮތުން ސެޓްލްމަންޓް އެގްރިމެންޓް ބާތިލްކޮށް، އެ އެގްރިމެންޓްގެ ދަށުން ރަށްތައް ދޫކުރުމާ ގުޅޭގޮތުން ހެދި އެމެންޑެޑް އެންޑް ރީ އިންސްޓޭޓެޑް ލީސް އެގްރިމެންޓް ވެސް ސަރުކާރުން އޭރު އޮތީ ބާތިލްކޮށްފަ އެވެ.

އެކަމަކު ވިލާގެ ވަކީލުން ބުނަމުން ދިޔައީ ޑަބްލިއުއެލްޓީއަކީ ސެޓްލްމަންޓް އެގްރިމެންޓްގެ ބައިވެރިއެއް ނޫން ކަމަށާއި އެހެންވެ ޑަބްލިއުއެލްޓީން ދައުވާ ކުރި ކުރުމަކީ ރަށްތަކުގެ އެއްބަސްވުން ބާތިލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޑަބްލިއުއެލްޓީން ދައުވާކުރާ މައްސަލައަކީ ސެޓްލްމަންޓް އެގްރިމެންޓް ހެދިއިރު ވެސް ހިނގަމުން ދިޔަ މައްސަލައެއް ކަން ވެސް ވިލާގެ ވަކީލުން ގެންދިޔައީ ފާހަގަ ކުރަމުންނެވެ.