ވިލާއަށް ދޫކުރި ރަށްތަކުގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރަން ފަށައިފިން: ޓޫރިޒަމް މިނިސްޓްރީ

ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ރަށްތައް އަތުލި މައްސަލައިގައި ވިލާއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ވިލާގެ އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ފަސް ރަށެއްގެ އެއްބަސްވުން 2015 ގައި ސަރުކާރުން ވަނީ ބާތިލްކޮށް، އެ ތަންތަން އަތުލައިފަ އެވެ. އެ ރަށްތައް އަތުލީ އެއްބަސްވުމާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ހައި ކޯޓުން ފަހުން ވަނީ އެ ހުކުމްތައް ބާތިލްކޮށްފަ އެވެ.

އެ މައްސަލަތައް ވިލާ އިން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ހުކުމްކުރީ ވިލާއާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސުޕްރީމް ކޯޓުގެ އެ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އަދި އެ ރަށްތަކާ ބެހޭ ގޮތުން ހަދާފައިވާ ސެޓްލްމަންޓް އެގްރިމެންޓްގައިވާ ގޮތަށް، އެ ތަންތަނާ މެދު އެ މިނިސްޓްރީން އެއްވެސް ގޮތެއް ނިންމާނީ ރައީސް އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ ލަފައާ އެކު ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

އެ ރަށްތަކުގެ އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރީ ވިލާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އިން ދައުލަތާ ދެކޮޅަށް 129 މިލިއަން ޑޮލަރުގެ ދައުވާއެއް ކޮށްފައި އޮތުމުން ކަމަށް ބުނެ އެވެ.

ދައުލަތާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކުރަން ވިލާ އާއި ސަރުކާރާ ދެމެދު އޮތް ސެޓްލްމަންޓް އެގްރިމެންޓްގައި ބުނެފައި ވާއިރު، ވިލާއާ ގުޅުން އޮންނަ ޑަބްލިއުއެލްޓީ އިން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމަކީ ސެޓްލްމަންޓް އެގްރިމެންޓާ ވިލާ އިން ޚިލާފްވުން ކަމަށް ދައުލަތުން ބުނެފައި ވެ އެވެ. އެކަމަކު، ވިލާ އިން ބުނަމުން ގެންދިޔައީ ޑަބްލިއުއެލްޓީ އަކީ ސެޓްލްމަންޓް އެގްރިމެންޓްގެ ބައިވެރިއެއް ނޫން ކަމަށާއި އެހެންވެ، ޑަބްލިއުއެލްޓީ އިން ދައުވާ ކުރި ކުރުމަކީ އެއްބަސްވުން ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.

ވިލާއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު، އެ ރަށްތަކާ ގުޅިގެން 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން ވިލާއާ ދެކޮޅަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އޮތީ ދައުވާ ކޮށްފަ އެވެ. އެކަމަކު، އެ ހުކުމަށް ފަހު މީރާ އިން ފަހުން ވަނީ އެ ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ.