ވިލާ އަށް ރަށްތައް ދޫކުރި އެއްބަސްވުންތައް އޭސީސީން ތަހުގީގުކުރަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ހުރިހާ ރަށްތަކެއް ދޫކުރުމަށް ހެދި ސެޓްލްމަންޓް އެގްރީމަންޓުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލު މޫސާ ސިރާޖު މިއަދު ވިދާޅުވެއްޖެ އެވެ.


ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ފަސް ރަށެއް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ ފަސް ރަށުގެ މައްސަލަ ވިލާ ކުންފުންޏާ އެއްކޮޅަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމްކޮށްފައިވެ އެވެ. އެނގިފައިވާ ގޮތުގައި، އެ ފަސް ރަށުގެ މައްސަލައިގެ އިތުރުން، ދެން ވިލާ އަށް ދޫކުރުމަށް ހެދި ހުރިހާ ރަށެއްގެ ސެޓްލްމަންޓް އެގްރީމަންޓުތަކުގެ މައްސަލަ އޭސީސީން އަންނަނީ ބަލަމުންނެވެ.

އެގޮތުން، ސެޓްލްމަންޓް އެގްރީމަންޓު ހެދި އިރު، އޭރުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބާ މިދިޔަ ބުރާސްފަތި ދުވަހު ދޫނިދޫ ޖަލުގައި ސުވާލުކުރި އިރު، ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުންނާ ވެސް އޭސީސީން ވަނީ ސުވާލު ކޮށްފަ އެވެ.

އެކަމަކު، މިކަމާ ގުޅިގެން އޭސީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އަދީބުގެ ވަކީލު ސިރާޖު "މިހާރު" އަށް ވިދާޅުވީ ސެޓްލްމަންޓް އެގްރީމަންޓްތަކާ ގުޅިގެން އަދީބާ ސުވާލު ކުރުމުން، ތަހުގީގަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށް އޭސީސީގެ މުވައްޒަފުންނަށް އަދީބު އެންގެވި ކަމަށެވެ. ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަން ނަހަމަ ގޮތުގައި ކުރުމުގެ ތުހުމަތު އަދީބަށް ކުރާއިރު، އެ މައްސަލައިގައި އަދީބާ ސުވާލުކޮށްގެން ނުވާނެ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކަށް ދޫނިދޫގައި ސުވާލު ނުކުރެވޭނެ. އޭސީސީ އަށް ހާޒިރުކޮށްގެން ސުވާލު ކުރިޔަސް ކުރަން ޖެހޭނީ. އަނެއްކާ ސުޕްރީމް ކޯޓުން ފަސް ރަށެއްގެ މައްސަލައިގައި، ރަށްތައް އަތުލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައި އޮއްވާ އިތުރަށް އެ މައްސަލަ ބަލައިގެން ނުވާނެ،" ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސެޓްލްމަންޓް އެގްރީމަންޓުތަކަކީ މީގެ ހަތަރު އަހަރު ކުރިން ހެދި އެއްބަސްވުންތަކެކެވެ. އެހެންކަމުން އެ މައްސަލައިގައި އަދީބާ ސުވާލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ އޭސީސީގެ މި އަމަލަކީ ގާސިމަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ސަރުކާރު އަޑީގައި އޮވެގެން ކުރަމުންދާ ކަމެއް ކަމަށެވެ. ވިލާއާ އެކު ހަދާފައި ހުރި އެއްބަސްވުންތަކަކީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ހެދި އެއްބަސްވުންތަކެއް ކަން އަދީބު ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުއްވި މައްސަލަ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތްތަކާ ގުޅިގެން އަދީބަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި އަދީބުގެ ހިޔާނާތާ ގުޅޭ އިތުރު މައްސަލަތަކެއް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

ރަށްތަކާއި ފަޅުތައް އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން 2016 ގައި ހުކުމް ކޮށްފައި ވަނިކޮށް މިދިޔަ އަހަރު ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ތަންތަން އަތުލީ ރަނގަޅަށް ކަމަށް މިދިޔަ އަހަރު ނިންމައިފަ އެވެ. އެ މައްސަލަ ވިލާ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ނިންމައިފަ އެވެ.